about 2 hours 0
ސިމްޑީ އާއި މަމްސް އެއިޑު ގުޅިގެން ފިޔަވަތި އަށް ހަދިޔާ ހަވާލުކުރަނީ
about 2 hours 0
ސިމްޑީ ގްރޫޕުގެ އިޖުތިމާއީ ޒިންމާގެ ދަށުން، "މަމްސް އެއިޑް" ޖަމިއްޔާއާއެކު އިސްތިރާތީޖީ ބައިވެރިވުމެއް ގާއިމުކޮށް، ފުރަތަމަ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
"އީދު ޑޮނޭޝަން ފޯ ޗިލްޑްރަން އިން ފިޔަވަތި" އިސްނެގުމުގެ ދަށުން ކުރިއަށްގެންދިޔަ ހަރަކާތުގައި، ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "ފިޔަވަތީ" ގައި ދިރިއުޅޭ ކުދިންނަށް ވަނީ ހާއްސަ ހަދިޔާ ޕެކޭޖުތަކެއް ބަހާފައެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އީދުގެ އުފާވެރިކަމުގައި އެ ކުދިން ބައިވެރިކުރުވުމާއި، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމެވެ. އެގޮތުން ބެހި ހަދިޔާ ޕެކޭޖުތަކުގައި ކުޑަކުދިން ބަލަހައްޓަން ބޭނުންވާ ސާމާނާއި، އަމިއްލަ ސާފުތާހިރުކަމަށް ބޭނުންވާ ތަކެއްޗާއި، ގޭތެރޭގެ ބޭނުންތަކަށް ބޭނުންވާ ސާމާނުގެ އިތުރުން ހާއްސަ ކާބޯތަކެތީގެ ބާވަތްތައް ހިމެނެއެވެ.
ސިމްޑީ ގްރޫޕުން ބުނި ގޮތުގައި، މަމްސް އެއިޑާއެކު ފެށި މި މަސައްކަތަކީ މުޖުތަމައުގެ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް އެހީތެރިވުމަށް އެކުންފުނިން ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތުގެ ބައެކެވެ. މިއީ ކުރިއަށް އޮތް ތަނުގައި މިފަދަ އެތައް ހަރަކާތެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ "ރޯޑްމެޕް" އެއްގެ ފުރަތަމަ މަރުހަލާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ސިމްޑީ ގްރޫޕަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. ކޮންސިއުމާ ގުޑްސް، ހޮސްޕިޓަލިޓީ، އަދި ޓެކްނޮލޮޖީގެ ދާއިރާގައި ފާހަގަކޮށްލެވޭ މި ކުންފުންޏަކީ އިޖުތިމާއީ ކަންކަމުގައި އަބަދުވެސް އިސް ނަގާ ކުންފުންޏެކެވެ. މަމްސް އެއިޑަކީ 2019 ވަނަ އަހަރުން ފެށިގެން، ނާޒުކު ހާލަތްތަކުގައި އުޅޭ އަންހެނުންނާއި ކުޑަކުދިންނަށް އެހީތެރިވުމަށް މަސައްކަތްކުރާ ގައުމީ ފެންވަރުގެ ޖަމިއްޔާއެކެވެ.
Comment