"ސިމްޑީ ރަމަޟާން ޕްރޮމޯޝަން 2026" ފަށައިފި އެވެ.
ސިމްޑީން ބުނީ މިއީ ބަރަކާތްތެރި ރަމަޟާން މަހަށް ހާއްސަކޮށްގެން، ކަސްޓަމަރުންނަށް ބޭނުންވާ ގޭތެރޭގެ ޒަރޫރީ ސާމާނާއި ހަދިޔާ ދިނުމުގެ ފުރުސަތުތައް އެއްތަނަކުން ފަސޭހަކަމާއެކު ލިބޭނެހެން ފަރުމާކޮށްފައިވާ އިން-ސްޓޯ ކެމްޕޭނެއް ކަމަށެވެ.
ފެބްރުއަރީ 15 އިން މާޗު 19، 2026 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ހޮވާލެވޭ ބައެއް އުފެއްދުންތަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.
ޕްރޮމޯޝަން ކުރިއަށްދާނީ ހަމައެކަނި ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ ސިމްޑީ ރެކްރިއާ ގައެވެ.
ސިމްޑީގެ މެނޭޖިން ޑިރެކްޓަރު މިޝްއަލް އިބްރާހިމް މުހައްމަދު ދީދީ އަދި ޖެނެރަލް މެނޭޖަރު ޔޫޝައު ސައީދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ؛
"ރަމަޟާން މަހަކީ ވިސްނުމާއި، ދީލަތިކަމާއި، އަދި އެކުވެރިކަމުގެ މަހެކެވެ. ސިމްޑީ ގްރޫޕުން އަބަދުވެސް މަސައްކަތް ކުރަނީ މިފަދަ ހާއްސަ ދުވަސްވަރެއްގައި ކަސްޓަމަރުންނަށް ބޭނުންތެރި އަދި އިތުބާރު ހުރި އުފެއްދުންތަކެއް ފޯރުކޮށްދިނުމަށެވެ،" ބަޔާނުގައިވެ އެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ރަމަޟާން މަހުގެ ތެރޭގައި ފެންވަރު ރަނގަޅު ތަކެތި ހެޔޮ އަގުގައި ކަސްޓަމަރުންނަށް ލިބޭނެކަން ކަށަވަރުކުރުމެވެ."
ހަދިޔާ ދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، ސިމްޑީން ވަނީ ހާއްސަ "ރޯދަ ހަދިޔާ" ޕެކްތަކެއް ތައްޔާރުކޮށްފައެވެ. ސިމްޑީ އޮންލައިން އެޕް މެދުވެރިކޮށް މި ޕެކްތަކަށް އޯޑަރު ކުރުމުން، ހަދިޔާ ލިބެންޖެހޭ ފަރާތަށް ސީދާ ޑެލިވަރީ ކޮށްދޭނެއެވެ.
ކުންފުނިތަކާއި ޖަމިއްޔާތަކުން މުވައްޒަފުންނަށް ނުވަތަ އިޖުތިމާއީ ކަންކަމަށް ހަދިޔާ ދިނުމަށް ބޮޑެތި އޯޑަރު ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށް ސިމްޑީ ބުންޏެވެ.
މީގެ 25 އަހަރު ކުރިން 2001 ވަނަ އަހަރު އުފެދުނު ސިމްޑީ ގްރޫޕަކީ ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ އެއް ކުންފުންޏެވެ. އެ ކުންފުނިން 200 އަށްވުރެ ގިނަ ބައިނަލްއަގުވާމީ ބްރޭންޑްތައް ތަމްސީލުކޮށް، 15,000 އަށްވުރެ ގިނަ އުފެއްދުންތަކާއި ހިދުމަތްތައް ފޯރުކޮށްދެއެވެ. 2023 ވަނަ އަހަރު ހުޅުވި ސިމްޑީ ރެކްރިއާ ޝޯރޫމަކީ ގޭތެރެއަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު އެއްތަނަކުން ލިބޭނެހެން ފަރުމާކޮށްފައިވާ ތަނެކެވެ.
Comment