Advertisement

އިންތިހާބާ ދިމާކޮށް ތިނަދޫ ސިޓީގެ ހައުސިން އަދި މަގު ހެދުމުގެ މަޝްރޫއު ފަށައިފި

ތިނަދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު ފެށުން -- ފޮޓޯ: ހައުސިން މިނިސްޓްރީ


އިންތިހާބާ ދިމާކޮށް ތިނަދޫ ސިޓީގެ ހައުސިން އަދި މަގު ހެދުމުގެ މަޝްރޫއު ފަށައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) އާ ދިމާކޮށް ތިނަދޫ ސިޓީގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު އާއި މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަޝްރޫއުތައް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ. ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާތަކުގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ތިނަދޫ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ ދަށުން 50 މަގެއްގެ ތާރު އަޅައި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ. މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ ހަތަރު އަހަރުންނެވެ.

މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިންނެވެ. އެ މަޝްރޫއަށް 34 މިލިއަނަށްވުރެ ގިނަ ރުފިޔާ އަރަ އެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ގެ ސްވިފްޓް އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްގެން ތިނަދޫގައި އަޅާ 50 ހައުސިން ޔުނިޓަކީ ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކެވެ.

އެ މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ ޖުމްލަ އެއް އަހަރާއި ދެ މަހުން ކަމަށްވާއިރު، މަޝްރޫއަށް ޖުމްލަ 64.79 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ތިނަދޫގައި އިމާރާތްކޮށްފައިވާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީން ހުޅުވާލި މުއްދަތުގައި ޖުމްލަ 1،022 މީހަކު ކުރިމަތިލާފައިވާއިރު، އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމަށްފަހު ހައުސިން ޔުނިޓްތައް ލިބޭ މީހުން އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.