about 1 hour 0
about 1 hour 0
ހުޅުމާލޭ ފޭސް އެކެއްގައި އާ ފުޓްބޯޅަ ސްޓޭޑިއަމެއްގެ މަސައްކަތް ކުރަން ނިންމާފައިވާއިރު، ލޯނެއް ނަގައިގެން އެކަން ކުރަން އުޅުމަކީ މާލީ ގޮތުން ބޮޑު ބުރައަކަށްވާނެ ކަމެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ރާފިއު މި ގޮތަށް ވިދާޅުވީ، ސްޕޯޓްސް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ގަލޮޅު ދަނޑުގެ މަސައްކަތާ ގުޅޭގޮތުން ކުރި ސުވާލަކަށް ދެއްވި ޖަވާބުގަ އެވެ.
އެ ގޮތުން، މިނިސްޓަރު ރާފިއު ވިދާޅުވީ، ގަލޮޅު ފުޓްބޯޅަ ދަނޑަކީ ވަރަށް އިހުތިރާމްކުރާ ސްޓޭޑިއަމެއް ކަމަށާއި ވަރަށް ބޮޑު ތާރީހެއް ގުޅިފައި އޮތް ތަނެއް ކަމަށެވެ.
"ވަރަށް ބޮޑު ކާމިޔާބަކާއި އަޅުގަނޑުމެންގެ އިމޯޝަންސްއާ ވަރަށް ހުޅި ލާމެހިފައިވާ ތަނަކަށްވާތީވެ، އެތަނުގައި އެ ދަނޑުބާއްވަން އަޅުގަނޑުމެން ގަސްދުކުރަން، އެހެން ނަމަވެސް، ސްޓޭޑިއަމެެއް ހަދަން އެންމެ އެކަށީގެންވާ ތަނަކަށް ނުވާތީވެ، ނެޝަނަލް ސްޓޭޑިއަމް އަޅުގަނޑުމެން ގަސްތުކުރަނީ ފޭސް އެކެއްގައި މިހާރު އޮތް ބިމަށް ބަދަލުކުރުމަށްް،" ރާފިއު ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން ބޭނުންވަނީ ގްރާންޓެއް ހޯދަން، ސަބަބަކީ، ފުޓްބޯޅަ ސްޓޭޑިއަމެއް ބިނާކުރުމަކީ ވަރަށް ބޮޑު ބަޖެޓެއް އެކަމަށްޓަކައި ބޭނުންވާ ކަމެއް. އެއީ، އަޅުގަނޑުމެން ލޯނެއް ނަގައިގެން އެކަން ކުރަންވެއްޖިއްޔާ އެއީ ވަރަށް ބޮޑު ބާޑަން އަކަށްވާނީ،"
މިދިޔަ ސަރުކާރުން ގަލޮޅު ދަނޑު ތަޅާލައި އެ ތަނުގައި އާ ދަނޑެއް އެޅުމުގެ މަސައްކަތްތަކެއް ކުރަން އިއުލާނުކުރި އެވެ. އެ ގޮތުން، ގަލޮޅު ދަނޑު ތަރައްގީ ކުރުމަށްޓަކައި އިންޑިއާގެ ލޯން އެހީގެ ތެރެއިން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ވެސް ހަމަޖެއްސި އެވެ. އެއީ، ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާ އިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެެރެއިން ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހަރަދުކުރަން، 2021 ވަނަ އަހަރުގެ ބަޖެޓްގައި 45،494،505 ރުފިޔާ ހިމެނި އެވެ. އޭގެ ފަހުން، އަހަރުތަކުގައި ވެސް އެ މަސައްކަތް ކުރަން ބެލި ނަމަވެސް އެކި ސަބަބުތަކާ ހުރެ އަމަލީ ސިފައެއް ނުޖެހުނެވެ.
ރާފިއު ވިދާޅުވީ، މި ސަރުކާރުން އާ ފުޓްބޯޅަ ސްޓޭޑިއަމްގެ މަސައްކަތް ކުރުމަށްޓަަކައި، ފައިނޭންސްގެ ކަންކަން ހަމަޖެއްސުމަށްޓަކައި، ދެ ގައުމަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
"އެއީ ޗައިނާ އާއި ސައުދި އަރަބިއްޔާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މި ވަނީ މި އަހަރު ތެރޭގައި އެ މަސައްކަތް އެ ތަނަށް ހަދަން ޖެހޭ ސާވޭ އާއި އެކަންކަން ކުރެވޭ ގޮތަށް. އޮފިޝަލް ކޮމިއުނިކޭޝަން އެސްޓަބްލިޝްވީހާ އަވަހަކަށް އިއުލާނުކުރާނެ ވާހަކަ ދަންނަވާލަން. މިހާރު ހޯޕްފުލްކޮށް މި ތިބީ މި އަހަރު ތެރޭ އޭގެ ޕޭޕަވޯކް ނިމި އަންނަ އަހަރު ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއްގައި މި ތިބީ،" ރާފިއު ވިދާޅުވި އެވެ.
ގަލޮޅު ސްޓޭޑިއަމްގައި "ވީރާނާވެފައި އޮތް ހިސާބު" ތަޅާލުުމުގެ މަސައްކަތް ކުރުމަށްޓަކައި، ވެމްކޯއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ރާފިއު ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާފިއު ވަނީ މާލެ ސަރަހައްދުގައި ތިން ސްޕޯޓްސް ކޮމްޕެލްކްސެއްގެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވާއިރު އެކަމާ ގުޅޭ މައުލޫމާތުތަކެއް ވެސް ހިއްސާކޮށްފަ އެވެ.
އެ ތިން ސްޕޯޓްސް ކޮމްޕްލެކްސް އަކީ، ވިލިމާލެ، ހުޅުމާލެ ފޭސް އެކެއް އަދި ހުޅުމާލެ ފޭސް ދޭއްގައި ގާއިމްކުރާ 12000 މީހުންގެ ސްޕެކްޓޭޓާސް ކެޕޭސިޓީ ހުންނަ މަލްޓި ސްޕޯޓްސް އިންޑޯ ކޮމްޕްލެކްސް އެއް ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ. އެ ތިން ތަނުގެ ތެރެއިން، ފޭސް ދޭއްގައި އަޅާ ސްޕޯޓްސް ކޮމްޕްލެކްސްގެ ބިން ހަމަޖެހިފައިވާ ކަމަށާއި ފޭސް އެކެއް އަދި ވިލިމާލޭގައި ހަދާ ސްޕޯޓްސް ކޮމްޕްލެކްސްގެ ބިމުގެ ކަންކަމާ ގުޅޭގޮތުން، ޕްލޭނިން މިނިސްޓްރީ އާއި ސިޓީ ކައުންސިލާ އެކު ވާހަކަ ދެކެވެމުން އަންނަ ކަމަށް ރާފިއު ވަނީ ވިދާޅުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment