about 1 hour 0
ސާއިފް ޝިޔާދު
ފިނޭންސް މިނިސްޓަރު ޒަމީރު، ހަރަދު ކުޑަކުރުމުގެ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް މިއަދު ސަރުކާރުން ހާމަކުރި --- ފޮޓޯ: ރައީސް އޮފީސް
about 1 hour 0
މެދުއިރުމަތީގައި ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދިޔަ ނަމަވެސް ކުރިއަށް މިއޮތް ދުވަސްތަކުގައި ތެލުގެ އަގަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިވަގުތު އެކަށީގެންވާ މިންވަރަށް ތެލުގެ ސްޓޮކު އެބަހުރި ކަމަށާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދެ ޓޭންކަރަކުން ރާއްޖެއަށް ތެޔޮ ގެނެސްފައިވާ ކަމަށެވެ.
"އެޕްރީލް ދޭއް ތިނެއް ހިސާބު އަންނާނެ ސިންގަޕޫރުން ބަރުކޮށްގެން އަންނަ ވެސެލްއެއް، އޭގައި ވެސް ޑީސަލާއި ޕެޓްރޯލާ ހުންނާނެ. ހަމައެއާއެކު ހަތަރެއް ނޫނީ ފަހެެއް ހިސާބު އޮމާންގެ ސޮހާރުން އަނެއްކާ ވެސް ބަރުކޮށްގެން އަންނާނެ،" ރާއްޖެއަށް އަންނަ ތެލުގެ ޝިޕްމެންޓުތަކުގެ މައުލޫމާތު ޒަމީރު ހިއްސާކުރެއްވި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދެ ގުނަ ބޮޑުވެފައިވާ ކަމަށާއި މިވަގުތު ރާއްޖެއިން ގަންނަ ތެލުގެ ފީފާއެއްގެ އަގު 160 ޑޮލަރާ ހަމައަށް އަރާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ. ނަމަވެސް، ރާއްޖޭގައި ތެލުގެ އަގުބޮޑުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ސަރުކާރުން ވަނީ މިއަދު ބުނެފަ އެވެ.
"މިއޮތް ދުވަސްތަކުގެ ތެރޭގައި ތެލުގެ އަގު އިތުރަށް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތް. ބައެއް އިންޑަސްޓްރީތަކަށް މާ ބޮޑަށް ގެއްލުންވެދާނެތީވެ، އާންމުންނަށް މާ ބޮޑަށް އޭގެ އުނދަގޫ ފޯރަފާނެތީ ބައެއް ކަހަލަ ދިމަދިމާލުން ހުންނާނީ ތެލުގެ އަގު ބޮޑުނުކޮށް،" ޒަމީރު ވިދާޅުވި އެވެ.
އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުތަކުން ވިއްކާ ތެލުގެ އަގު އެންމެ ފުރަތަމަ ބޮޑުކުރީ މާޗު 5، ގަ އެވެ. އެ ދުވަހު 13.50ރ. އަށް ހުރި ޕެޓްރޯލް ލީޓަރެއް 16.01ރ. ބޮޑުކުރިއިރު 13.92ރ ހުރި ޑީސަލް ލީޓަރެއްގެ އަގު 17.54ރ. ބޮޑުކުރި އެވެ.
އެއީ ޕެޓްރޯލް ލީޓަރަކުން 18 ޕަސެންޓު ބޮޑުވުމެކެވެ. އަދި ޑީސަލް ލީޓަރަކުން ގާތްގަނޑަކަށް 26 ޕަސެންޓު ބޮޑުވުމެކެވެ.
އެސްޓީއޯގެ ޝެޑުތަކުން މި އަގުގައި ޕެޓްރޯލާއި ޑީސަލް ވިއްކި ނަމަވެސް އެ ކުންފުނީގެ ބައުޒަރުތަކާއި ޕަމްޕު ސްޓޭޝަންތަކުން ވިއްކާ ތެލުގެ އަގު ވަނީ ވަރަށް ބޮޑުކޮށްފަ އެވެ. އެފްއެސްއެމްގެ ކަސްޓަމަރުންނަށް ޕެޓްރޯލް ލީޓަރެއްގެ އަގު 27.13ރ. އަށް އަދި ޑީސަލް ލީޓަރެއްގެ އަގު 28.32ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ. ޝެޑުތަކުން ވިއްކާ އަގަށްވުރެ ތެލުގެ ވަނީ 60 ޕަސެންޓުން ބޮޑުކޮށްފަ އެވެ.
ޕެޓްރޯލް އާއި ޑީސަލްގެ އަގު ބޮޑުކުރުމުން މުދަލާއި ހިދުމަތުގެ އަގުތަކަށް ބަދަލު އަންނަން ވަނީ ފަށާފަ އެވެ. އަތޮޅުތަކަށް ދަތުރުކުރާ ލޯންޗު ފެރީތަކުގެ އަގުތައް ވަނީ އުފުލިފަ އެވެ. މުދާ އުފުލާ ބޯޓުފަހަރުގެ ނާލު ވެސް ބޮޑުކުރަން ވަނީ ފަށާފަ އެވެ.
ތެލުގެ އަގު ބޮޑުވަމުން މި އަންނަނީ ހޮރުމޫޒު ކަނޑުއޮޅި ބަންދުކޮށް ދުނިޔޭގެ ސަޕްލައިގެ ބޮޑު ބައެއް ހުއްޓިފައި އޮތުމުންނެވެ. އެމެރިކާއިން އަރަބި ގައުމުތަކުގެ ސަރަހައްދު ބޭނުންކޮށްގެން އިރާނަށް ހަމަލާ ދޭތީ އިރާނުން އެ ގައުމުތަކަށް ދޭ ރައްދު ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ތެޔޮ އުފައްދާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
Comment