ލަންކާގެ ތެޔޮ ޝެޑެއްގައި
އެމެރިކާ އާއި އިޒްރޭލުން އިރާނަށް ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވަމުން އަންނާތީ އަވަށްޓެރި ސްރީލަންކާގައި ވިއްކާ ތެލުގެ އަގު 25 ޕަސެންޓު ބޮޑުކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
މިއީ ފާއިތުވި ދެ ހަފްތާ ތެރޭގައި އެ ގައުމުން ތެލުގެ އަގު ބޮޑުކުރި ދެވަނަ ފަހަރެވެ. ލަންކާގެ ސަރުކާރުން ވަނީ މިދިޔަ ހަފްތާގައި ވެސް އަށް ޕަސެންޓުން ތެލުގެ އަގު ބޮޑުކޮށްފަ އެވެ.
މި ބަދަލާއެކު ޕެޓްރޯލް ލީޓަރެއްގެ އަގު 317 ރުޕީސް އިން 398 ރޫޕީސް (1.30 އެމެރިކާ ޑޮލަރު) އަށް ވަނީ އުފުލިފަ އެވެ. އަދި އާންމު ދަތުރުފަތުރަށް ބޭނުންކުރާ ޑީސަލް ލީޓަރަކުން 79 ރުޕީސް ބޮޑުވެ، މިހާރު ލީޓަރެއްގެ އަގު ހުރީ 382 ރުޕީސްގަ އެވެ.
ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން ބުނި ގޮތުގައި، އަގަށް މި ގެނައި ބަދަލާއެކު ތެޔޮ ބޭނުންކުރާ މިންވަރު 15-20 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށްކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ތެޔޮ އިގުތިސާދު ކުރުމަށްޓަކައި ސްްރީލަންކާގައި މިހާރު ވަނީ ހަފްތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ހަމަޖައްސާފަ އެވެ. މި ބަދަލު ސްކޫލްތަކާއި ޔުނިވާސިޓީތަކަށް ވެސް ހިނގާނެ ނަމަވެސް، ޒަރޫރީ ހިދުމަތްތައް ދޭ އިދާރާތަކުގެ ބަންދު ދުވަހުގެ ގޮތުގައި ހަމަޖައްސާފައިވަނީ ބުދަ ދުވަހެވެ.
ލަންކާގައި ތެޔޮ ގަންނަން ބޭނުންވާ ފަރާތްތަކުން "ނޭޝަނަލް ފިއުލް ޕާސް" އެއްގައި ރަޖިސްޓްރީވާން ޖެހެ އެވެ. އެ ޕާސްގެ ދަށުން ކޮންމެ މީހަކަށް ވެސް ގަނެވެނީ ކަނޑައެޅިފައިވާ ވަކި މިންވަރެއްގެ ތެލެވެ.
އެ ގޮތުން، އަމިއްލަ ކާރުތަކަށް 15 ލީޓަރު އަދި ސައިކަލުތަކަށް ފަސް ލީޓަރު ކަނޑައަޅާފައިވާއިރު، މިއީ ވަރަށް މަދު މިންވަރެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
Comment