about 1 hour 0
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސްރީ ލަންކާގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗު އިމްރާން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
about 1 hour 0
ފުޓްބޯޅައިގައި ރާއްޖެ އާއި ސްރީ ލަންކާގެ ވާދަވެރިކަން ފެންނަނީ ކްރިކެޓްގައި އިންޑިއާ އާއި ޕާކިސްތާން ކަހަލަ ގޮތަކަށް ކަމަށް ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާ ސްރީ ލަންކާ ޓީމުގެ އެސިސްޓަންޓް ކޯޗު، މުހައްމަދު އިމްރާން ބުނެފި އެވެ.
މާދަމާ ރާއްޖޭގައި ފަށާ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި، ސްރީ ލަންކާ އިން ކުޅޭ ފުރަތަމަ މެޗުގައި، 20:30 ގައި ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ.
ސްރީ ލަންކާ އިން ވަނީ ގަތަރުގެ ކޯޗު އަހުމަދު އަލް-މައްނާއީ، 20 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ހަމަޖައްސައިފަ އެވެ. އަލް-މައްނާއި ވަނީ މީގެ ކުރިން ސްރީ ލަންކާގެ 23 އަަހަރުން ދަށުގެ ފުޓްބޯޅަ ޓީމާއި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ލަންކާ ޓިމުތަކަށް ކޯޗުކޮށްދީފަ އެވެ. އަލް-މައްނާއިގެ އިރުޝާދުގެ ދަށުން ތިން ހަފްތާގެ ޓްރެއިނިންތަކެއް ކުރިއަށް ގެންގޮސް ލަންކާ އިން ސާފް 20 އަހަރުން ދަށުގެ މުބާރާތަށް އައިއިރު، އުންމީދަކީ ޓްރެއިިނިންގެ އެ ރަނގަޅު ކަންތައްތައް މުބާރާތުގައި ވެސް ކުރިއަށްގެންދިއުމެވެ.
"މުބާރާތްތަކުގެ މެޗުތައް ވަރަށް ފޯރިގަދަ މިހާރު، ސްރީލަންކާ-ރާއްޖެ (ފުޓްބޯޅަ) މެޗު ގާތްގަނޑަކަށް، ކްރިކެޓްގައި ޕާކިސްތާން-އިންޑިއާ މެޗެއް ފަދަ ގޮތަކަށް ފެނިގެންދަނީ. އެއްގޮތް ކަންތައްތަކެއްް ހުރޭ، މިހެން މެޗުތައް ދިޔަސް އަހަރެމެންނަކީ އެކުވެރިން، ވަރަށް ގިނަ ދިވެހިން ސްރީ ލަންކާގައި ވެސް އުޅޭ، ދެން، ކުޅިވަރުގައި މި ކަހަލަ ކަންްތައްތައް އަންނާނެ ވާދަވެރިކަމުގެ ތެރެއިން،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސިސްޓަންޓް ކޯޗު، އިމްރާން ބުންޏެވެ.
އޭނާ ބުނީ، މީގެ 26 އަހަރު ކުރިއަށް ބަލާއިރު، ސްރީލަންކާ އާއި އިންޑިއާ އަކީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ފޭވަރިޓުން ކަމަށެވެ. އެކަމަކު، މިހާރު ހާލަތު ބަދަލުވެފައިވާ ކަމަށް އިމްރާން ގަބޫލުކުރެ އެވެ.
"މިހާރު ރާއްޖޭގެ އެފްއޭ ވަރަށް ރަނގަޅަށް މަސައްކަތްކުރޭ، އެ މީހުންގެ (ރާއްޖޭގެ) ފުޓްބޯޅަ ރަނގަޅު ލެވަލަަކަށް އެ ދަނީ، ވަރަށް ވާދަވެރިކޮށް ގްރޫޕް ސްޓޭޖުގައި ވެސް ކުޅޭ. އަހަރެމެންގެ ޕްލޭން އެބަހުރި، ކުރިއަށް އޮތް މެޗަށް ވެސް މި މުބާރާތަށް ވެސް. ގަތަރު ކޯޗެއްގެ ބެލުމުގެ ދަށުން ރަނގަޅު ޓްރެއިނިންތައް ހެދިއްޖެ، ދެން، ބޭނުމީ ދަނޑުމަތީގައި އެކަންކަން ކުރަން،" ކުރިން ލަންކާ ޓީމަށް ކުޅުނު އިމްރާން ބުންޏެވެ.
ރާއްޖެ އާއި ސްރީ ލަންކާ އަކީ ވަރަށް ގުޅުން ރަނގަޅު ދެ ގައުމު ކަމަށްވާއިރު، ދެ ޓީމަށް ވެސް ސަޕޯޓް ދިނުމަށް އިމްރާން ވަނީ އެދިފަ އެވެ.
އިމަޖެންސީ އެކި ހާލަތްތަކުގައި ވެސް ރާއްޖެ އާއި ސްރީ ލަންކާ އިން އެއް ގައުމު އަނެއް ގައުމަށް ވެދެމުން އަންނަ އެހީތެރިކަން ފެންނަމުން އަންނައިރު، ރާއްޖޭގެ ގިނަ ބަޔަކު ސިއްހީ ކަންކަމުގައި ސްރީ ލަންކާ ހޮސްޕިޓަލްތަކަށް ވެސް ދާ ކަމަށާއި އުންމީދަކީ، ދިވެހިންގެ ސަޕޯޓްގެ ތެރެއިން 30 ވަރަަކަށް ޕަސެންޓް މީހުން ސްރީ ލަންކާ އަށް ސަޕޯޓްކުރާނެ ކަމަށް ކަމުގައި އިމްރާން ވަނީ ބުނެފަ އެވެ.
ސްރީ ލަންކާ އާއި ރާއްޖޭގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ، ބޫޓާން އާއި ނޭޕާލް އެވެ. ބޫޓާނާއި ނޭޕާލް ކުޅޭ މެޗު އޮތީ މާދަމާ ހަވީރު 15:45 ގަ އެވެ.
Comment