Advertisement

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ރާއްޖޭގެ ފުޓްބޯޅަ އަށް މިއޮތީ ރަނގަޅު ފުރުސަތެއް: އުރްބާނީ

about 2 hours 0

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން އުރްބާނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް


20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ރާއްޖޭގެ ފުޓްބޯޅަ އަށް މިއޮތީ ރަނގަޅު ފުރުސަތެއް: އުރްބާނީ

about 2 hours 0

އަންނަ ހޯމަ ދުވަހު ރާއްޖޭގައި ފަށާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އަށް މި އޮތީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ފެންވަރު ވަޒަންކޮށްލައި ކުރިއަށްދިއުމަށްޓަކައި ރަނގަޅު ފުރުސަތެއް ކަމަށް 20 އަހަރުން ދަށުގެ ޓީމުގެ ކޯޗު، ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެވެ.

ރާއްޖޭގައި ބާއްވާ ސާފްގެ އުމުރުފުރާގެ ފުރަތަމަ މުބާރާތް، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ އަންނަ ހޯމަ ދުވަހުން ފެށިގެން އޭޕްރީލް 3 ވަނަ ދުވަހުގެ ނިޔަލަށް ގަލޮޅު ދަނޑުގަ އެވެ. މުބާރާތުގެ ކުރިން، ރާއްޖޭން ވަނީ ބާސެލޯ ނަސަންދުރާގައި ކޭމްޕްކޮށްފަ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމުން ވަނީ ސިންގަޕޫރުގައި ކޭމްޕެއް ފުރިހަަމަކޮށް ދެ މެޗު ކުޅެފަ އެވެ. ފުރަަތަމަ މެޗުން 4-3 އިން ރާއްޖެ މޮޅުވިއިރު، ދެ ވަނަ މެޗުން ވަނީ 6-2 އިން ބަލިވެފަ އެވެ.

ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާ ބެހޭގޮތުން އުރްބާނީ ބުނީ، މުބާރާތުގެ ކުރިން ވާނެ ގޮތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެކަމަކު، ފުރަތަމަ ދެ މެޗު ކުޅެލެވުމާ އެކު، ވަރަށް ރަނގަޅަށް ކަންކަން އެނގިގެން ވާހަކަ ދެއްކޭނެ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.

"އަހަރެެމެން މި ޓީމުގެ މަސައްކަތް ފެށީ 160 އަށް ވުރެން ގިނަ ކުދިންނާ އެކު، ޓްރަޔަލް އިން، ދެން އަހަރެމެން ފައިނަލް ސިލެކްޝަނެއް ހެދީ، އަހަރެމެންނަށް ފުރުސަތު ލިބިގެންދިޔަ ރާއްޖޭން ބޭރަށް ގޮސް އިންޓަނޭޝަނަލް ދެ މެޗު ކުޅެން ސިންގަޕޫރުގައި، އޭގެ ސަބަބުން އަހަރެމެންނަށް ލިބިގެންދިޔަ ޓީމާ ބެހޭ މުހިންމު ކަންތައްތަކެއް، އަހަރެމެން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މި ތިބީ ކިހާ ހިސާބެއްގައިކަން،" އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރަމުން އަންނަ އުރްބާނީ ބުންޏެވެ.

މިއީ، އުރްބާނީ، ރާއްޖޭގެ ކޯޗުކަމާ ހަވާލުވި ތިން ވަނަ ފަަހަރެވެ. އަދި، ރާއްޖެ އަށް ކޯޗުކޮށްދޭން އޭނާ މި އައީ، 12 އަހަރު ފަހުންނެވެ. އެ ގޮތުން، އުރްބާނީ އެންމެ ފުރަތަމަ ފަހަރު ރާއްޖޭގެ ކޯޗަކަށް ގެނައީ، 2009 ވަނަ އަހަރު އެވެ. އެ ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރާއްޖެ ވަނީ ކުޅެފަ އެވެ. ރާއްޖެ ޕާސިން ފުޓްބޯޅަ ކުޅޭ ޓީމަކަށް ކުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލި ކޯޗު އުރްބާނީ ވަނީ، 2010 ވަނަ އަހަރު ކޮންޓްރެކްޓް ހަމަވުމާ ހަމައަށް ރާއްޖެ އަށް ކޯޗުކޮށްދީފަ އެވެ.

ރާއްޖޭގެ އުމުރުފުރާ ގައުމީ ޓީމަކުން ހޯދި ފުރަތަމަ ތަށި، ސްރީ ލަންކާގައި 2012 ވަނަ އަހަރު ބޭއްވި މަހިންދުރަ ރާޖަ ޕަކްސަ ކަޕް (23 އަހަރުން ދަށުގެ މުބާރާތް) ރާއްޖޭން ކާމިޔާބުކުރީ އުރްބާނީގެ ކޯޗުކަމުގަ އެވެ. އެއީ، 2011 އިން 2013 އަށް ގައުމީ ކޯޗަކަށް އުރްބާނީ ދެ ވަނަ ފަހަރު ރާއްޖޭގައި މަސައްކަތް ކުރި އެވެ.

އުރްބާނީ ބުނީ، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަކަށް ތައްޔާރުވާއިރު، މިއީ، ވަރަށް މުހިންމު އުމުރުފުރާއެއްގެ މެދުގައި ކުރިއަށްދާ މުބާރާތެއް ކަމަށެވެ.

"(މި މުބާރާތުން) ފެނިގެންދާނެ ވަރަށް ބޮޑެތި ފަރަގުތަކެއް ކުޅުންތެރިންގެ މި ފިޒިކަލް ކަންކަމުގައި މި ހުރި، މި ޓީމުތަކުގައި، ދެން ކުޅުންތެރިންގެ މި ހުރި ތަފާތު ވެސް، ޖުމްލަކޮށް ބަލާއިރު އަހަރެމެންނަށް ކުރިއެރުންތަކެއް ފެނިގެން ގޮސްފި، ދެން، އެންމެ ބޮޑު އަމާޒަކަށްވީ ޓީމެއް ބިނާކުރުމަށް، ވަރަށް ގުޅުން ރަނގަޅަށް އޮތް، އަހަންނަށް ފެންނަ ގޮތުގައި އެކަން ވެސް ދަނީ ރަނގަޅު މިސްރާބުން، އަހަރެމެން މި ތިބި ހިސާބެއް ބުނުމަކީ ދަތިކަމެއް،" އުރްބާނީ ބުންޏެވެ.

"ޔަގީނުން ވެސް އަހަރެމެން މި ތިބީ މި މުބާރާތުގައި މި ލިބިފައި އޮތް ފުރުސަތާ މެދު އުންމީދުގައި، މޯޓިވޭޓްވެފައި، މިއީ އަހަންނަށް ލިބޭ ފުރުސަތެއް މި އުމުރުފުރާގެ ކުޅުންތެރިން ތިބި ހިސާބެއް ދެނެގަންނަން،"

ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި، ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން އޮތީ ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާ އެވެ. ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެރޭ ރާއްޖޭން ކުޅޭނީ ލަންކާއާ އެވެ. ދެ ވަނަ މެޗުގައި، މި މަހު ބުދަ ދުވަހުގެ ރޭ ބޫޓާނާ ދެކޮޅަށް ކުޅޭނެ އެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، ހުކުރު ދުވަހު ހަވީރު ނޭޕާލާ ކުޅޭނެ އެވެ.