about 2 hours 0
about 2 hours 0
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ހިންގާ ކޮމިޓީގެ މެމްބަރުކަމުން ސޮފްވާން އަހުމަދު ވަކިކުރުމާ އެކު، އެ ހުސްވި މަގާމަށް ކުރިމަތިލުމަށް، ވީއޭއެމް އިން ހުޅުވާލައިފި އެވެ.
ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުތަކެއް އަމާޒުވެފައިވާ ސޮފްވާން، ހިންގާ ކޮމިޓީގެ މެމްބަރު ކަމުން ވަކިކޮށް، އޭނާގެ މައްޗަށް ގިނަ ފިޔަވަޅުތަކެއް އަޅަން، ދާދި ފަހުން، ބޭއްވި ވީއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ.
ވީއޭއެމް އިން އިއްޔެ ގެޒެޓުގައި ހިމަނާފައިވާ އިއުލާނުގައި ބުނެފައުވަނީ، އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މެމްބަރުގެ މަގާމަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިޚާބު އަންނަ މަހު 11 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، އެ މަގާމަށް ކުރިމަތިލުމަށްޓަކައި، އަންނަ މަހު އެއް ވަނަ ދުވަހުގެ 14:00 ކުރިން ހުށަހެޅުމަށް ސުންގަނޑި ވަނީ ކަނޑައަޅައިފަ އެވެ.
ސޮފްވާން ހުރި ހިންގާ ކޮމީޓީގެ މަގާމަށް އިންތިހާބުކުރާ މެމްބަރުގެ ދައުރަކީ، ހިނގަމުން މިދާ ދައުރުގެ ބާކީ ބައެވެ. އެއީ، 1 އޭޕްރީލް 2029 ގެ ނިޔަލަށް ކަމަށް ވީއޭއެމް އިން ވަނީ ބުނެފަ އެވެ. މި މަގާމަށް ކުރިމަތިލެވޭނީ ވަކި މެމްބަރެއްގެ ގޮތުގަ އެވެ.
ވީއޭއެމްގެ ހިންގާ ކޮމިޓީގެ އިންތިހާބީ މަގާމަކަށް ކުރިމަތިލެވޭ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކަކީ، މީލާދީ ގޮތުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުމާއި އެސޯސިއޭޝަނުގެ މެމްބަރު ކުލަބެއްގެ މެމްބަރެއް ނުވަތަ އެސޯސިއޭޝަނުގެ އަމިއްލަ މެމްބަރަކަށްވުން، ނުވަތަ އެސޯސިއޭޝަންގެ ހިނގަމުންދާ ދައުރުގެ ހިންގާ ކޮމިޓީގެ މެމްބަރަކަށްވުމާއި ޖިނާއީ ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތަކަށް ނުވުމާއި ނުވަތަ އެ ޙުކުމެއް ތަންފީޒުކޮށް ނުވަތަ އެ ފަދަ ހުކުމެއް މާފްކުރިތާ ފަސް އަހަރު ވެފައިވާ ފަރާތަކަށްވުމާއި ބުއްދި ސަލާމަތުން ހުރުމެވެ.
Comment