Advertisement

މެސީ ވެސް ކެރިއަރުގައި 900 ގޯލު ހަމަކޮށްފި

about 2 hours 0


މެސީ ވެސް ކެރިއަރުގައި 900 ގޯލު ހަމަކޮށްފި

about 2 hours 0

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (މާޗް 19) - ކޮންކަކަފް ޗެމްޕިއަންސް ކަޕްގެ ގަދަ 16 ބުރުގައި ނޭޝްވިލްއާ 1-1 އިން އެއްވަރުވި މެޗުގައި ޖެހި ގޯލާ އެކު، އިންޓަ މިއާމީގެ ކެޕްޓަން، ލިއޮނަލް މެސީ، ފުޓްބޯޅަ ކެރިއަރުގައި 900 ގޯލު ހަމަކޮށްފި އެވެ.

މި ނަތީޖާއާ އެކު، ރަށުން ބޭރުގައި ޖެހި ގޯލުގެ ގަވާއިދުން، އިންޓަ މިއާމީ ވަނީ މި މުބާރާތުން ކަޓައިފަ އެވެ.

އުމުރުން 38 އަހަރުގެ މެސީ އަކީ، ފުޓްބޯޅައިގެ ތަފާސްހިސާބުތައް ގަވާއިދުން ރެކޯޑް ކުރެވެން ފެށި ފަހުން، 900 ގޯލު ހަމަކުރި ދެ ވަނަ ކުޅުންތެރިޔާ އެވެ. އެންމެ ފުރަތަމަ އެ އަދަަދަށް ގޯލު ޖެހީ، މެސީގެ އެންމެ ވާދަވެރި ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިހާރު އުމުރުން 41 އަހަރުގެ ރޮނާލްޑޯ، 900 ވަަނަ ގޯލު ޖެހީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ކްރޮއޭޝިއާ ކޮޅަށެވެ. މިހާރު، ރޮނާލްޑޯގެ ޖުމްލަ ގޯލުގެ އަދަދަކީ 959 ގޯލެވެ.

ބްރެޒިލްގެ ލެޖެންޑަރީ ތަރި، ޕެލޭ ވަނީ އޭނާ 1000 ގޯލު ޖެހި ކަމަށް ބުނެފަ އެވެ. އެކަމަކު، ރަސްމީ ސިފައެއްގައި އޭނާގެ ގޯލު ޖެހުމުގެ އެ ރެކޯޑް ސާބިތުކުރެވިފައިނުވެ އެވެ.

މެސީގެ ގޯލު ޖެހުމުގެ ތަފްސީލްތަކަށް ބަލާއިރު، 17 އަހަރު ކުޅެދިން، ބާސެލޯނާ އަށް، 778 މެޗުން ވަނީ 672 ލަނޑު ޖަހައިދީފަ އެވެ. ޕީއެސްޖީ އަށް 75 މެޗުން 32 ލަނޑު ޖެހިއިރު، މިހާރު ކުޅެމުން އަންނަ އިންޓަ މިއާމީ އަށް ވަނީ 81 ލަނޑު ޖަހައިދީފަ އެވެ. އެއީ، އެ ޓީމަށް ކުޅެދިން 92 މެޗުންނެވެ.

އެ ގޮތުން، މެސީ ޖެހި 900 ގޯލުގެ ތެރެއިން 755 ލަނޑު ޖެހީ ވާތުފައިންނެވެ. 111 ގޯލު ކަނާތު ފައިން ޖެހިއިރު، ބޮލުން ހަތަރު ގޯލު ވަނީ ޖަހައިފަ އެވެ. އަދި، 112 ޕެނަލްޓީ ޖެހިއިރު، 70 ގޯލު ޖަހާފައިވަނީ ހިލޭ ޖެހުމުންނެވެ.

ކެރިއަރުގައި މެސީ އެންމެ ގިނަ ގޯލު ޖެހީ، 25 ލަނޑު ޖެހި ސެވިއްޔާ ކޮޅަށާއި 24 ލަނޑު ޖެހި އެތުލެޓިކް ބިލްބާއޯ ކޮޅަށާއި 23 ލަނޑު ޖެހި އެތުލެޓިކޯ މެޑްރިޑް ކޮޅަށާއި 18 ލަނޑު ޖެހި ވެލެންސިއާ ކޮޅަށާއި، 17 ލަނޑު ޖެހި ރެއާލް މެޑްރިޑް ކޮޅަށް އަދި 16 ލަނޑު ޖެހި ލެވާންޓޭ ކޮޅަށެވެ.