Advertisement

މައްސަލަ ޖެއްސުމަށްފަހު އަދާލަތުގެ ރައީސަކަށް ކުރިމަތިލި އިކްރާމް ނަން އަނބުރާ ގެންގޮސްފި

އަދާލަތު ޕާޓީގެ ރައީސަކަށް ކުރިމަތިލުމަށްފަހު ނަން އަނބުރާ ގެންދިޔަ އިކްރާމް އަބްދުއްސައްތާރު -- ފޮޓޯ: އިސްލާމިކް ޔުނިވާސިޓީ


މައްސަލަ ޖެއްސުމަށްފަހު އަދާލަތުގެ ރައީސަކަށް ކުރިމަތިލި އިކްރާމް ނަން އަނބުރާ ގެންގޮސްފި

އަދާލަތު ޕާޓީގެ ހަތަރުވަނަ ދައުރުގެ ރައީސަކަށް ކުރިމަތިލި އިކްރާމް އަބްދުއްސައްތާރު އިންތިހާބާމެދު މައްސަލަ ޖެއްސުމަށްފަހު ނަން އަނބުރާ ގެންގޮސްފި އެވެ.

އިކްރާމްގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ނަން އަނބުރާ ގެންދަން ނިންމީ ދެފުށް ފެންނަ އަދުލު އިންސާފުގެ އުސޫލުތަކާއި ހިލާފަށް، ހުދުމުހްތާރު ނިޒާމަކަށް މަގުފަހިވާގޮތަށް ހަމަ ބުއްދީގެ މަގުން އެއްކިބާވެ، ކޮންމެ ގޮތެއް ހަދައިގެންވެސް އިންތިހާބުން ބޭނުންވާ ނަތީޖާއެއް ނެރެން ރާވާފައިވާތީ ކަމަށެވެ.

ނަން އަނބުރާ ގެންދަން އިކްރާމް ނިންމި މައިގަނޑު ސަބަބަކީ ވޯޓުފޮށި ބަހައްޓައިގެން، ޕާޓީގެ އާންމު މެންބަރުން ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓުލުމުގެ ހައްގު ޕާޓީ މެންބަރުންނަށް ނުދިމުންނެވެ. އަދާލަތު ޕާޓީން ނިންމާފައިވަނީ އިންތިހާބު އޮންލައިންކޮށް ބޭއްވުމަށެވެ.

"މި އިންތިހާބުގައި ވާދަ ނުކުރުމަށް އަޅުގަނޑުމެންނަށް ތާއީދުކުރާ ވަރަށްގިނަ ފަރާތްތަކުން ލަފާދީފައިވާތީ، އަޅުގަނޑާއި އަޅުގަނޑުގެ ރަނިންމޭޓްގެ ނަން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓުން ނަގައިފިން،" އިކްރާމް ބުންޏެވެ.

އިކްރާމް ވަނީ އޭނާ އަދާލަތުގެ ރައީސަކަށް ހޮވުމަށް ތާއީދުކުރި ހުރިހާ އެންމެންނަށާއި މަސައްކަތް ކޮށްދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.

އަދާލަތުން ބުނީ އެ ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު އޮންލައިންކޮށް ބޭއްވުމަށް ޕާޓީގެ ދުސްތޫރު ތަންދޭ ކަމަށެވެ. އެގޮތުން އިންތިހާބާ ބެހޭގޮތުން، ދޮގު މައުލޫމާތު ނުފެތުރުމަށާއި އިންތިހާބާމެދު ޝައްކު އުފެދޭ ގޮތަށް މަސައްކަތް ނުކުރަން އެ ޕާޓީން ކުރިން އެދިފައިވެ އެވެ.

އަދާލަތު ޕާޓީން ބުނީ މި މަހު 31، ވާ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު މި ފަހަރުގެ ބާއްވަނީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ އިލެކްޓްރޯނިކް ވޯޓިން ހިދުމަތް ކަމަށްވާ "ފަހި ވޯޓު" މެދުވެރިކޮށެވެ.

އިންތިހާބުގައި އިކްރާމްގެ އިތުރުން ދެން ވާދަކުރައްވަނީ އަދާލަތު ޕާޓީގެ ނައިބުރައީސް ޝައިހް މުހައްމަދު ޝިފާނެވެ. އޭނާގެ ނައިބެއްގެ ގޮތަށް ހުށަހަޅާފައިވަނީ ޝައިހް އަބްދުﷲ ރަޝީދު އެވެ.

އިކްރާމް ނަން އަނބުރާ ނެގުމުން އެކަން އަދާލަތު ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ބެލުމަށްފަހު ދެން އަމަލުކުރާނެ ގޮތަކާމެދު ގޮތެއް ނިންމާނެ އެވެ.

މިވަގުތު އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވީ މިދިޔަ އެމްޑީޕީ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އިމްރާން އަބްދުالله އެވެ. އަދާލަތަކީ އެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ.

އަދާލަތު ޕާޓީގެ ރައީސްކަމުގެ މަގާމު ދެ ދައުރު ފުރުއްވި ޝައިހް އިމްރާން އަބްދުﷲ އެ މަގާމަށް ވާދައެއް ނުކުރައްވަ އެވެ. އަދާލަތު ޕާޓީގެ ހިންގާ ގަވާއިދު ބުނާގޮތުން ވިދިވިދިގެން ދެ ދައުރު ރައީސްގެ މަގާމަށް ކުރިމައްޗެއް ނުލެވެ އެވެ.