ސުލައިމާނީ އާއި ލަރީޖާނީ
އިޒްރޭލުން ދިން ވަރުގަދަ ހަމަލާތަކެއްގައި އިރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ އާއި ބަސީޖް ފޯސްގެ ކޮމާންޑަރު ޣުލާމްރިޒާ ސުލައިމާނީ އަވަހާރަވެއްޖެކަން އިރާނުގެ މީޑިއާތަކުން ކަށަވަރުކޮށްދީފިއެވެ.
ލަރީޖާނީއަކީ އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަން ކުރެއްވި، އަދި އެގައުމުގެ ނިއުކްލިއާ މަޝްވަރާތަކުގައި އިސްކޮށް އުޅުއްވި ނުފޫޒުގަދަ ބޭފުޅެކެވެ.
މި ހަމަލާއާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، މިއީ އިރާނުގެ ވެރިކަން ވައްޓާލުމަށް މަގުފަހިކުރުމަށް ދިން ހަމަލާއެއް ކަމަށެވެ.
މިއީ މިދިޔަ ފެބްރުއަރީ މަހު އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ފަހުން، އިޒްރޭލާއި އެމެރިކާގެ ހަމަލާއެއްގައި އަވަހާރަވި އިރާނުގެ އެންމެ މަތީ ފަންތީގެ އޮފިޝަލެވެ.
އިރާންގެ ސެކިއުރިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ލަރީޖާނީ ސިފަކޮށްފައިވަނީ އިރާނުގެ އިސްލާމީ އިންގިލާބަށްޓަކައި މުޅި އުމުރު ހޭދުކުރެއްވި، "ޝަހީދެއް" ގެ ގޮތުގައެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ލަރީޖާނީ އަވަހާރަކޮށްލުމަކީ އިރާނުގެ ރައްޔިތުންނަށް އެމީހުންގެ ސަރުކާރު ވައްޓާލުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކަޓްޒް ވިދާޅުވީ އިރާނުގެ ވެރިން މަރަމުންދާ ކަމަށާއި، އެގައުމުގެ އަސްކަރީ ގާބިލިއްޔަތު ނައްތާލުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
ދޯހާ އިންސްޓިޓިއުޓްގެ ޕްރޮފެސަރު މުހައްމަދު އެލްމަސްރީ ވިދާޅުވި ގޮތުގައި، އިޒްރޭލާއި އެމެރިކާއިން އިރާނުގެ ލީޑަރުންނަށް އަމާޒުކޮށް ހަމަލާދެމުން ދިޔަ ނަމަވެސް، މީގެ ސަބަބުން އިރާންގެ ސަރުކާރު އެއްކޮށް ވެއްޓިދާނެ ކަމަކަށް ނުބެލެވެއެވެ.
ލަރީޖާނީ އެންމެ ފަހުން އާންމުންގެ ތެރެއިން ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު ތެހެރާންގައި ބޭއްވި އަލް-ގުދުސް ދުވަހުގެ ރެލީގެ ތެރެއިންނެވެ. އޭނާ އަވަހާރަވުމުގެ ކުރިން ދެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އިރާނުން ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.
Comment