Advertisement

އިރާނު ހަނގުރާމައާ ގުޅިގެން އެމެރިކާގެ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު އިސްތިއުފާދީފި


އިރާނު ހަނގުރާމައާ ގުޅިގެން އެމެރިކާގެ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު އިސްތިއުފާދީފި

މިދިޔަ ފެބްރުއަރީ 28، އިން ފެށިގެން އިރާނަށް ދެމުންދާ ހަމަލާތަކަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާ އެމެރިކާގެ ނެޝަނަލް ކައުންޓާ ޓެރަރިޒަމްގެ ޑިރެކްޓަރު ޖޯ ކެންޓް އިސްތިއުފާ ދީފި އެވެ.

ކެންޓް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރާނުގެ ފަރާތުން އެމެރިކާއަށް އެއްވެސް ނުރައްކަލެއް ނެތީސް އެމެރިކާއިން އިޒްރޭލާ ގުޅިގެން އިރާނަށް ހަމަލާދޭން ފެށީ އިޒްރޭލުން ޕްރެޝަރު ކުރުމުން ކަމަށެވެ.

އޭނާ ވިދާޅުވީ މުސްތަގުބަލުގައި ގައުމަށް ހިދުމަތް ކުރަން ތިބި މީހުން އެއްވެސް ފައިދާއެއް ނުކުރާ ހަނގުރާމައަކަށް ފޮނުވައި މަރުވާން ދޫކޮށްލަން ތާއީދު ނުކުރާނެ ކަމަށެވެ.

ކެންޓްއަކީ އެމެރިކާއަށް ޓްރަރިޒަމްއާ ގުޅިގެން އޮންނަ ނުރައްކާތަކާ ގުޅިގެން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސަށް ލަފާދެއްވާ އެންމެ އިސް ފަރާތެވެ.

ކެންޓްގެ ވާހަކަތަކާ ގުޅިގެން ޓްރަމްޕް ވިދާޅުވީ އިރާނުގެ ސަބަބުން އޮތް ނުރައްކާ ހުރިހާ ގައުމަކަށްވެސް އެނގޭނެ ކަމަށެވެ. ޓްރަމްޕް ކުރިން ވިދާޅުވި ގޮތުގައި އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާ ދިނުމުގެ ކުރިން އިރާނުން އުޅުނީ އެމެރިކާއަށް ހަމަލާދޭށެވެ.

މިއީ އިރާން ހަނގުރާމަ ފެށި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އިސް ވެރިޔަކު އިސްތިއުފާ ދެއްވި ފުރަތަމަ ފަހަރެވެ.

ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 13 ސިފައިންގެ މީހަކު މަރުވިއިރު، އިރާނުގެ 1،444 މީހުން ވަނީ މަރުވެފަ އެވެ. އޭގެއިތުރުން ގަލްފުގެ ގައުމުތަކުން 20 މީހަކު މަރުވިއިރު، އިޒްރޭލުގެ 15 މީހުން ވެސް މަރުވެފައިވާކަން ފާހަގަކުރެވެ އެވެ.