Advertisement

ރެފެރަންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލައެއް ހުށަހަޅައިފި

ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން. --- ފޮޓޯ: އަނޫފް/ދައުރު


ރެފެރަންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލައެއް ހުށަހަޅައިފި

ރިޔާސީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަައެއް ހުށަހަޅައިފި އެވެ.

ސުޕްރީމް ކޯޓަށް މިއަދު ދުސްތޫރީ ދެ މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރެއިން ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމުގެ މައްސަލަ ހުށަހެޅީ ގާނޫނީވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ އެވެ.

އެ މައްސަލާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި އޮތް ސުވާލުގައި ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ގާނޫނުއަސާސީގައި ހިމެނި މާއްދާތަކުގެ އިމުގެ ބޭރުން ކަންކަން ހިމަނާފަ އެވެ.

"މުޅި ބިލު ތަސްދީގުކުރުމަށް ފެނޭތޯ އެހުމަކީ، ގާނޫނުއަސާސިއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާ ވެގެންދާނޭ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް. މި ސުވާލަކީ ގާނޫނުއަސާށީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ، އެ ސުވާލުގެ މައްޗަށް ބިނާކޮށް އެޕްރީލް 4، 2026 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި މައްސަލަ ހުށަހަޅަން،" ދައުވާ ފޯމުގައި ބުނެފައިވެ އެވެ.

މައްސަލަ ހުށަހެޅި ވަކީލުން ކަމަށްވާ އަލީ ހުސައިން އަދި އައިކު


ރެފެރެންޑަމްގެ ސުވާލުގައި އޮތީ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރުމަށް ރައްޔިތުންނަށް ފެނޭތޯ އެވެ. އެ އިސްލާހުގައި އޮތް ކަންކަމާ މެދު ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމެއް ނެތެވެ.

ރެފެރަންޑަމްގައި އަހާ ސުވާލު


"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"

އެ ބިލުގައި އޮތީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކީގައި ބާއްވައި މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރުން ހަ މަސްދުވަސް އުނިކުރުމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ ރެފެރެންޑަމްގައި އަހަނީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް އޮފީހަށް ރައްދުވާ ގޮތަށް ދެވަނަ މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އެވެ.

އޭނާ ހުށަހެޅި ދުސްތޫރީ މައްސަލާގައި އެދިފައިވަނީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ފާސްކުރި ގާނޫނުއަސާސިއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލަކީ ބާތިލު ބިލެއް ކަމަށް ކަނޑައަޅައި، ފެންނަ ނުފެންނަ ވޯޓަކީ ގާނޫނުއަސާސީގެ 264 މާއްދާއާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ފަސް އަހަރު. އުމުރަކަާށް ބަދަލެއް ނާދޭ، ބިލު ފާސްކޮށްފައި އޮތްގޮތުން ވެސް އުމުރަށް ބަދަލެއް ނާދޭ. މިހާރު އޮތް މަޖިލީހުގެ އުމުރު ކުރިވިޔަސް ދެން ހޮވޭ މަޖިލީހެއް ހޮވޭނީ ފަސް އަހަރަށް. އުމުރަށް ބަދަލެއް އައިކަމަށް ނުބެލެވޭނެ،" މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުުގައި އަލީ ހުސައިން ވިދާޅުވި އެވެ.

ފެބްރުއަރީ 11، ގައި އެ ބިލު ތަސްދީގު ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށާއި 15 ދުވަހުގެ ތެރޭގައި ތަސްދީގުކުރަން ޖެހުނަސް އެގޮތަށް ރައީސް އޮފީހުން އަމަލުކޮށްފައި ނުވާކަން އަލީ ހުސައިން ފާހަގަކުރެއްވި އެވެ.

"މިހާރު އެ އޮތީ 15 ދުވަހުގެ މުއްދަތު ހަމަވެފައި. ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހު ތަސްދީގު ކުރުމުގެ މުއްދަތަކީ 15 ދުވަސް، އެ މުއްދަތު މިވަނީ ފާއިތުވެގެން ގޮސްފައި، މި މައްސަލާގައި ހުށަހަޅާފައި މިވަނީ ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހު 15 ދުވަހުގެ ތެރޭގައި ތަސްދީގު ކޮށްފައި ނުވާތީ ބިލު ބާތިލު ކަމަށް [ކަނޑައަޅައިދިނުމަށް]،" އަލީ ހުސައިން ވިދާޅުވި އެވެ.

ބާތިލުވެފައިވާ ބިލެއްގެ މައްޗަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނޭހޭނެ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

އެޕްރީލް 4، ގައި ރެފެރެންޑަމް ވޯޓު ނަގާއިރު އެ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ވެސް ބާއްވަން އޮތީ ތާވަލުކޮށްފަ އެވެ. ކައުންސިލް އިންތިހާބާއި ރެފެރެންޑަމްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ.