Advertisement

ފުރުސަތު ނުދޭތީ ޕީއެސްއެމްގެ އެމްޑީ ޝަކީބު އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީން ޕީއެސްއެމް ތެރޭގައި އެ ކުންފުނީގެ އެމްޑީގެ އިސްތިއުފާއަށް ގޮވުން


ފުރުސަތު ނުދޭތީ ޕީއެސްއެމްގެ އެމްޑީ ޝަކީބު އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

އަންނަ އެޕްރީލް 4، ގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) އާ ގުޅިގެން މައުލޫމާތު ދިނުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ފުރުސަތު ނުދޭތީ އެ ކުންފުނީގެ އެމްޑީ އަހްމަދު ޝަކީބުގެ އިސްތިއުފާއަށް ގޮވައިފި އެވެ.

އެމްޑީޕީގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރަމަށް މިއަދު ޕީއެސްއެމްއަށް ދިޔުމުން ޝަކީބުއާ ބައްދަލުވާގޮތް ވަނީ ނުވެފަ އެވެ. އެއާއެކު ޕީއެސްއެމްގެ އިސްވެރިޔަކާ ބައްދަލުކުރުމަށް އެމްޑީޕީން މަސައްކަތް ކުރުމުން އެކަން ވެސް ކާމިޔާބުވާ ގޮތް ނުވުމުން ޝަކީބުގެ އިސްތިއުފާއަށް ގޮވީ އެވެ.

ޕީއެސްއެމްއަށް އެމްޑީޕީގެ ފަރާތުން ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އާއި ކައުންސިލް އިންތިހާބަށް އެ ޕާޓީން ކަނޑައަޅާފައިވާ ޑެޕިއުޓީ ކެމްޕެއިން މެނޭޖަރު އަލީ ނިޔާޒްގެ އިތުރުން ތަރުޖަމާން އަބްދުﷲ ވަހީދު އަދި ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ބައިވެރިވި އެވެ.

ޣަފޫރު ވިދާޅުވީ މި ސަރުކާރު އައި ފަހުން ޕީއެސްއެމް ހިންގަމުންދަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ ޓީވީ ހިންގަމުންދަނީ ޕީއެންސީގެ ކެމްޕެއިން ޖަގަހައެއް ގޮތުގައި ކަމަށެވެ.

"ޕީއެސްއެމްއަކީ ގާނޫނީ ގޮތުން ހަމަހަމަ ފުރުސަތުތައް އެންމެންނަށް، ހުރިހާ ޕާޓީތަކަށް ދީގެން އެކަން ކުރެވޭނެ ބައެއް. އެކަމަކު އޭގެ ބަދަލުގައި މިއަދު ޕީއެސްއެމްއިން ކުރާ ކަމަކީ ސަރުކާރަށް ކެމްޕެއިންކުރުން. އެކަމެއް ނުކުރެވޭނެ އެގޮތަކަށް،" ޣަފޫރު ވިދާޅުވި އެވެ.

އަލީ ނިޔާޒް ވިދާޅުވީ އެންމެ ފަހުން އިލެކްޝަންސްއާއެކު އެމްޑީޕީން ބޭއްވި ބައްދަލުވުމުގައި އެ ޕާޓީއަށް ޕީއެސްއެމްއިން ފުރުސަތު ނުދޭ މައްސަލަ ޖެއްސުމުން އެކަން ބަލާނެ ކަމަށް އިލެކްޝަނުން ބުނި ނަމަވެސް، އެކަމާ ގުޅިގެން ކުރިއެރުމެއް ނުލިބޭ ކަމަށެވެ.

ހަމަހަމަކަށް ބާރުއަޅާ ޕީއެސްއެމްގެ ގާނޫނުގެ ބައެއް މާއްދާތައް


5 ވަނަ މާއްދާގެ (ކ): ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް ފޯރުކޮށްދެމުން ދިއުމަށް މަސައްކަތްކުރުމާއި، ޕަބްލިކް ސަރވިސް މީޑިއާއިން ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައިވެސް ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން، 5 ވަނަ މާއްދާގެ (މ): މުޖްތަމައަށް ބޭނުންތެރިވާނެ ބިނާކުރުވަނިވި ތަފާތު ފިކުރުތަކާއި ހިޔާލުތަކަށް އަދި އައު ވިސްނުންތަކަށް ޖާގަ ދިނުން، 6 ވަނަ މާއްދާގެ (ހ): ޕަބްލިކް ސަރވިސް މީޑިއާއަކީ ނުފޫޒުން އެއްކިބާވެފައިވާ، އެޑިޓޯރިއަލް މިނިވަންކަން ފުރިހަމައަށް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތަކުންވެސް މަސައްކަތްކުރަންވާނެއެވެ. 6 ވަނަ މާއްދާގެ (ށ): ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫން ގޮތަކުންވެސް ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވާ އެއްވެސް ފަރާތަކުން، ޕަބްލިކް ސަރވިސް މީޑިއާގެ މައްޗަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ނުފޫޒު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެއެވެ. 6 ވަނަ މާއްދާގެ (ރ): ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ޕަބްލިކް ސަރވިސް މީޑިއާއިން ހިންގައިގެން ނުވާނެއެވެ. 56 ވަނަ މާއްދާގެ (ރ): ރާއްޖޭގައި ބޭއްވޭ އެކިއެކި އިންތިހާބުތަކާއި، ރައްޔިތުންގެ އާންމު ވޯޓުތައް ފަދަ ކަންކަމުގައި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިށްތިހާރުކުރުމަށް ޖާގައާއި ވަގުތު ގަނެވޭނެ އުސޫލެއް ވާދަކުރާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލުމަށްފަހުނޫނީ އިންތިހާބުތަކާއި އާންމު ވޯޓުތަކާ ގުޅޭ ކެމްޕޭން އިށްތިހާރުތައް ނުފޮނުވުމާއި ޝާއިއުނުކުރުން.

އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް، އެޑިޓޯރިއަލް މިނިވަންކަން އޮންނަ ތަނަކަށް ޕީއެސްއެމް ވާންޖެހޭނެ ކަމަށް ގާނޫނުގެ އެތަކެއް މާއްދާއެއްގައި ބަޔާންކޮށްފައިވީ ނަމަވެސް ހަމައެކަނި ސަރުކާރުން ބޭނުންވާ ގޮތަށް ރެފެރެންޑަމް ވޯޓުގައި އަމަލުކުރަމުން އަންނާތީ ދައުލަތުގެ މީޑިއާއާ މެދު މީހުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

މި ސަރުކާރުގައި އެންމެ ފުރަތަމަ ޕީއެސްއެމްއަށް އައްޔަން ކުރެއްވީ، ޒީނާ ޒާހިރު އެވެ. އެއަށް ފަހު މުހައްމަދު ސައީދު އެވެ. އެންމެ ފަހުން ޕީއެސްއެމްގެ އެމްޑީއަކަށް ހުންނެވީ އެ ކުންފުނީގެ މާކެޓިންގެ އިސްވެރިޔަކަށް ގިނަ އަހަރުތަކެއް ހޭދަކުރެއްވި އިބްރާހިމް ނަސްރީން އެވެ.

ރެފެރެންޑަމްއާ ގުޅިގެން އިލެކްޝަންސް އިން ވެސް ރައްޔިތުން ހޭލުންތެރިކުރުމަށް މާ ބޮޑު މަސައްކަތެއް ނުކުރާ ކަމަށް ބުނެ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.