Advertisement

މޯލްޑިވްސް ގޭހުން ގޭސް ވިއްކުން ލިމިޓުކޮށް، އާ ކަސްޓަމަރުން ނެގުން ހުއްޓާލައިފި


މޯލްޑިވްސް ގޭހުން ގޭސް ވިއްކުން ލިމިޓުކޮށް، އާ ކަސްޓަމަރުން ނެގުން ހުއްޓާލައިފި

މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް ތެލާއި ގޭހުގެ ދަތިކަން ދިމާވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުގެ ގޭސް ކުންފުނި މޯލްޑިވްސް ގޭސް އިން ގޭސް ވިއްކުން ކޮންޓްރޯލްކޮށް، ސިލިންޑަރުތަކަށް ގޭސް އަޅާ މިންވަރު މިއަދުން ފެށިގެން މަދުކޮށްފި އެވެ.

މޯލްޑިވްސް ގޭސްއަށް އަދަދު އިން ގުޅުމުން ބުނީ ކައްކާ ގޭހުގެ 10 ކިލޯގެ ގޭސް ފުޅިއަށް ފަސް ކިލޯގެ ގޭސް އަޅައިގެން މިއަދުން ފެށިގެން ވިއްކަން ފަށާފައިވާ ކަމަށެވެ. އޭގެއިތުރުން، މިވަގުތު މޯލްޑިވްސް ގޭސް އިން އައު ކަސްޓަމަރުން ނެގުން ވެސް ވަނީ ހުއްޓާލާފަ އެވެ.

"10 ކިލޯ ފުޅީގައި ފަސް ކިލޯ އަޅާފައި އިންނާނީ 100ރ. އަށް،" އެ ކުންފުނިން ބުންޏެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ގޭސް އިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި މި ނޫހުން ގުޅުމުން ވެސް ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ވެސް މޯލްޑިވްސް ގޭސް އިން ވިއްކާ ގޭސް ކޮންޓްރޯލްކޮށް، ސިލިންޑަރުތަކަށް ގޭސް އަޅާ މިންވަރު ދަށްކުރި އެވެ. ޖެނުއަރީ މަހު މޯލްޑިވްސް ގޭސް އިން ވިއްކާ ގޭހުގެ ޝިޕްމަންޓް އެއްކޮށް ހުސްވިކަން ވެސް ފާހަގަކުރެވެ އެވެ.

އެގޮތުން އެސްޓީއޯއަށް ގޭސް އެތެރެކުރުމުގައި ދިމާވި ދަތިތަކާ ގުޅިގެން، މޯލްޑިވް ގޭސްއަށް އޭރު ގޭސް ފޯރުކޮށްދިނީ ވިލާ ގޭހުންކަން ފާހަގަކުރެވެ އެވެ.

ސަރުކާރުން އޮތީ ގޭހަށް ނުޖެހޭނެކަމުގެ ޔަގީންކަން ދީފައި

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން އަސާސީ ކާބޯތަކެއްޗާއި ތެލާއި ގޭހަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ސަރުކާރުން އޮތީ ދީފަ އެވެ.

"ފުރަތަމަ ކަމަކަށް ހަނޑޫ، ހަކުރު، ފުށް އަގުބޮޑެއް ނުވާނެ. އެއީ ކަށަވަރު ކަމެއް. މެދުކެނޑުމެއް ނެތި ކާޑު ލިބޭނެކަމަށް އަޅުގަނޑު ޔަގީންކަން ދެން،" މާޗު ތިނެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

"ފުޑް، ފިއުލް އަދި އެއްވެސް ކޮމޯޑިޓީއެއްގެ ޗެލެންޖެއް އިރާދަކުރެއްވިއްޔާ ކުރިމަތިވިޔަ ނުދޭނެ ވާހަކަ [މި ބުނަނީ]."

އޭގެ ފަހުން މާޗު 12، ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް އެ ޔަގީންކަން ދެއްވި އެވެ.

"ތެލާއި ގޭހަށް ބަލާއިރު އަޅުގަނޑުމެންނަށް އެއްވެސް ދަތިކަމެއް ނެތި އިރާދަފުޅުކުރެއްވިއްޔާ އެބަހުއްޓޭ،" ޒަމީރު ވިދާޅުވެފައިވެ އެވެ.

އޭޝިއާގެ ގައުމުތަކަށް ގޭހުގެ ދަތިކަން ބޮޑު

އިރާން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކަށް އެކަށީގެންވާ މިންވަރަށް ގޭސް ލިބުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. މައިގަނޑު އެއް ސަބަބަކީ ހޮރުމޫޒު ކަނޑުއޮޅި ބަންދުކޮށްފައި އޮތުމެވެ.

އެ ކަނޑުއޮޅިއަކީ އޭޝިއާއަށް ގެންދާ ގޭހުގެ ބޮޑު ބައެއް ކަޑައްތުކުރަން ޖެހޭ ކަނޑުއޮޅިއެކެވެ. ދުނިޔޭގެ އެންމެ ގިނައިން ގޭސް އުފައްދާ އެއް ގައުމު ކަމަށްވާ ގަތަރުން ގޭސް އެކްސްޕޯޓް ކުރުން ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.

އަވަށްޓެރި އިންޑިއާއަކީ އެ ގައުމަށް ބޭނުންވާ ގޭހުގެ 60 ޕަސެންޓު އެކްސްޕޯޓުކުރާ ގައުމެކެވެ. މިހާރުވެސް އިންޑިއާގެ ބައެއް ސިޓީތަކުގައި ގޭސް ސިލިންޑަރެއްގެ އަގު 1000 ރުޕީސް އަށްވުރެ މައްޗަށް އަރާފައިވާއިރު، ސަރުކާރުން ދަނީ ގޭސް ވިއްކުން ކޮންޓްރޯލް ކުރުމަށް "އެމަޖެންސީ ޕަވާސް" ބޭނުންކުރަމުންނެވެ.

ސްރީ ލަންކާ އާއި ޕާކިސްތާނަށް ވެސް ގޭސް ލިބުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. އޭގެ އިތުރުން އޭޝިއާގެ އެންމެ ވަރުގަދަ އިގުތިސޯދުތަކުގެ ތެރޭގައި ހިމެނޭ ދެކުނު ކޮރެއާ ވެސް އޮތީ ނާޒުކު ފައްތަރެއްގަ އެވެ. އެ ގައުމުގެ ގިނަ ފެކްޓްރީތަކެއް ގޭސް ނުލިބޭނަމަ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތެވެ.

ތެލާއި ގޭހުގެ އަގު ބޮޑުވުމުން ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ސާމާނުގެ އަގުތައް މުޅި އޭޝިއާގައި ދަނީ އުފުލެމުންނެވެ. އޭޝިއާގެ ގިނަ ގައުމުތަކަކުން މިހާރު ދަނީ ހަކަތަ ބޭނުންކުރުން އިގުތިސާދު ކުރުމަށާއި، ރައްޔިތުންނަށް ދޫކުރާ މިންވަރު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.