އަންނަ މަހު ފަށަން ނިންމާފައި އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ މި ފަހަރުގެ ފަހު މުބާރާތް، އެފްއޭ ކަޕްގައި، ބްލޫސް ސްޕޯޓްސް ކްލަބްގެ ކޯޗަކަށް އަހުމަދު މުޖުތަބާ (ފެސްކޯ) ހަމަޖައްސައިފި އެވެ.
މި ފަހަރުގެ އެފްއޭ ކަޕްގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ބްލޫސް އަކީ މުބާރާތުން ފެންނާނެ ފުރަތަމަ ޑިވިޝަނަށް ނިސްބަތްނުވާ ހަމައެކަނި ޓީމެވެ. އެ ޓީމުން ތައްޔާރުވަމުން އަންނަނީ، އެފްއޭ ކަޕްގެ އިތުރުން ކުރިއަށް އޮތް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާާރާތުގައި ވެސް ވާދަކުރުުމަށެވެ.
ބްލޫސްގެ ފިޓްނަސް ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ފުޓްސަލް ކޯޗިންގައި މަސައްކަތްކުރަމުން އަންނަ ނައުފަލް މުހައްމަދު އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މަތީ ފަންތީގައި ކޯޗިންގެ ތަޖުރިބާ ބޮޑު ފެސްކޯ ވަނީ މި ސީޒަނުގައި ކްލަބް ވެލެންސިއާގެ ހެޑް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. އެކަމަކު، އެ ޓީމުން ލީގުން ރެލިގޭޓްވިއިރު، އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ނުކުޅެ އެވެ.
ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފައިވާ، ފެސްކޯ އޭނާގެ ކޯޗިން ކެރިއަރުގެ ފުރަތަމަ މަސައްކަތް ފެށީ ވެލެންސިއާ އެސިސްޓަންޓް ކޯޗުގެ މަގާމުންނެވެ. ކޯޗިން ކެރިއަރު ފަށައި 1999 އަދި 2000 ވަނަ އަހަރު ލާޒްލޯ ކިސްގެ އެސިސްޓަންޓެއްގެ ގޮތުގައި ވެލެންސިއާގައި މަސައްކަތްކޮށް ފަހުން ވެލެންސިއާގެ ހެޑްކޯޗުކަމާ ހަވާލުވީ 2001 ވަނަ އަހަރުގެ ފަހުކޮޅެވެ.
އަދި އެ އަހަރުގެ ޕޮމިސް ކަޕް އެ ޓީމަށް ކާމިޔާބުކޮށްދީ އުމުރުން އެންމެ 28 އަހަރުގައި ބައިނަލްއަގްވާމީ މުބާރާތެއް ކާމިޔާބުކުރި ދިވެހި އެންމެ ޒުވާން ކޯޗުގެ ޝަރަފް ހޯދި އެވެ. ވެލެންސިއާ އަށް ދެ އަހަރު ކޯޗުކޮށްދިން ފެސްކޯ އެ ޓީމުން ވަކިވީ 2003 ވަނަ އަހަރުގެ ޕޮމިސް ކަޕުގެ ފައިނަލުން އިންޑިއާގެ މަހިންދުރަ ޔުނައިޓެޑް އަތުން ބަލިވި ހިސާބުންނެވެ. ދެން، ވެލެންސިއާ ކޯޗެއްގެ ގޮތުގައި ފެނުނީ 13 އަހަރު ފަހުން 2017 ވަނަ އަހަރު އެވެ. އެ ސީޒަނުގައި އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވެލެންސިއާ ގޮވައިގެން ވާދަކޮށް މުޅި ސީޒަނުގައި ވެސް ޖުމްލަކޮށް ވެލެންސިއާ އަށް މާ އެދެވޭ ނަތީޖާތަކެއް ނުނެރެވުނެވެ.
ފުރަތަމަ ޑިވިޝަނުގައި ފެސްކޯ ވަނީ ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި އޯލްޔޫތުލިންކްއޭޖް، ވިޔަންސާ، ނިލަންދޫ ފުޓްބޯޅަ ޓީމު އަދި ވިކްޓްރީ ސްޕޯޓްސް ކްލަބްގައި ވެސް މަސައްކަތްކޮށްފަ އެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ފަށަން ނިންމާފައިވާ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރަނީ، ފުރަތަމަ ޑިވިޝަނުން އޮޑި ސްޕޯޓްސް ކްލަބާއި އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އިތުރުން، ކްލަބް އީގަލްސް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ބުރު ސްޕޯޓްސް ކްލަބް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.
ފުރަތަމަ ޑިވިޝަނުން އެފްއޭ ކަޕްގައި ނުކުޅެނީ، ވެލެންސިއާގެ އިތުރުން ކްލަބް ގްރީން ސްްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ.
އަންނަ މަހުގެ 10 ވަނަ ދުވަހު ކުޅޭ ކުއާޓާ ފައިނަލް ދެ މެޗުގައި ބައްދަލުކުރާނީ، އީގަލްސް އާއި ބްލޫސްގެ އިތުރުން ނިއު އާއި އޮޑި އެވެ. އަންނަ މަހުގެ 11 ވަނަ ދުވަހު ކުޅޭ އެފްއޭ ކަޕް ކުއާޓާ ފައިނަލް ދެ މެޗަށް ބަލާއިރު، ވިކްޓަރީން ކުޅޭނީ ޓީސީއާ އެވެ. އަދި، އަނެއް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ބައްދަލުކުރާނީ ބުރުއާ އެވެ.
މިދިޔަ ނުވަ ވަރަކަށް އަހަރު ތެރޭ، ރާއްޖޭގެ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުނީ ދެ ފަހަރު އެވެ. އެއީ، 2017 ވަނަ އަހަރު ނިއު އިން އެ މުބާރާތް 12 ވަނަ ފަހަރު ކާމިޔާބުކުރި ފަހުން، 2022 ވަނަ އަހަރު ބޭއްވި ފަހަރު އެވެ. އެ ފަހަރުގެ ފައިނަލުގައި 2-0 އިން ކްލަބް ވެލެންސިއާ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މާޒިޔާ އެވެ.
މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލް އޮތީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. އަދި، ފައިނަލް މެޗު އޮތީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.
Comment