ވޮޝިންޓަންގައި ހުންނަ އެޓްލާންޓިކް ކައުންސިލް ތިންކް ޓޭންކްގެ އެޑްވައިޒަރު އަދި ކިލޯވެން ގްރޫޕްގެ ސްޓްރެޓީޖިކް އެޑްވައިޒަރީގެ ޗެއާމަން ހާލަން އުލްމަން
އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމަކީ ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް، ވޮޝިންޓަންގައި ހުންނަ އެޓްލާންޓިކް ކައުންސިލް ތިންކް ޓޭންކްގެ އެޑްވައިޒަރު އަދި ކިލޯވެން ގްރޫޕްގެ ސްޓްރެޓީޖިކް އެޑްވައިޒަރީގެ ޗެއާމަން ހާލަން އުލްމަން ވިދާޅުވެއްޖެ އެވެ.
"އެއީ [ޚާމަނާއީ އަކީ] މިހާރު ޝަހީދެއް. އަދި އަލީ ލާރިޖާނީ އަދިވެސް ދުނިޔޭގައި ހުރިނަމަ، އޭނާއަކީ ވަރަށް ގާބިލު މީހެއް. އޭނާއަކީ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޗެއާމަން އަދި ވަރުގަދަ ދުޝްމަނެއް،" އަލްޖަޒީރާއާ ވާހަކަ ދައްކަވަމުން އުލްމަން ވިދާޅުވި އެވެ.
ޚާމަނާއީ އަވަހާރަވެއްޖެ ހާލަތެއްގައި، އިރާނުގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި ވަގުތީ ގޮތުން ހުންނަވަނީ ލާރިޖާނީ ކަމަށް، ފަހުގެ ނިއުސް ރިޕޯޓްތަކުން ބުނެފައިވެ އެވެ.
އުލްމަން ވިދާޅުވީ، ޖެނުއަރީ މަހުގެ ކުރީކޮޅު އެމެރިކާގެ ސިފައިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކޮށްގެން ގެންދިއުމުން އެ ގައުމުން އަމަލުކުރި ގޮތަށް، އިރާނުގެ ވެރިން އަމަލުކުރާނެ ކަމަށް ވޮޝިންޓަނުން އުއްމީދުކޮށްގެން ނުވާނެ ކަމަށެވެ.
"އަހަރެން އެހެންނެއް ގަބޫލެއް ނުކުރަން،" އުލްމަން ވިދާޅުވިއެވެ.
އިރާނުގެ މުޅި ލީޑަޝިޕް މަރާލިޔަސް އެމީހުން މަޝްވަރާގެ މޭޒަށް އަންނާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށާއި ޚާމަނާއީ އަވަހާރަކޮށްލުމަކީ، ލާރިޖާނީގެ ބާރު ގަދަކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ވެސް އޭނާ ގަބޫލު ކުރައްވަ އެވެ.
އެމެރިކާއިން ގަބޫލުކުރާ އިރާނުގެ މުޅި ލީޑަޝިޕް ނައްތާލުން ކާމިޔާބު ވާނީ ހުރިހާ ލީޑަރުން އެކީގައި ނައްތާލެވިގެން ކަމަށާއި އިރާނުގެ ހުރިހާ ލީޑަރުން ނައްތާލެވުނު ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށް އުލްމަން ވިދާޅުވި އެވެ.
ޚާމަނާއީގެ އިތިރުން އެމަނިކުފާނުގެ އިސް ސިޔާސީ މުޝީރު އަދި އީރާނުގެ ޑިފެންސް ކައުންސިލްގެ ސެކްރެޓަރީ ޢަލީ ޝަމްޚާނީ އާއި އައިއާރްޖީސީގެ ކޮމާންޑަރ-އިން-ޗީފް މުޙައްމަދު ޕަކްޕޫރު ވެސް، އިޒްރޭލާއި އެމެރިކާގެ ހަމަލާތަކުގައި އަވަހާރަވެފައިވާ ކަމަށް އީރާނުގެ ރަސްމީ ނޫސް އޭޖެންސީ 'އިރްނާ' ބުނެފައިވެ އެވެ.
Comment