Advertisement

ދުބާއީ އެއާޕޯޓަށާއި ބުރުޖު އަލް އަރަބް ހޮޓެލް އަށް އިރާނުގެ ހަމަލާއެއް

about 1 hour 0

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގެ ތެރޭގައި، ދުބާއީގެ އުޑުމަތިން މިސައިލެއް ނުވަތަ ގޮވާ އެއްޗެއް ވެއްޓެމުންދިޔަ މަންޒަރު


ދުބާއީ އެއާޕޯޓަށާއި ބުރުޖު އަލް އަރަބް ހޮޓެލް އަށް އިރާނުގެ ހަމަލާއެއް

about 1 hour 0

އިރާނުގެ ވައިގެ ހަމަލާއެއް ދުނިޔޭގެ އެންމެ ބާރު ބޮޑު އެއް އެއާޕޯޓް ކަމަށްވާ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުވެ، ގެއްލުންތަކެއް ލިބިއްޖެ އެވެ.

ދުބާއީ އެއާޕޯޓަށް ދިން ހަމަލާގައި ގެއްލުން ލިބިފައިވާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މިޑިއާގައި ދައުރުވަމުން އެބަދެ އެވެ.

އިރާނުގެ ހަމަލާއެއްގައި އެއާޕޯޓަށް އަމާޒުވި ކަމަށް ދުބާއީ ސަރުކާރުން ބުނެފައެއް ނުވެ އެވެ. ނަމަވެސް "ހިނގި ހާދިސާއެއްގައި" އެއާޕޯޓުގެ ކޮންކޯސް ސަރަހައްދަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ދުބާއީ ސަރުކާރުގެ މީޑިއާ އޮފީހުގެ އެކްސް އެކައުންޓުން ބުނެފައިވެ އެވެ.

ކަމާބެހޭ ފަރާތްތަކުން ވަގުތުން އެ ސަރަހައްދު ކޮންޓްރޯލްކޮށްފައިވާ ކަމާއި ހާދިސާގައި އެއާޕޯޓުގެ ހަތަރު މުވައްޒަފަކު ޒަހަމްވެފައިވާ އިރު، އެމީހުންނަށް ވަގުތުން ސިއްހީ ފަރުވާ ފޯރުކޮށްދީފައިވާ ކަމަށް ވެސް ދުބާއީ އެއާޕޯޓު އޮތޯރިޓީން ބުނެފައިވެ އެވެ.

މި ހާދިސާގެ އިތުރުން އިރާނުން ފޮނުވި ޑްރޯން ހަމަލާއެއް އިންޓަސެޕްޓުކުރުމުން އޭގެ ބައިތަކެއް ވެއްޓުމުގެ ސަބަބުން ބުރުޖު އަލް އަރަބްގެ ހޮޓެލްގެ ފަސާޑުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ދުބާއީ ސަރުކާރުން ބުނެފައިވެ އެވެ. އެ ހާދިސާ މިހާރު ކޮންޓްރޯލްކޮށްފައި ވާއިރު މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނަށް ހޮނިހިރު ދުވަހު ހެނދުނު ހަމަލާ ދޭން ފެށުމާއެކު، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި މެދުއިރުމަތީގެ ގައުމުތަކަށް އަދި އިޒްރޭލަށް އިރާނުން ދަނީ ހަމަލާތައް ދެމުންނެވެ. އެހެންވެ، މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށް ފްލައިޓްތައް އުދުހުން ވަނީ މެދުކަނޑާލައިފަ އެވެ.