Advertisement

އިރާން ހަނގުރާމަ: ރޫހާނީ ލީޑަރު ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް އިރާނުން ބުނެފި

about 1 hour 0

ޚާމަނާއީ އަދި އޭނާގެ ހުންނެވި ތަން މިސައިލް ހަމަލާތަކުގައި ފުނޑުފުނޑުވެފައި.


އިރާން ހަނގުރާމަ: ރޫހާނީ ލީޑަރު ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް އިރާނުން ބުނެފި

about 1 hour 0

އިޒްރޭލާއި އެމެރިކާއިން އިރާނަށް ހޮނިހިރު ދިން ހަމަލާތަކުގައި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ، 86، އަވަހާރަވެފައިވާކަން އިރާނުގެ ދައުލަތުގެ މީޑިއާއިން ކަށަވަރުކޮށްދީފި އެވެ.

އިރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި ޚާމަނާއީގެ އިތުރުން އޭނާގެ ދަރިކަނބަލުންނާއި، ދަނބިދަރިފުޅާއި، ކާފަ ދަރިފުޅުވެސް ވަނީ މި ހަމަލާތަކުގައި މަރުވެފައެވެ.

ހޮނިހިރު ދުވަހު އިޒްރޭލުން ދިން މިސައިލް ހަމަލާތަކަށް ފަހު، އިރާނުގައި "ބޮޑު އަސްކަރީ އޮޕަރޭޝަނެއް" ފަށާފައިވާކަން އިއުލާން ކުރެއްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އޭނާގެ މަގުސަދުތައް ހާސިލްވަންދެން މުޅި ހަފުތާގެ ތެރޭގައި ނުވަތަ ބޭނުންވާ މުއްދަތަކަށް މެދުނުކެނޑި ބޮން އެޅުން ކުރިއަށްދާނެ ކަމަށެވެ.

އިރާނުގެ ދެކުނުގެ ސްކޫލަކަށް ދިން ހަމަލާއެއްގައި މަދުވެގެން 108 މީހުން މަރުވެފައިވާ ކަމަށާއި، މުޅި އިރާނުގެ 24 ޕްރޮވިންސަކުން ޖުމުލަ 201 މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް އިރާނުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އީރާނުން ރައްދުގައި ދޭން ފެށި ހަމަލާތަކުގައި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ހުރި އިޒްރޭލާއި އެމެރިކާގެ މަސްލަހަތު އޮތް ތަންތަނަށް ވަނީ އަމާޒުކޮށްފައެވެ. އޭގެ ތެރޭގައި ގަތަރު، ޔޫއޭއީ، ކުވެއިތު، ބަހްރޭން، އުރުދުން، ސައުދީ އަރަބިއްޔާ އަދި އިރާގު ހިމެނެއެވެ.

މި ހަމަލާތައް ބަދަލުކުރަން ފެށުމާއެކު، ސަރަހައްދުގެ ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.

ޚާމަނާއި އަވަހާރަވެފައިވާ ކަމުގެ އަޑުތައް ފުރަތަމަ ފެތުރުމުން އެކަން އެންބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ ދޮގު ކުރެއްވި އެވެ. އޭނާ ވިދާޅުވީ މަރުވީ އެކެއް ނުވަތަ ދެ ކޮމާންޑަރުން ކަމަށެވެ. އެއީ މާބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަ ނުކުރައްވަ އެވެ.

"ގާތްގަނޑަކަށް ހުރިހާ އޮފިޝަލުންވެސް ތިއްބެވީ ސަލާމަތުން،" އަރަގްޗީ އެ އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

ޚާމަނާއީ އަދިވެސް "ސާބިތުކަމާއެކު ހަނގުރާމައިގެ މައިދާނަށް އިރުޝާދު ދެއްވުމުގައި ދެމިހުންނެވި" ކަމަށް އިރާނުގެ ތަސްނީމް އަދި މެހެރު ނިއުސް އެޖެންސީން ވެސް ކުރިން ރިޕޯޓުކުރި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ 'ޓްރޫތް ސޯޝަލް' ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާގެ އިންޓެލިޖެންސާއި އެންމެ ޒަމާނީ ޓްރެކިން ސިސްޓަމްތަކުން ޚާމަނާއީ އަށް ސަލާމަތެއް ނުވެވުނު ކަމަށެވެ.

"އިޒްރާއީލާ ގުޅިގެން ކުރި މަސައްކަތުން، އޭނާއަށް ނުވަތަ އޭނާއާއެކު މަރުވި އެހެން ލީޑަރުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

އަދި މިއީ އީރާނުގެ ރައްޔިތުންނަށް އެމީހުންގެ ގައުމު އަނބުރާ ހޯދުމަށް ލިބޭނެ "އެންމެ ބޮޑު ފުރުސަތު" ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ނަމަވެސް، އިރާނުގެ ވެރިކަން ބަދަލުކުރުމަށް ކުރާ މަސައްކަތަކީ ހާސިލު ކުރެވޭނެ އުއްމީދެއް ނޫން ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައްދު ދެއްވަމުގެ ގޮތުން އިރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އެންބީސީ އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

ޚާމަނާއީ އަވަހާރަކޮށްލުމަށް އެމެރިކާއިން މީގެ ކުރިން އެތައް ހަމަލާއެއް ދީފައިވެ އެވެ. އެފަދަ ސިލްސިލާ ހާދިސާތަކުގެ ފުރަތަމަ ފިޔަވަޅު އެޅުނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެއީ ރައީސް ޓްރަމްޕްގެ ސީދާ އަމުރަށް، އިރާނުގެ ގުދުސް ފޯސްގެ އެންމެ އިސް ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހިސާބުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް އިރާނުގެ ލީޑަޝިޕަށް ވަނީ އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

މީގެ ތެރޭގައި އެހެން އަސްކަރީ ކޮމާންޑަރުން އަވަހާރަކޮށްލުމާއި، ތެހެރާންގައި ހުންނަވަނިކޮށް ހަމާސްގެ އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުމާއި، އަދި ލުބުނާނުގައި ހިޒްބުﷲގެ ހަސަން ނަސްރުﷲ އަވަހާރަކޮށްލުން ހިމެނެއެވެ. މީގެ އިތުރުން، އިރާނުގެ ރޫހާނީ ލީޑަރަށް ވަނީ ގައުމުގެ އެތެރޭގެ އިގްތިސާދީ އެތައް މައްސަލަތަކަކާ ވެސް ކުރިމަތިލައްވަން ޖެހިފައެވެ. މީގެ ބޮޑުބަޔަކީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވި ކަންކަމެވެ.

އެމެރިކާއާއި އިސްރާއީލާއެކު ހަނގުރާމައެއް ފެށިއްޖެ ހާލަތެއްގައި ޚާމަނާއީ އަވަހާރަކޮށްލައިފިނަމަ އަމަލުކުރާނެ ގޮތުގެ ރޭވުންތައް އިރާނުގެ ކަމާބެހޭ ފަރާތްތަކުން ކުރިން ރާވާފައި އޮތް ނަމަވެސް، އޭނާ އަވަހާރަކޮށްލުމަކީ މިހާރު ހިނގަމުންދާ ހަމަނުޖެހުން އިތުރަށް ގޯސްވެ، ފުޅާވެދާނެ ކަމުގެ ބިރުވެރިކަމާއި ނޭނގޭ ކަންތައްތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ބެލެވެ އެވެ.