Advertisement

ޚާމަނާއީ ދުނިޔޭގައި އެބަ ހުންނެވި، އިރާންގެ ވެރިކަން ބަދަލެއް ނުކުރެވޭނެ: އައްބާސް އަރަގްޗީ

އިރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ


ޚާމަނާއީ ދުނިޔޭގައި އެބަ ހުންނެވި، އިރާންގެ ވެރިކަން ބަދަލެއް ނުކުރެވޭނެ: އައްބާސް އަރަގްޗީ

އިޒްރޭލާއި އެމެރިކާއިން އިރާނަށް މިއަދު ދިން ހަމަލާތަކުގައި އެގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ މަރުވެއްޖެ ކަމުގެ އަޑުތައް ފެތުރި ނަމަވެސް އެކަން އިރާނުން ދޮގުކޮށްފި އެވެ.

އެންބީސީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވީ ޚާމަނާއީ އަދިވެސް ދުނިޔޭގައި އެބަ ހުންނެވި ކަމަށާއި އިޒްރޭލާއި އެމެރިކާއިން ދިން ހަމަލާގައި އެކަކު ނުވަތަ ދެ އޮފިސަރަކު މަރުވި ކަމަށެވެ. ނަމަވެސް އެއީ މާބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ފާހަގައެއް ނުކުރައްވަ އެވެ. .

"ގާތްގަނޑަކަށް ހުރިހާ އޮފިޝަލުންވެސް ތިއްބެވީ ސަލާމަތުން،" އަރަގްޗީ ވިދާޅުވި އެވެ.

ހަމަލާތަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ބަޔާނަށް ރައްދު ދެއްވަމުން އަރަގްޗީ ވިދާޅުވީ، ވެރިކަން ބަދަލުކުރުމަށް ކުރާ މަސައްކަތަކީ ކާމިޔާބު ކުރެވޭނެ އުއްމީދެއް ނޫން ކަމަށެވެ.

"މި ސަރުކާރަށް އެތައް މިލިއަން ބަޔަކު ތާއީދުކުރަމުންދާއިރު، ވެރިކަން ބަދަލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ވޮޝިންޓަނާއެކު މުއާމަލާތެއް ހިނގާތޯ ސުވާލުކުރުމުން އަރަގްޗީ ވިދާޅުވީ، މިވަގުތު އެއްވެސް މުއާމަލާތެއް ނެތް ކަމަށާއި، ނަމަވެސް އެމެރިކާ މީހުން ވާހަކަދައްކަން ބޭނުންނަމަ އެކަން ކުރާނެ ގޮތް އެމީހުންނަށް އެނގޭނެ ކަމަށެވެ.

އިޒްރާއީލާއި އެމެރިކާގެ ހަމަލާތަކުން ލިބުނު ގެއްލުންތަކަކީ ކުޑަ ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން އަރަގްޗީ ވިދާޅުވީ، ހަމަލާ ދިންތާ ދެ ގަޑިއިރު ނުވަނީސް އީރާނުން ރައްދު ދޭން ފަށާފައިވާ ކަމަށެވެ.

ދެކުނު އީރާނުގެ ހޯރްމުޒްގާން ޕްރޮވިންސްގެ މީނާބް ސިޓީގައި ހުންނަ އަންހެން ކުދިންގެ ޕްރައިމަރީ ސކޫލަކަށް ދިން ހަމަލާ އޭނާ ކުށްވެރިކުރެއްވިއެވެ.

އަރަގްޗީ އިތުރަށް ވިދާޅުވީ، މި ހަމަލާތައް ދޭންޖެހުނު ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، ބައެއް ފަރާތްތަކުން އެމީހުންގެ އަމިއްލަ ފައިދާއަށްޓަކައި އެމެރިކާ މި ހަނގުރާމައިގެ ތެރެއަށް ވައްދާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެމެރިކާއާ ހަމައަށް ފޯރާވަރުގެ މިސައިލް އީރާނުން އުފައްދާފާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، އީރާނުން ގަސްދުގައި މިސައިލްގެ ރޭންޖު 2,000 ކިލޯމީޓަރަށްވުރެ ކުޑަކޮށް ހިފަހައްޓާފައިވާ ކަމަށެވެ.

"ނޫން، އެވަރުގެ ގާބިލްކަން ހުރި މިސައިލެއް އަޅުގަނޑުމެންގެ ނެތް. އަޅުގަނޑުމެން ގަސްދުގައި މިސައިލްތަކުގެ ރޭންޖު ބަހައްޓާފައިވަނީ 2,000 ކިލޯމީޓަރަށްވުރެ ދަށުގައި،" އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިސައިލްތަކަކީ ހަމައެކަނި ދިފާއީ ބޭނުމަށް ހުރި އެއްޗެއް. އެއީ އިސްވެ ހަމަލާދޭން ހުރި އެއްޗެއް ނޫން."