Advertisement

މާލޭ ސިޓީ ކައުންސިލުގެ ޖަލްސާތަކަށް ހާޒިރު ނުވާތީ ޑެޕިއުޓީ މޭޔަރު އަރީޝްއަށް ނަސޭހަތް ދީފި

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު އަރީޝް -- ފޮޓޯ: މާލެ ސިޓީ ކައުންސިލް


މާލޭ ސިޓީ ކައުންސިލުގެ ޖަލްސާތަކަށް ހާޒިރު ނުވާތީ ޑެޕިއުޓީ މޭޔަރު އަރީޝްއަށް ނަސޭހަތް ދީފި

މާލެ ސިޓީ ކައުންސިލުގެ ޖަލްސާތަކަށް ގަވާއިދުން ހާޒިރު ނުވާތީ އެ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު އަރީޝްއަށް ލިޔުމުން ނަސޭހަތް ދީފި އެވެ.

މާލޭގެ މޭޔަރު، އާދަމް އާޒިމް ސޮއިކުރައްވައި އަރީޝްއަށް ފޮނުއްވި ނަސޭހަތުގެ ލިޔުމުގައި ބުނެފައި ވަނީ، މަގުބޫލު އުޒުރެއް ނެތި އެ ކައުންސިލުގެ އަށް ޖަލްސާއަށް އަރީޝް ހާޒިރުވެފައި ނުވާ ކަމަށެވެ.

"ކައުންސިލްގެ ޖަލްސާތަކަށް ހާޒިރުވުމަށް ނަސޭހަތްތެރިވަމެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރު ނުކުރުމަށް ވެސް ނަސޭހަތްދެމެވެ. އަދި، މިފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ، އިތުރު އިންޒާރެއް ދިނުމަކާނުލައި ފިޔަވަޅު އަޅައިދިނުމަށް އެދި ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ފޮނުވާނެކަމުގައި ވެސް އަންގަން،" އަރީޝްއަށް ފޮނުވި ނަސޭހަތުގެ ލިޔުމުގައި ބުނެފައިވެ އެވެ.

ކައުންސިލުގެ ޖަލްސާތަކަށް ގަވާއިދުން ހާޒިރުނުވާ މައްސަލައިގައި އަރީޝްއަށް ނަސޭހަތް ދިންއިރު، މި ފަހަކަށް އައިސް ޕީއެންސީގެ ކައުންސިލަރުން ދަނީ އެ ކައުންސިލްގެ ޖަލްސާތައް ބޮއިކޮޓުކޮށް ހުއްޓުވަމުންނެވެ.

ހާއްސަ ގޮތެއްގައި މާލޭގެ ބިންތަކުގެ މައްސަލަ ތާވަލުކުރާ ޖަލްސާތަކުގެ ކޯރަމް ހަމަވިޔަ ޕީއެންސީން ނުދެ އެވެ. ކޯރަމް ހަމަވި ދުވަހެއްގައި ވެސް، ޖަލްސާ ފެށުމާއެކު ޕީއެންސީގެ ކައުންސިލަރުން ވަނީ ކޯރަމް ގެއްލުވާލައިފަ އެވެ.

މާލެ ސިޓީ ކައުންސިލުގެ 18 މެންބަރުންގެ ތެރެއިން 14 މެންބަރުންނަކީ ވެރިކަން ކުރާ ޕީއެންސީގެ ކައުންސިލަރުންނެވެ.