about 2 hours 0
ލީވާން އަލީ ނާސިރު
މުހައްމަދު މުއިއްޒު: ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އެއްވެސް ރަށަކަށް ނުދާނަން ކަމަށް މުއިއްޒު ވިދާޅުވި -- ފޮޓޯ: ޕީއެންސީ
about 2 hours 0
އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އެއްވެސް ރަށަކަށް ދިޔުމަށް ގަސްތު ނުކުރައްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ޕީއެންސީން ބޭއްވި ދިވެހިންގެރާއްޖެ ތަރާވީހުގައި މުއިއްޒު ވިދާޅުވީ ކައުންސިލް އިންތިހާބާ ދިމާކޮށް އެއްވެސް ރަށަކަށް ނުދާން ނިންމީ އިންތިހާބުތަކާ ދިމާކޮށް ރަށްރަށަށް ދިޔުމުގެ އެއްވެސް ނިޔަތެއް ނެތުމުން ކަމަށެވެ.
"އިންތިހާބަކާ ގާތްކޮށް އަޅުގަނޑު ބޭނުމެއް ނޫން ރައްޔިތުން ގާތަށް ދާކަށް. މިހާރު ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑު ގަސްތެއް ނުކުރަން ރަށްރަށަށް ދާކަށެއް. އަޅުގަނޑު ގަސްތެއް ނުކުރަން،" މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް މުއިއްޒު ވިދާޅުވީ ކައުންސިލް އިންތިހާބާާ ދިމާކޮށް ސަރުކާރުގެ ބޮޑު މަޝްރޫއެއް ނިމިގެން އެ ރަށުގެ ރައްޔިތުން އެކަން ފާހަގަކުރަން ދައުވަތު ދީފިނަމަ އެ ދައުވަތު ގަބޫލުކުރާނެ ކަމަށެވެ.
"އެހެނެއް ނޫން ސަރުކާރުން ހިންގާ ވަރަށް ބޮޑު މަޝްރޫއެއް ނިންމީ. އެ މަޝްރޫއުގެ ނިންމުން ފާހަގަކުރުމަށް ރައްޔިތުން އެދިވަޑައިގެންފިއްޔާ އެ ރަށަކަށް އަޅުގަނޑު ނުދާނެ ވާހަކައެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ހުރިހާ ރަށަކަށް ދެ ފަހަރު ދަތުރުކުރުމުގެ ވައުދުގެ ދަށުން މިދިޔަ އަހަރު ކުރީކޮޅަށް ހުރިހާ ރަށަކަށް ދަތުރުކޮށް ނިންމާލަން ބޭނުންވި ނަމަވެސް، މުއިއްޒު ވިދާޅުވީ ވަގުތު ހުރިގޮތުން ހުރިހާ ރަށަކަށް ދެވުނީ މިދިޔަ އަހަރު ފަހުކޮޅު ކަމަށެވެ.
މުއިއްޒު ވިދާޅުވީ އިންތިހާބުތަކާ ދިމާކޮށް ރައްޔިތުންގެ ގާތަށް ދިޔުމަކީ ގަބޫލުކުރާ ސިޔާސަތެއް ނޫން ކަމަށެވެ.
ކައުންސިލް އިންތިހާބު އޮންނަ ދުވަހު، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ވޯޓަށް އިދިކޮޅު އެމްޑީޕީން ތާއީދު ނުކުރަނީ އިންތިހާބުތަކަށް ކަޑަ ޖެއްސެވުމުގެ ވިސްނުން އެ ޕާޓީގައި ހުރުމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް މި ސަރުކާރުން ބޭނުންވަނީ އިންތިހާބުތަކުގެ ކުރިން ރައްޔިތުން ބޭނުންވާ ކަންތައްތައް ބަލައި، އެކަންތައްތައް ފުއްދައި ދިނުމަށްކަން މުއިއްޒު ފާހަގަކުރެއްވި އެވެ.
ކައުންސިލް އިންތިހާބަށް ރަށްރަށަށް ވަޑައިނުގެންނެވި ނަމަވެސް މުއިއްޒު ދަނީ މާލޭގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ޑޯޓު ޑޯގައި ވެސް ބައިވެރިވަމުންނެވެ.
ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން އެކި ވަޒީފާތައް ބަހާ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ. އޭގެއިތުރުން އިންތިހާބާގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުނުކުރާ މުވައްޒަފުންނަށް އެކި ފިޔަވަޅުތައް އަޅާ މައްސަލަވެސް ދަނީ ފެންމަތިވަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment