Advertisement

އައްޑޫ ސިޓީ ކައުންސިލުން ވަކިވި ހުޅުދޫ އާއި މީދޫގެ އިހުތިސާސް ކަނޑައަޅައިފި

އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫ މެޕުން ފެންނަ ގޮތް --- ފޮޓޯ: ގޫގުލް އާތު


އައްޑޫ ސިޓީ ކައުންސިލުން ވަކިވި ހުޅުދޫ އާއި މީދޫގެ އިހުތިސާސް ކަނޑައަޅައިފި

އައްޑޫ ސިޓީގެ ތިން ރަށެއްގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި އެ ސިޓީން ވަކިވާން ފެންނަ ކަމަށް ވޯޓު ދިން މީދޫ އާއި ހުޅުދޫ އަދި އެ ސިޓީ ކައުންސިލްގެ އިހުތިސާސް އަލުން ކަނޑައަޅައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އިހުތިސާސްގައި މީގެ ކުރިން ހުޅުދޫ އާއި މީދޫ ހިމެނެ އެވެ. ނަމަވެސް، ފެންނަ ނުފެންނަ ވޯޓުގައި އެ ދެ ރަށުން ވޯޓު ދިނީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ ވަކި ދެ ކައުންސިލް އުފެއްދުމަށެވެ.

އަލަށް ކަނޑައެޅި އިހުތިސާސްގައި ބަލަނީ މެދު ބަނދަރަށް ދާ މަގުގެ ހުޅަނގު އުތުރު ފަޅިން ފެށިގެން ގޮސް ސ. އަތޮޅު މަދުރަސާގެ ދެކުނަށް އޮތް އާބާދު މަގު އިރަށް ދަމާލުމުން އެ މަގު ގޮސް ނިމޭ ހިސާބުގެ އުތުރު ފަޅިއަކީ މީދޫ ކަމަށް އަދި ދެކުނު ފަޅިއަކީ މީދޫ ކަމަށެވެ.

ހުޅުދޫ އާއި މީދޫގެ އިހުތިސާސް


އައްޑޫ ސިޓީގައި މިހާރު ހިމެނެނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫ އެވެ. އައްޑޫ ސިޓީ ކައުންސިލަށް މެންބަރުން އިންތިހާބު ކުރާނީ މި ރަށްތަކުންނެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސް


އޮކްޓޯބަރު 25، ގައި ނެގި ވޯޓުގައި ހުޅުދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 723 މީހުން ވޯޓު ދިންއިރު ނުފެންނަ ކަމަށް ވޯޓު ދިނީ 329 މީހުންނެވެ. މީދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 847 މީހުން ވޯޓު ދިންއިރު އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި ދެމިއޮތުމަށް ވޯޓު ދިނީ 144 މީހުންނެވެ.

އައްޑޫގައި ސިޓީ ކައުންސިލެއް އުފެއްދުމަށް 2010 ވަނަ އަހަރު ނެގި ވޯޓުގައި ސިޓީ ކައުންސިލެއް އުފައްދަން ހުޅުދޫ ރައްޔިތުން ތާއީދުކުރިއިރު މީދޫ ރައްޔިތުންގެ ތާއީދު އެ ކަމަކަށް ނުލިބެ އެވެ.

ހުޅުދޫ އާއީ މީދޫގެ އާބާދީ އެއްކޮށްލުމުން 6،845 އަށް އަރަ އެވެ. ސިޓީ ކައުންސިލުން ވަކިވުމާއެކު މި ދެ ރަށުގެ ކައުންސިލަށް 12 މިލިއަން ރުފިޔާ އާއި 15 މިލިއަން ރުފިޔާގެ ބަޖެޓެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީއިން ވަކިވާން ނިންމި ނަމަވެސް އެ ދުވަހު ދެން ވޯޓު ލީ ފޭދޫ ރައްޔިތުން ނިންމީ އައްޑޫ ސިޓީ އާއެކު ދެމި އޮތުމަށެވެ. ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ފެންނަ ކަމަށް ވޯޓު ދިނީ 616 މީހުންނެވެ. އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި ފޭދޫ ދެމިއޮތުމަށް 1784 މީހުން ވޯޓު ދިނެވެ.