ލަންޑަން (ފެބްރުއަރީ 25) - ޗެލްސީގެ ކޯޗުކަމުގައި ހުރި އިޓަލީގެ އެންޒޯ މަރެސްކާ ވަކިކުރުމަކީ އެ ކްލަބުން ހެދި ގޯހެއް ކަމަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، ޖޯން އޮބީ މިކޭލް ބުނެފި އެވެ.
ޗެލްސީގެ ލީޑަޝިޕުގެ ގިނަ ބަޔަކާ ޖެހުނު މައްސަލަތަކެއްގެ ސަބަބުން އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި މަރެސްކާ އަމިއްލަ އަށް މަގާމުން ވަކިވީ ޕްރެޝަރުތަކާ ހެދި، މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެވެ. ޗެލްސީއާ 2024 ވަނަ އަހަރުގެ ޖޫން މަހު ފަސް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ހަވާލުވި މަރެސްކާ ވަނީ އެ ޓީމަށް ޔުއެފާ ކޮންފަރެންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ.
ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރިތާ ހަ މަސް ތެރޭ، ލެސްޓާ ސިޓީގެ ކުރީގެ ކޯޗު މަރެސްކާ އަށް ޗެލްސީގެ ކޯޗުކަން ގެއްލުނީ އެ ކްލަބްގެ ނަތީޖާތައް ގޯސްވުމަށް ވުރެން ބޮޑަށް އެ ކްލަބްގެ އެއް ހިއްސާދާރު، ބެހެދާދު އެގްބާލީއާ ދެމެދު ޖެހުނު މައްސަލަތަކާ ހެދި އެވެ. މަރެސްކާ ވަކިކޮށް ޗެލްސީން ގެނައި ކޯޗު، ލިއަމް ރޮސެނިއާއާ އެކު، ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ނުނެރެވޭއިރު، އޭނާ ކުޅުވާ ސްޓައިލްގެ ފުޓްބޯޅަ އަށް ޗެލްސީގެ ކުރީގެ ކުޅުންތެރިން އަންނަނީ ފާޑުކިޔަމުންނެވެ.
އޮބީ ވަން، ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން، އޭނާ ބުނީ، މަރެސްކާ ވަކިކުރުމާ އެކު، ޗެލްސީން ދަމަހައްޓަމުން އައި ރަނގަޅު ކުޅުމުގެ ސްޓައިލް ގެއްލިފައިވާ ކަމަށެވެ. އަދި، ކޮންފަރެންސް ލީގާއި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ޗެލްސީން އައީ ވަކި ވައްޓަފާޅިއެއްގެ ފުޓްބޯޅައެއް ކުޅެ، ސަޕޯޓަރުންގެ އިތުބާރު ނަގަހައްޓަމުން ކަމަށް މިކޭލް ފާހަގަކުރި އެވެ.
"މަރެސްކާއާ އެކު އެކަން ގެއްލިއްޖެ، ލިއަމް (ރޮސެނިއާ) ހަވާލުވެ ވެސް ރަނގަޅު މަަސައްކަތްތަކެއް އެބަކުރޭ، އެކަމަކު، މަރެސްކާގެ ފަރާތުން ފެނުނު ހާއްސަަކަން ޗެލްސީން މިހާރު މަދު އެބަވޭ،" މިކޭލް ބުންޏެވެ.
ރޮސެނިއާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިއީ ކާމިޔާބު ހޯދާފައި އޮތް ބޮޑު ކްލަބެއްގައި އޭނާގެ ކޯޗިންގެ ފުރަތަމަ ތަޖުރިބާ އެވެ.
Comment