14 ފެބުރުވަރީ 2026 - 10:57 0
14 ފެބުރުވަރީ 2026 - 10:57 0
ލަންޑަން (ފެބްރުއަރީ 14) - ޕެޑްރޯ ނެޓޯގެ ހެޓްރިކާ އެކު، 4-0 އިން ހަލް ސިޓީ އަތުން މޮޅުވެ، އިނގިރޭސި އެފްއޭ ކަޕްގެ ގަދަ 16 ބުރުން ޗެލްސީ ޖާގަ ހޯދައިފި އެވެ.
ހަލް އަކީ މިހާރު ޗެލްސީއާ ހަވާލުވެގެން ހުރި ކޯޗު، ލިއަމް ރޮސެނިއާ މީގެ ކުރިން ކޯޗުކޮށްދިން ޓީމެކެވެ. ޗެލްސީއާ ހަވާލުވެ ރޮސެނިއާ ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނައިރު، ރޭގެ މެޗަކީ، އެ ޓީމުގައި ފުރުސަތު ނުލިބި ތިބި ކުޅުންތެރިން ގިނަ ވަގުތު ކުޅެ ތަފާތު ދެއްކި މެޗެކެވެ.
އެމްކޭއެމް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، ޗެލްސީގެ ނެޓޯ ހެޓްރިކެއް ހެދިއިރު އެ ޓީމުގެ އަނެއް ލަނޑު ޖެހީ ބްރެޒިލްގެ ތަރި، އެސްޓެވާއޯ އެވެ.
އެސްޓެވާއޯގެ އެއް ގޯލުގެ އިތުުރުން، ނެޓޯގެ ދެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދީ ލިއަމް ޑެލަޕް ވަނީ އެސިސްޓު ކުރުމުން ހެޓްރިކެއް ހަދައިފަ އެވެ. ޑެލަޕް ވަނީ މީގެ ކުރިން، ހަލް ސިޓީ އަށް ލޯނަކަށް ކުޅެފަ އެެވެ. އެއީ، ރޮސެނިއާ ހަވާލުވެހުރިއިރު އެވެ.
ކުރިން ވުލްވްސް އަށް ކުޅުނު ޕޯޗުގަލް ގައުމީ ޓީމުގެ ނެޓޯ މި މެޗުގައި ހެޓްރިކެއް ހެދިއިރު، މިއީ، ސީނިއާ ކެރިއަރުގައި އޭނާ އެއް މެޗެއްގައި ތިން ގޯލު ޖެހި ފުރަތަމަ ފަހަރެވެ.
ޗެލްސީން ވަނީ ފަސް ފަަހަރު އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެފްއޭ ކަޕްގެ ގަދަ 16ގެ ގުރުއަތުލުން އޮތީ މިހާރު ކުރިއަށްދާ ހަތަރު ވަނަ ބުރުގެ މެޗުތައް ނިމުމުންނެވެ.
Comment