about 1 hour 0
ލީވާން އަލީ ނާސިރު
about 1 hour 0
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރާއި ރިފަރެންޑަމް ވޯޓަށް އަހަން ފުރުސަތު ލިބޭ ގާނޫނު ބާތިލް ކުރަން އެމްޑީޕީ އިން ހައި ކޯޓަށް މައްސަލައެއް ހުށަހަޅަން ނިންމައިފި އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ގާނޫނަށް ގެނެވުނު ބަދަލާއި އެކަމާ ގުޅޭގޮތުން މުއިއްޒު ނެރުއްވި ގަރާރުވެސް ގާނޫނާ ހިލާފު ކަމަށް ދެކޭތީ އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
ކޯޓުން އެކަމާ މެދު ގޮތެއް ނިންމުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް ވެސް ހައި ކޯޓުގައި އެދުމަށް އެމްޑީޕީން ނިންމާފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ކަމަކަށް ވެސް މިކަމާ ގުޅޭގޮތުން ބެލި ބެލުމުގައި ފާހަގަވެގެން މިދިޔައީ މިކަމާ ގުޅިގެން ގާނޫނަށް ގެނެވުނު ބަދަލު އަދި ގާނޫނު އަސާސީއަށް ގެނެވުނު ބަދަލާ ހިލާފަށް މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ގަރާރުވެސް މިއޮތީ،" މައުރޫފް ވިދާޅުވި އެވެ.
"އެކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން އެ މައްސަލަ ﷲ ގެ އިރާދަފުޅުން މިއަދު އަޅުގަނޑުމެން އެބަ ކޯޓަށް ވައްދަން. އެ ގަރާރު ގާނޫނާ ހިލާފުކަމަށް ކަނޑައަޅައިދިނުމަށް. އަދި އެ ގަރާރަށް ގޮތެއް ނިންމުމުގެ ކުރިން އެއާމެދު ވަގުތީ އަމުރެއް އެބަ ނެރެންޖެހޭ މި ވޯޓުލުމުގެ ކަންތައް ހުއްޓުވުމަށްޓަކައި."
މައުރޫފް ވިދާޅުވީ މާޗު 21، ގައި އެމްޑީޕީން ބޮޑު މުޒާހަރާއެއް ބައްވަނީ މި ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް ދިވެހިންގެ މިނިވަންކަން ދިވެހިންނަށް ހޯދުމަށްޓަކައި ކަމަށެވެ. އެ މުޒާހަރާގައި ވީހައިވެސް ގިނަ ބަޔަކު ބައިވެރިވާން އޭނާ ގޮވާލެއްވި އެވެ.
ދެ އިންތިހަބު އެއްކޮށްލުމާ ދެކޮޅަށް މުޅި ރާއްޖޭގައި ކެމްޕެއިން ހަރަކާތްތަކެއް އެމްޑީޕީން ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ރުހުން ހޯދަން ބާއްވާ ފެންނަ ނުފެންނަ ވޯޓާ ދެކޮޅަށް މަސައްކަތް ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފަ އެވެ.
މި ވޯޓުގައި ރައްޔިތުންނާ ކުރިމަތިލާނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހާ ގުޅޭ ސުވާލެކެވެ. އެއީ؛
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"
މި ވޯޓުގައި ރައްޔިތުންގެ ތާއިދު އޮތް ކަމަށް ފާސްވެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާނީ އެކުއެކީގައެވެ.
Comment