about 16 hours 0
about 16 hours 0
ރާއްޖޭގެ ފުޓްބޯޅައިގައި މި ސީޒަނުގައި، އެއް ވަނަ އާއި ދެ ވަނައިގެ ކުރިމަތިލުމުގެ ގޮތުގައި ފެނިގެންގޮސްފައިވަނީ، މާޒިޔާާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯޓްސް ކްލަބުން ބައްދަލުކުރާ މެޗުތަކެވެ. ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ މާޒިޔާ އާއި އޮޑި ވާދަކުރާއިރު، މި ދެ ޓީމަކީ ވެސް މި ސީޒަނުގެ ގިނަ މެޗުތަކުގައި ރަނގަޅު ފެންވަރުގެ ކުޅުމެއް ދައްކާފައިވާ ދެ ޓީމެވެ. އެހެންކަމުން، ފޯރިގަދަ ގައުމީ ފައިނަލެއް މިރޭ ފެނުމުގެ ފުރުސަތު ބޮޑެވެ.
އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ އިން ފައިނަލަށް ދަތުރުކުރީ، ސެމީ ފައިނަލުގައި 12 ފަހަރު ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ 2-2 އިން އެއްވަރުވެ، ޕެނަލްޓީގައި، 4-3 އިން ކުރިހޯދައިގެންނެވެ.
އެ މެޗަށް ފަހު، މާޒިޔާގެ ސްޕެއިން ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފައިވަނީ، ފައިނަލުގައި އެ ޓީމުން ކޮންމެ ޓީމަކާ ކުޅެން ޖެހުނު ކަމުގައި ވިޔަސް ފެނިގެންދާނީ ވާދަވެރި ކުރިމަތިލުމެއް ކަމަށެވެ. ހެނާންޑޭޒް ފައިނަލް މެޗުގެ ކުރިން އެންމެ ބޮޑު އުފަލެއްގެ ގޮތުގައި ފާހަގަކުރީ، އިދިކޮޅަށް ނުކުންނަ ޓީމަކަށް ވުރެން ރިކަވަރީ އަށް އިތުރު އެއް ދުވަސް އެ ޓީމަށް ލިބިގެންދިއުމެވެ.
މާޒިޔާ އިން ފައިނަލަށް ދަތުރުކުރީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެންނެވެ. ގްރޫޕް ސްޓޭޖުގައި ބުރު ސްޕޯޓްސް ކްލަބާއި ވިކްޓަރީ އަތުންނެވެ. އަދި، ސެމީގައި ނިއުގެ މައްޗަށް ކުރިހޯދައިގެންނެވެ. މުޅިން އަލަށް މި ސީޒަނުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ އޮޑިން ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް ދަތުުރުކުރީ މެޗަކުން ބަލިނުވެ އެވެ. އޮޑިން ވަނީ ފުރަތަމަ މެޗުގައި ނިއުއާ އެއްވަރުކުރިއިރު، ދެ ވަނަ މެޗުގައި، 2016 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކްލަބް އީގަލްސް އަތުން 4-2 އިން މޮޅުވި އެވެ. އަދި، ސެމީ ފައިނަލުގައި ބުރު އަތުން ވަނީ 2-0 އިން މޮޅުވެފަ އެވެ.
ވަގުތީ ކޯޗަކަށް މަސައްކަތްކުރި ފަރުހާދު އިސްމާއިލް (ފަރޭ)އާ އެކު ނުކުމެ ލީގު ކަޕް ފައިނަލުން 4-0 އިން މާޒިޔާ އަތުން އޮޑި ބަލިވި އެވެ. ލީގާ ދިމާކޮށް އޮޑިއާ ހަވާލުވި، ސްޕެއިނުގެ ކޯޗު އަންދްރޭ ގާސިއާއާ އެކު، އޮޑިން ކުޅުން ރަނގަޅުކުރިއިރު، ލީގުގެ ފުރަތަމަ ބުރުގެ މެޗުގައި މާޒިޔާ އިން ފަހު ވަގުތު ލަނޑު ޖަހައިގެން 1-0 އިން މޮޅުވި އެވެ. އަދި، ލީގުގެ ދެ ވަނަ ބުރުގެ މެޗުގައި އޮޑިގެ ކުޅުންތެރިއަކު މަދުކޮށް ބޮޑުބައި ކުޅެން ޖެހުނު މެޗުން މާޒިޔާ މޮޅުވީ 1-0 އިންނެވެ.
ގާސިއާ ބުނީ، މިއީ މާޒިޔާއާ ދެކޮޅަށް އޭނާ ހުއްޓައި އެ ޓީމުން ކުޅޭ ތިން ވަނަ މެޗު ކަމަށްވާއިރު، ފުރަތަމަ ދެ މެޗު ދިޔައީ އެކި ހާލަތު މެދުވެރިވެގެން ކަމަށެވެ. އެ ގޮތުން، ފުރަތަމަ މެޗުން މާޒިޔާ އިން ފަހު ވަގުތު ލަނޑު ޖެހި ކަމަށާއި ދެ ވަނަ މެޗުން ބޮޑުބައި އޮޑިން ކުޅުނީ ކުޅުންތެރިއަކު މަދުކޮށް ކަމަށްވުމުން، ތިން ވަނަ މެޗަކީ އޮޑީގެ މެޗަށް ހަދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ގާސިއާ ވަނީ ބުނެފަ އެވެ.
ހަނދާނުގައި ބަހައްޓަންޖެހޭ އެންމެ ބޮޑު ހަގީގަތަކީ މިއީ އޮޑިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ އަހަރު ކަމަށާއި، ފުރަތަމަ ސީޒަނުގައި ވެސް އެ ޓީމުން މި ވަރުގެ ވާދައެއް ކުރުމަކީ ކުޑަކަމެއް ނޫން ކަމަށް ގާސިއާ ފާހަގަކުރި އެވެ.
"ކަޕެއްގެ ފައިނަލުގައި ކުޅުމަކީ ވެސް ކާމިޔާބެއް ހަގީގަތުގައި، އެކަމަކު، އެ ހިސާބުން ނިންމާލީކީއެއް ނޫން، އަަހަރަމެން މި ކަޕް ބޭނުން، ފަހަރެއްގައި އަހަރެމެންގެ ދިރިއުޅުމުގައި މި ވަރުގެ ފުރުސަތެއް ދެން ނުލިބި ވެސް ދާނެ. އެހެންވީމަ، މި ފުރުސަތުގައި ދައްކައިދޭންވީ އަހަރެމެންނަށް ބޮޑު މެޗުތަކުގައި ވެސް ވާދަކުރެވޭނެކަން. އެކަން ކުރެވިއްޖިއްޔާ، މި ކަޕް ދާނީ އަހަރެމެންނަށް ރަނގަޅަށް،" ގާސިއާ ބުންޏެވެ.
މާޒިޔާ އިން ތިން ވަނަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދަން ނުކުންނައިރު، އެ ޓީމުން އަދި މި ސީޒަނުގައި ދިވެހި ޓީމެއްގެ އަތުން ބަލިވެފައިނުވެ އެވެ. އެކަމަކު، އޮޑި އަކީ ޔަގީނުން ވެސް ހުރިހާ މުބާރާތެއްގައި މާޒިޔާ އަށް އެންމެ ވަރުގަދަ ޗެލެންޖު ދިން ޓީމެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް، ރާއްޖޭގެ ފުޓްބޯޅައިގައި ފައިތިލަ ސާބިތުކުރަމުން އަންނަ އޮޑި އަށް މިރޭ ލިބިފައި މި އޮތީ ރާއްޖޭގެ ފުޓްބޯޅައިގައި ޗެމްޕިއަނުންގެ ސަފަށް ޖެހިލައި ތާރީހީ ކާމިޔާބެއް ހާސިލްކުރުމުގެ ފުރުސަތެވެ. އޮޑިން ތައްޔާރުވާނީ ހުރިހާ ގޮތަކުން ވެސް މި ޗެލެންޖު ނަގައި، ކާމިޔާބު ހޯދުމަށެވެ. މާޒިޔާ އިން އެ ޓީމުގެ ކާމިޔާބީގެ ސިލްސިލާ ތަކުރާރުކުރުމަށެވެ.
ގަލޮޅު ދަނޑުގައި މިރޭ އޮޑި އާއި މާޒިޔާ ބައްދަލުކުރާ ޕްރެޒިޑެންޓްސް ކަޕް ފައިނަލް ފަށާނީ 22:00 ގަ އެވެ.
Comment