about 2 hours 0
އައްޒާމް އަލިފުޅު
about 2 hours 0
ރާއްޖޭގެ ފުޓްބޯޅަ އަށް އަބަދުވެސް ކާމިޔާބަށް އެދޭ ކަމަށާއި ރަނގަޅު ކުރިމަގެއް ހޯދޭނީ ޒުވާން ކުޅުންތެރިންނަށާއި އިންފްރާސްޓްރަކްޗާ އަށް މުޅި ރާއްޖެ އަށް ހުޅުވާލެވިގެން ރަނގަޅު އިންވެސްޓެއް ކުރެވިގެން ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު، ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.
މި ސީޒަނުގައި މާޒިޔާގައި ޖުމްލަކޮށް ކާމިޔާބު މަސައްކަތްތަކެއް ކުރި ހެނާންޑޭޒްގެ ކޮންޓްރެކްޓް ހަމަވުމާ އެކު، ސީޒަންގެ ފަހު މުބާރާތް އެފްއޭ ކަޕްގައި މާޒިޔާގެ ކޯޗުގެ ޒިންމާ އެސިސްޓަންޓް ކޯޗު، އަހުމަދު ސުޒެއިރު (ކޮއްކޮ)އާ ވަނީ ހަވާލުކޮށްފަ އެވެ.
އިޒްރޭލާއި އެމެރިކާ އިން އިސްވެ، އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ހެދި މެދުއިރުމަތީގެ ދަތުރު ފަތުރުގެ ކަންކަމަށް އެރި ބުރޫއާ ހެދި، ހެނާންޑޭޒް އާއި އޭނާގެ އާއިލާ އަށް ރާއްޖޭން ނުފުރި ހުންނަން ޖެހުނު ނަމަވެސް، މިހާރު ވަނީ އެނބުރި ގައުމަށް ގޮސްފަ އެވެ.
މި ސީޒަނުގައި މާޒިޔާ ގޮވައިގެން ހެނާންޑޭޒް ވަނީ އެފްއޭއެމް ލީގު ކަޕް ޗެމްޕިއަންކަމާއި ޗެރިޓީ ޝީލްޑް ވެސް އުފުލާލައިފަ އެވެ. ތަޖުރިބާކާރު ކޯޗު ހެނާންޑޭޒް މި ވަނީ މީގެ ކުރިން ދެކުނު ކޮރެއާ، ކުވެއިތު، ލިތުއޭނިއާ އަދި އުޒްބެކިސްތާނުގައި އެކި މަސައްކަތްތަކެއް ކޯޗިންގައި ކޮށްފަ އެެވެ. މާޒިޔާ އަށް އޭނާ އެންމެ ފަހުން އިރުޝާދު ދިން މެޗަކީ، ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި އޮޑި ސްޕޯޓްސް ކްލަބް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗުގަ އެވެ. މިއީ، މި ސީޒަނުގައި ދިވެހި ޓީމެއް އަތުން މާޒިޔާ ބަލިވި ފުރަތަމަ ފަހަރެވެ.
"އަދަދު ސްޕޯޓްސް" އަށް ހެނާންޑޭޒް ބުނީ، ރާއްޖޭގައި ތަޖުރިބާކުރި ހުރިހާ ކަމަކަށް ވަރަށް ޝުކުރުވެރިވާ ކަމަށާއި އެއް ސީޒަން ތެރޭގައި ތިން ތަށި ހޯދުމަކީ ފަހަރުވެރިވާ ކަމެއް ކަމަށެވެ. އަދި، އެ ކާމިޔާބީގެ ތެރޭގައި، ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މާޒިޔާ އަށް ދިފާއުކުރެވުމަކީ، އޭއެފްސީ މުބާާރާތުގައި ކުޅެން ފުރުސަތު ލިބޭނެ ކަމަކަށްވާތީވެ، އެކަން ފާހަގަކުރަން ބޭނުންވާ ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެވެ.
"އަހަރެން ހައިލައިޓްކޮށްލަން ބޭނުން، އަހަންނަށް ލިބުނު ނަސީބެއް އެ ވަރުގެ ރަނގަޅު ކުޅުންތެރިން ހިމެނޭ ގްރޫޕަކަށް ކޯޗުކޮށްދޭން ފުރުސަތު ލިބުމަކީ. ދެން، ކޯޗިންގައި އަހަންނަށް ދަސްވެފައި ހުރި އެއްޗެއް ރަނގަޅު ދިވެހި ކުޅުންތެރިންނާއި ވަރަށް ޒިންމާދާރު ބިދޭސީ ކުޅުންތެރިންނާ އެކު ހިއްސާކޮށް ކާމިޔާބު ހޯދުމުން ވެސް އުފާވޭ،" ހެނާންޑޭޒް ބުންޏެވެ.
މާޒިޔާގެ މެޗެއްގެ ތެރެއިން ހެނާންޑޭޒް: ޖުމްލަ ގޮތެއްގައި މާޒިޔާގައި ކުރެވުނު މަސައްކަތް ރަނގަޅު ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
މާޒިޔާގައި އޭނާ އަދާކުރި ވަޒީފާގެ ތެރެއިން، ޒުވާން ކުޅުންތެރިންތަކަކާ އެކު، ވަރަށް ހީވާގި މެނޭޖްމަންޓަކާ އެކު، އެ ކުރެވުނު މަސައްކަތުގެ މުހިންމުކަން ބޮޑު ކަމަށް ހެނާންޑޭޒް ފާހަގަކުރި އެވެ.
"އެންމެ ބޮޑު ކަމަކީ އިންފްރާސްޓްރަކްޗާ ރަނގަޅުކުރަން އިންވެސްޓްކުރުން (މާލެ އާއި ރަށްރަށުގައި ވެސް) ދެން، އެބަޖެހޭ ޒުވާން ކުޅުންތެރިންނަށް ވެސް އިންވެސްޓްކުރުން ކުރިއަށްގެންދަން. އެއީ، ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު ވެސް އަދި މުސްތަގުބަލުގައި ވެސް ރައްކާތެރި ކުރެވޭނެ ގޮތަކީ، އެއީ ރާއްޖޭގެ ލީގާއި ގައުމީ ޓީމު ކުރިއަރައިގެންދާނެ ގޮތަކީ،" ހެނާންޑޭޒް ބުންޏެވެ.
ހެނާންޑޭޒް ވަނީ އަބަދުވެސް ރާއްޖޭގެ ފުޓްބޯޅަ އަށް ކުރިއެރުމަށް އެދޭ ކަމަށް ބުނެފަ އެވެ. އަދި، އެފްއޭއެމްގެ އާ ލީޑަޝިޕާއި ގައުމީ ޓީމުގެ ކޯޗު، ހަންގޭރީގެ އިސްތަވާން އުރްބާނީއާ އެކު، ރާއްޖޭގެ ފުޓްބޯޅަ އަށް ކާމިޔާބު ދުވަސްތަކެއް ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ހެނާންޑޭޒް ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު މާޒިޔާގެ ކޯޗަކަށް ހަމަޖެއްސި ޔުއެފާ ޕްރޯ ލައިސަންސް ކޯޗު، ހެނާންޑޭޒް ވަނީ މާޒިޔާ އަށް 30 މެޗުގައި ކޯޗުކޮށްދީފަ އެވެ. އޭގެ ތެރެއިން 24 މެޗުން މޮޅުވިއިރު، ހަތަރު މެޗުން އެއްވަރުވެ، ދެ މެޗުން ވަނީ ބަލިވެފަ އެވެ. ބަލިވި ދެ މެޗަކީ، ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި އޮޑި އަތުންނާއި އޭއެފްސީ ޗެލެންޖު ލީގުގައި ކުވެއިތުގެ އަލް އަރާބި އަތުންނެވެ.
Comment