Advertisement

މުއިއްޒު އޮޕަރޭޓްވާ ގޮތް މަށަށްވުރެ ރަނގަޅަށް އެނގޭނެ މީހަކު ނުހުންނާނެ، މިއީ ވޯޓުލާން ލިބޭ ފަހު ފުރުސަތަށް ވެދާނެ: ޣާލިބު

ޕީޕީއެމްގެ އެއްވުމެއްގައި ޣާލިބު، އޭނާގެ ދެބޭންގެ ދެދަރި ބޭބެ، އޭރުގެ މޭޔަރު އަދި މީހަރު ރައީސް މުހައްމަދު މުއިއްޒުއާއެކު.


މުއިއްޒު އޮޕަރޭޓްވާ ގޮތް މަށަށްވުރެ ރަނގަޅަށް އެނގޭނެ މީހަކު ނުހުންނާނެ، މިއީ ވޯޓުލާން ލިބޭ ފަހު ފުރުސަތަށް ވެދާނެ: ޣާލިބު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ދިވެހި ރައްޔިތުންނަށް ވޯޓުލާން ލިބޭ އެންމެ ފަހު ފުރުސަތަށް ވެދާނެ ކަމުގެ އިންޒާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ އަހުމަދު ޣާލިބު ދެއްވައިފި އެވެ.

އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ޣާލިބު އިއްޔެ މިހެން ވިދާޅުވީ، ސަރުކާރުގެ މިސްރާބު ހުރި ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ރައީސް މުއިއްޒުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ސިޓީ ކައުންސިލް އަދި ދިމްޔާތުގައި މަސައްކަތް ކުރެއްވި ޣާލިބު ވަނީ، ގައުމުގެ ޑިމޮކްރެޓިކް ނިޒާމަށް އޮތް ނުރައްކަލާ މެދު ރައްޔިތުން ވިސްނުމަށް އެދިވަޑައިގެންފަ އެވެ.

"ހަގީގަތުގައި އަޅުގަނޑު އާދޭހާއެކު ރައްޔިތުންނަށް ދަންނަވަން މި ވެދާނެ އަޅުގަނޑުމެންނަށް ވޯޓުލާން ލިބޭ އެންމެ ފަހު ފުރުސަތަށް. މި ވެދާނެ އަޅުގަނޑުމެންނަށް ވޯޓުލާން ލިބޭ އެންމެ ފަހު ފުރުސަތަށް،" އިއްޔެ ހަވީރު ބޭއްވި ކެމްޕޭނު ހަރަކާތުގައި ޣާލިބު ވިދާޅުވި އެވެ.

"އަޅުގަނޑު މިހެން ދެންނެވީމަ ފަހަރެއްގައި ބައެއް މީހުން ހިތުގައި ސުވާލު އުފެދިދާނެ. ދަންނަވަން ވާހަކައެއް، މަގޯތި މުހައްމަދު (ރައީސް މުހައްމަދު އުއިއްޒަށް އިޝާރާތްކޮށް) މަށަށް ވުރެ ރަނގަޅަށް އެނގޭނެ ދިވެހި ރައްޔިތަކު މި އުޑަދަށުގައެއް ނުހުންނާނެ. މި އުޑުދަށުގައެއް ނުހުންނާނެ އަހަރެންނަށް ވަރަށް ރަނގަޅަށް މި އޮޕަރޭޓުވާނެ ގޮތް އެނގޭ ވާހަކަ މި ދަންނަވަނީ."

ޣާލިބު ވިދާޅުވީ ފުރުސަތަކީ މާގިނައިން ލިބޭނެ އެއްޗެއް ނޫން ކަމަށާއި އޭޕްރީލް 4 ގައި ބާއްވާ އިންތިހާބުގެ ވޯޓުލުމުގެ ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފަންޖެހޭ ކަމަށެވެ.

"ފެންނަ ނުފެންނަ ވޯޓަށް ބޮޑު ތަނުން ނޯ ޖަހަން އެބަޖެހޭ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބެލުމަށް ނަގާ ވޯޓަކީ ލޯކަލް ކައުންސިލް އިންތިހާބު ގަޑުބަޑުކުރަން ކުރާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ސަރުކާރުން ރައްޔިތުންގެ ހާލަތު އޮޅުވާލަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން ޣާލިބު ވިދާޅުވީ، ރައީސް މުއިއްޒަށް ފެނިވަޑައިގަންނަވަނީ، ސިއްރުންނާއި ފާޅުގައި ސިޔާސީ މަގާމުތައް ދީފައިވާ މީހުން އެއްކޮށްގެން ދައްކާ މަންޒަރު ކަމަށެވެ.

އެއީ އޮތް ތާއިދެއް ނޫން ކަމަށާއި "ވަރަށް ގިނަ ރައްޔިތުން ތިބީ މި ސަރުކާރު ދެކެ ހިތްހަމަ ނުޖެހިފަ" ކަމަށް ޣާލިބު ވިދާޅުވި އެވެ.