about 3 hours 0
about 3 hours 0
އަމްސްޓެޑަމް، ނެދަލެންޑްސް (ފެބްރުއަރީ 24) - ފީފާ ވޯލްޑް ކަޕެއްގެ ޖާގަ މިހާތަނަށް ހޯދި އެންމެ އާބާދީގެ ނިސްބަތުން ކުޑަ ގައުމުގެ ޝަރަފް، ކިއުރުސާއޯގެ ކޯޗުކަން ނެދަލެންޑްސްގެ ތަޖުރިބާކާރު ކޯޗު، ޑިކް އެޑްވޮކާޓް ދޫކޮށްލަން ނިންމައިފި އެވެ.
އާބާދީގައި އެންމެ 160،000 މީހުން ދިރިއުޅޭ ކިއުރަސާއޯ، ވޯލްޑް ކަޕާ ހަމައަށް ގެނައުމުގައި، 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ނެދަލެންޑްސް އަށް ކޯޗުކޮށްދިން އެޑްވޮކާޓް މުހިންމު ދައުރެއް އަދާކުރި އެވެ. ތިން ފަހަރެއްގެ މަތިން ނެދަލެންޑްސްގެ ގައުމީ ޓީމަށް އިރުޝާދުދިން އެޑްވޮކާޓް، ކިއުރަސާއޯގެ ކޯޗުކަމާ ހަވާލުވީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އޭރު އެ ގައުމުގެ މަދު މީހަކު ނޫނީ ހުވަފެނުން ވެސް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ކަންކަން ނުދެކެ އެވެ.
އުމުރުން 78 އަހަރުގެ އެޑްވޮކާޓް، ކިއުރުސާއޯ ގޮވައިގެން ވޯލްޑް ކަޕަށް ދިޔަނަމަ އޭނާ ވެގެންދާނީ ވޯލްޑް ކަޕެއްގައ ކޯޗުކޮށްދޭން އެންމެ ދުވަސްވީ ކޯޗަށެވެ. އެކަމަކު، ވޯލްޑް ކަޕްގެ ކުރިން، އެޑްވޮކާޓަށް ދިމާވި ހާލަތެއްގެ ސަބަބުން ޖެހުނީ ކިއުރުސާއޯ ދޫކޮށްލާށެވެ.
އެ ގޮތުން، އަންހެން ދަރިފުޅުގެ ބަލި ހާލަތު ހުރި ގޮތުން، އެޑްވޮކާޓް ވަނީ ކިއުރުސާއޯގެ ކޯޗުކަން ދޫކޮށްލައިފަ އެވެ.
"އަބަދުވެސް އަހަރެން ބުނަމުން މި އަންނަނީ އާއިލާއޭ އެންމެ އިސްވާނީ. އެހެންވީމަ، މިއީ ނެޗުރަލް ޑިޒިޝަނެއް،" އެޑްވޮކާޓް ބުންޏެވެ.
"ކިއުރުސާއޯ މަތިން އަބަދުވެސް ހަނދާނުގައި ހުންނާނެ. މި ގައުމުގެ މީހުންނާއި އަހަންނާ އެކު މަސައްކަތްކުރި އެންމެން މަތިން ވެސް. އެންމެ ކުޑަ ގައުމުގެ ގޮތުގައި ވޯލްްޑް ކަޕަށް ކޮލިފައިވި ކިއުރުސާއޯގެ މި ކާމިޔާބީ އަކީ އަހަރެންގެ ކެރިއަރުގެ އެންމެ ހާއްސަ ވަގުތު،"
ރަޝިއާ އާއި ދެކުނު ކޮރެއާ އަށް ވެސް ކޯޗުކޮށްދިން އެޑްވޮކާޓް ވަނީ، ކިއުރަސާއޯގެ ފުޓްބޯޅަ ދެނެގަތުމަށްޓަކައި، އެ ގައުމުގެ ފުޓްބޯޅައިގެ އެކި ހިދުމަތްތެރިންނާއި އެކަޑަމީތަކާއި ކޯޗުންނާ އެކުގައި އަމިއްލަ އަށް ވަގުތު ހުސްކޮށްގެން، ރަނގަޅު ޓީމެއް އެކުލަވާލަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
އެ ގޮތުން، ކިއުރުސާއޯގެ ކުޅުންތެރިންގެ އާންމު ދިރިއުޅުމުގެ ހާލަތާއި ކުޅިވަރުގެ އަހުލާގުގެ ކަންކަމާ ބެހޭ ފުރިހަމަ މައުލޫމާތުތައް އެޑްވޮކާޓް ވަނީ އެއްކޮށްފަ އެވެ. އަދި، ޔޫރަޕްގެ އެކި ގައުމުތަކުގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅޭ ކިއުރަސާއޯގެ ދަރިކޮޅަށް ނިސްބަތްވާ އެކި ކުޅުންތެރިންނާ ވާހަކަ ދައްކައި، އޭގެ ތެރެއިން ވެސް ކިއުރަސާއޯ އަށް ކުޅެވޭނެ އެކިއެކި ރަނގަޅު ކުޅުންތެރިންތަކެއް ހޯދައި، ވޯލްޑް ކަޕަށް ގެންދެވޭނެ ޓީމެއް އެކުލެވާލުމުގެ މޭސްތިރިއަކީ، 45 އަހަރުގެ ކޯޗިން ތަޖުރިބާ ހުރި އެޑްވޮކާޓް އެވެ.
Comment