about 5 hours 0
about 5 hours 0
ލަންޑަން (ޑިސެމްބަރު 12) - އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޓިކެޓްތަކުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާއިރު، ފައިނަލް މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގު ވެސް 4185 ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔޫރަޕްގެ ފުޓްބޯލް ސަޕޯޓާސް ގްރޫޕުން ދާދި ފަހުން ބުނެފައިވަނީ، ފީފާ އިން އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ޓިކެޓް ކަންތައްތަކުގައި އެ ގެންގުޅޭ ނިޒާމް ރަނގަޅުކޮށް، ސަޕޯޓަރުންނަށް ގަނެވޭނެ އަގުތަކުގައި ޓިކެޓް ވިއްކުމަށް ގޮވާލައިފަ އެވެ.
އިނގިރޭސި ފުޓްބޯޅަ ސަޕޯޓަރުންގެ އެސޯސިއޭޝަނުން ބުނެފައިވަނީ، ފީފާ އިން މިހާރު ހަމަޖައްސާފައިވާ ގޮތްގޮތަށް ބަލާއިރު، ޓިކެޓްތަކުގެ އަގުތައް ހުރީ ސަޕޯޓަރުން މޫނުމަތީގައި ޖެހި "އެތިފަހަރެއް" ގޮތަށް ކަމަށެވެ.
އެ ގޮތުން، މިހާރު ހުރި އަގުތަކަށް ބަލާނަމަ، ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ އެންމެ އަގުހެޔޮ ސަޕޯޓާސް ވެލިއު ޓިކެޓެއްގެ އަގު 4185 ޑޮލަރަށް ހުރިއިރު، ސަޕޯޓާސް ސްޓޭންޑާޑް ޓިކެޓެއް ހުރީ 5560 ޑޮލަރަށެވެ. އަދި، ޕްރިމިއަމް ޓިކެޓެއްހުރީ 8860 ޑޮލަރަށެވެ.
ސަޕޯޓަރުންގެ ގްރޫޕުން ބުނެފައިވަނީ، މިހާރު، އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ޓިކެޓްތަކުގެ އަގުހުރީ މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށް ވުރެން ހަތް ގުނަ މަތީގައި ކަމަށެވެ. އަދި، ގަތަރު ވޯލްޑް ކަޕްގެ ފައިނަލަށް އެންމެ އަގުހެޔޮ ޓިކެޓެއް 600 ޑޮލަރަށް ލިބިފައިވެ އެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ބަލަން ޓިކެޓް ގަންނައިރު، ކުޑަކުދިންނާއި ގްރޫޕްކޮށް ޓިކެޓް ގަންނަ މީހުންނަށް ވެސް އެ އުސޫލުން ވެސް ޓިކެޓް ގަނެވެން ނެތްކަން ސަޕޯޓަރުންގެ ގްރޫޕުން ވަނީ ފާހަގަކޮށްފަ އެވެ.
ބައެއް ގައުމުތަކުގެ ސަޕޯޓަރުން މެޗުތައް ބަލަން އަނެއް ބައި ގައުމުތަކުގެ ސަޕޯޓަރުންނަށް ވުރެން އިތުރަށް ޓިކެޓަށް ފައިސާ ދައްކަން ޖެހޭ ގޮތަށް އޮތްއޮތުން ވެސް ސަޕޯޓަރުންގެ ގްރޫޕުން ވަނީ ކުށްވެރިކޮށްފަ އެވެ.
ފީފާ އިން މި ކަމަށް ބުނެފައިވަނީ، ބައެއް މެޗުތަކަކީ އޭގެ ޒާތުގައި ވެސް މަގުބޫލުކަން ބޮޑު، ޑިމާންޑް އޮތް މެޗުތަކަށް ކަމަށްވާތީވެ، ޓިކެޓްގެ އަގަށް ބަދަލު އަންނާނެ ކަމަށެވެ. އެކަމަކު، ބައެއް މެޗުތައް މަގުބޫލުކަން ބޮޑުވި ސަބަބުތަކާ ބެހޭގޮތުން، ސަޕޯޓަރުން އުފައްދާ ސުވާލުތަކަށް ފީފާ އިން އެކަށީގެންވާ ތަފުސީލެއް ދީފައިނުވެ އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ޓިކެޓްގެ އަގުތައް ހުރި ގަތަރު ވޯލްޑް ކަޕްގައި ހުރި އަގުތަކަށް ވުރެން ދެ ގުނަ މަތީގަ އެވެ.
Comment