about 3 hours 0
about 3 hours 0
ޒިއުރިކް (ފެބްރުއަރީ 24) - ޗެމްޕިއަންސް ލީގުގެ ނޮކައުޓް ޕްލޭއޮފްގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާއާ ނަސްލީ ގޮތުން ދިމާކޮށްލި ކަމަށް ބުނާ މައްސަލައެއްގައި، ބެންފީކާގެ ޖިއަންލޫކާ ޕްރެސްްޓިއާނީ ވަގުތީ ގޮތުން މެޗަކަށް ސަސްޕެންޑްކޮށްފި އެވެ.
ވިނީޝިއުސްގެ ގޯލުން 1-0 އިން ރެއާލުން ބެންފީކާ ބަލިކުރި މެޗުގައި، މި ލަނޑު ޖަަހައި، އުފާފާޅުކުރުމަށް ފަހު، ވިނީޝިއުސްއާ ދިމާލަށް ނަސްލީ ގޮތުން ދިމާކުރުމަށް ބެންފީކާގެ ޕްރެސްޓިއާނީ ބުނި އެއްޗެއްގެ ސަބަބުން މެޗުގެ ރެފްރީ ފްރަންކޮއިސް ލެޓެކްސިއާ އަށް އެކަން އަންގައި، ރެއާލްގެ ކުޅުންތެރިން ދަނޑުން ފޭބި އެވެ. އެ ކަމާ ހުރެ 10 މިނިޓަށް މެޗު މެދުކަނޑާލަން ޖެހުނެވެ.
މެޗަށް ފަހު، ބެންފީކާގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ، ސަޕޯޓަރުން ނުރުހުންވާންޖެހޭ ހާލަތަށް ކަންތައްތައް ދިޔައީ ވިނީޝިއުސްގެ އަމަލުތައް ހުރި ގޮތުން ކަމަށެެވެ.
ޕްރެސްޓިއާނީއާ ހަވާލާދީ ޕޯޗުގީސް އަދި ދެކުނު އެމެރިކާގެ ގިނަ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ވިނީޝިއުސްއާ ނަސްލީ ގޮތުން ދިމާކުރާ ފަދަ އިބާރާތެއް ޕްރެސްޓިއާނީ ބޭނުމެއް ނުކުރާ ކަމަށެވެ. އަދި، ވިނީޝިއުސްއާ ދިމާލަށް ޕްރެސްޓިއާނީ ބުނެފައިވަނީ، "ރާމާމަކުނެކޭ" އެއް ނޫން ކަމަށާއި ބުނީ "ބްރަދާ" އޭ ކަމަށް ވެސް އެ ހަބަރުތަކުގަިއ ވަނީ ހިމަނައިފަ އެވެ.
ޕްރެސްޓިއާނީގެ މައްސަލަ ތަހުގީގުކުރަމުން އަންނާތީވެ، ޔުއެފާ އިން ނިންމީ މި މުއްދަތުގެ ތެރޭގައި، ރެއާލާއި ބެންފީކާ އިން ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮތުމާ އެކު، ސީރިއަސް މައްސަލައެއްގެ ތުހުމަތެއް އޮތް ކުޅުންތެރިއެއްގެ ގޮތުގައި ޕްރެސްޓިއާނީ ފެންނާތީވެ، އޭނާ ސަސްޕެންޑް ކުރުމަށެވެ.
ޕްރެސްޓިއާނީ، ވަގުތީ ގޮތުން ސަސްޕެންޑްކުރީ، މި މައްސަލައިގައި އޭނާ ޖަވާބުދާރީވި ގޮތުން ދައްކާފައިވާ ވާހަކަތަކަށް ބަލައި، އޭނާ އަށް ވަގުތީ ސަސްޕެންޝަނެއް ދޭން ފެންނާތީވެ އެވެ. މާނަ އަކީ، ރެއާލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު ޕްރެސްޓިއާނީ އަށް ގެއްލުމެވެ.
ބެންފީކާ އިން ވަނީ މައްސަލައެއްގެ ތަހުގީގު ނުނިމެނިސް އޭގެ އަދަބެއް ކުޅުންތެރިއަކު ތަންފީޒުކުރަން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ބެންފީކާ އިން މި ސަސްޕެންޝަނާ ދެކޮޅަށް އެޕީލްކުރަން ނިންމި ނަމަވެސް، މި ކަމުގައި އަލިމަގެއް ފެނުމުގެ ފުރުސަތު ކުޑަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ޕްރެސްޓިއާނީ އަށް ބޮޑު ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ.
Comment