އޮޑި ސްޕޯޓްސް ކްލަބްގެ ކޯޗު އަންދްރޭ ގާސިއާ.--- ފޮޓޯ: އޮޑި ސްޕޯޓްސް ކްލަބް
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އޮޑި ސްޕޯޓްސް ކްލަބަށް ލިބިފައި މި އޮތީ މި މުބާރާތުގެ ތަށި ހޯދުމަށްޓަކައި ލިބިގެންދާނެ ބޮޑު ފުރުސަތެއް ކަމަށް އެ ޓީމުގެ ކޯޗު، ސްޕެއިނުގެ އަންދްރޭ ގާސިއާ ބުނެފި އެވެ.
މުޅިން އަލަށް މި ސީޒަނުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ އޮޑިން ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް ދަތުުރުކުރީ މެޗަކުން ބަލިނުވެ އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި 12 ފަހަރު މުބާރާތް ކާމިޔާބުކުރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ 1-1 އިން އެއްވަރުކުރި އެވެ. އަދި، ދެ ވަނަ މެޗުގައި، 2016 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކްލަބް އީގަލްސް އަތުން 4-2 އިން މޮޅުވި އެވެ. އަދި، ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކްލަބް އަތުން ވަނީ 2-0 އިން މޮޅުވެފަ އެވެ.
ބުރު އަތުން މޮޅުވި މެޗަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ގާސިއާ ބުނީ، މީގެ ތިން ހަފްތާ ކުރިން ދިވެހި ޕްރިމިއާ ލީގުގައި 1-1 އިން ބުރުއާ އެއްވަރުވި މެޗުގެ ކަންކަމަށް ބަލާއިރު ރޭގެ މެޗު އުނދަގޫވާނެ ކަމަށް ބެލެވުނު ކަމަށެވެ.
"ސީޒަނުގެ މި ހިސާބަށް އަންނައިރު ވަރުބަލިކަން ހުންނާނެ، ދެން އަހަރެމެންނަށް އޮތް ހިތްހަމަޖެހުމެއް ވަރަށް ރަނގަޅު ސްކޮޑެއް އެބައޮތް ޓީމަށް ބޭނުންވާނެ އެނާޖީދޭނެ ރަނގަޅު ކުޅުންތެރިން ގިނަ. އަހަރެމެންނަށް މި މެޗުގައި ރަނގަޅު ކުޅުމެއް މި ދެއްކުނީ، ހަގީގަތުގައި ގިނަ ގޯލު ވެސް ޖެހުނީސް، ހިތްހަމަޖެހުމަކީ އަހަރެމެން މި ވަނީ ފައިނަލަކަށް ގޮސްފައި،" ގާސިއާ ބުންޏެވެ.
އޮޑިން އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ފުރަތަމަ އަހަރު މި ވަނީ ދެ މުބާރާތެއްގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ ގޮތުން، މެއި މަހު ކުރިއަށްދިޔަ އެފްއޭއެމް ލީގު ކަޕްގައި ވެސް އޮޑިން ފައިނަލުގައި ކުޅުނުއިރު، އެ ޓީމުން ދިވެހި ޕްރިމިއާ ލީގުގައި ވަނީ ދެ ވަނައިގައި ނިންމައިފަ އެވެ.
ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ކުޅޭނީ، ލީގު ކަޕް ފައިނަލާއި ދިވެހި ޕްރިމިއާ ލީގު ތަށި ހޯދަން އޮޑި އަށް ވުރެން ކުރިހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެެވެ. ވަގުތީ ކޯޗަކަށް މަސައްކަތްކުރި ފަރުހާދު އިސްމާއިލް (ފަރޭ)އާ އެކު ނުކުމެ ލީގު ކަޕް ފައިނަލުން 4-0 އިން މާޒިޔާ އަތުން އޮޑި ބަލިވި އެވެ. ލީގާ ދިމާކޮށް އޮޑިއާ ހަވާލުވި ގާސިއާއާ އެކު، އޮޑިން ކުޅުން ރަނގަޅުކުރިއިރު، ފުރަތަމަ ބުރުގެ މެޗުގައި މާޒިޔާ އިން ފަހު ވަގުތު ލަނޑު ޖަހައިގެން 1-0 އިން މޮޅުވި އެވެ. އަދި، ދެ ވަނަ ބުރުގެ މެޗުގައި އޮޑިގެ ކުޅުންތެރިއަކު މަދުކޮށް ބޮޑުބައި ކުޅެން ޖެހުނު މެޗުން މާޒިޔާ މޮޅުވީ 1-0 އިންނެވެ.
ގާސިއާ ބުނީ، މިއީ މާޒިޔާއާ ދެކޮޅަށް އޭނާ ހުއްޓައި އެ ޓީމުން ކުޅޭ ތިން ވަނަ މެޗު ކަމަށްވާއިރު، ފުރަތަމަ ދެ މެޗު ދިޔައީ އެކި ހާލަތުގެ ތެރޭގައި ކަމަށެވެ. އެ ގޮތުން، ފުރަތަމަ މެޗުން މާޒިޔާ އިން ފަހު ވަގުތު ލަނޑު ޖެހި ކަމަށާއި ދެ ވަނަ މެޗުން ބޮޑުބައި އޮޑިން ކުޅުނީ ކުޅުންތެރިއަކު މަދުކޮށް ކަމަށްވުމުން، ތިން ވަނަ މެޗަކީ އޮޑީގެ މެޗަށް ހަދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ގާސިއާ ވަނީ ބުނެފަ އެވެ.
ހަނދާނުގައި ބަހައްޓަންޖެހޭ އެންމެ ބޮޑު ހަގީގަތަކީ މިއީ އޮޑިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ އަހަރު ކަމަށާއި، ފުރަތަމަ ސީޒަނުގައި ވެސް އެ ޓީމުން މި ވަރުގެ ވާދައެއް ކުރުމަކީ ކުޑަކަމެއް ނޫން ކަމަށް ގާސިއާ ފާހަގަކުރި އެވެ.
"ކަޕެއްގެ ފައިނަލުގައި ކުޅުމަކީ ވެސް ކާމިޔާބެއް ހަގީގަތުގައި، އެކަމަކު، އެ ހިސާބުން ނިންމާލީކީއެއް ނޫން، އަަހަރަމެން މި ކަޕް ބޭނުން، ފަހަރެއްގައި އަހަރެމެންގެ ދިރިއުޅުމުގައި މި ވަރުގެ ފުރުސަތެއް ދެން ނުލިބި ވެސް ދާނެ. އެހެންވީމަ، މި ފުރުސަތުގައި ދައްކައިދޭންވީ އަހަރެމެންނަށް ބޮޑު މެޗުތަކުގައި ވެސް ވާދަކުރެވޭނެކަން. އެކަން ކުރެވިއްޖިއްޔާ، މި ކަޕް ދާނީ އަހަރެމެންނަށް ރަނގަޅަށް،" ގާސިއާ ބުންޏެވެ.
ޓީމެއްގެ ގޮތުގައި ކުރިއަށްދާއިރު، އޮޑި އަށް ލިބޭ އެންމެ ބޮޑު ހިތްހަަމަޖެހުމަކީ، ޓީމުގެ އެޓޭކުގައި ކުޅޭ ކުޅުންތެރިންނަށް އިތުބާރާ އެކު ކުޅެލެވޭވަރަށް ޑިފެންސްލައިނުގައި މަސައްކަތްކުރާނެ ކުޅުންތެރިން ތިބުން ކަމަށް ގާސިއާ ވަނީ ފާހަގަކޮށްފަ އެވެ.
މާޒިޔާ އާއި އޮޑި ވާދަކުރާ ޕްރެޒިޑެންޓްސް ކަޕް ފައިނަލް އޮތީ އަންގާރަ ދުވަހުގެރޭގަ އެވެ.
Comment