20 ފެބުރުވަރީ 2026 - 14:43 0
20 ފެބުރުވަރީ 2026 - 14:43 0
ކޮލަމްބޯ، ސްރީ ލަންކާ (ފެބްރުއަރީ 20) - މީގެ 10 އަހަރު ކުުރިން ޕާކިސްތާންގެ އުސްމާން، ދުބާއީ އަށް ދިޔައީ އާއިލާ އަށް ޓަކައި މަސައްކަތްކޮށް އާމްދަނީއެއް ހޯދުމަށްޓަކަ އެވެ. ދުބާއީގައި މަސައްކަތްކުރަމުން ދަނިކޮށް، އިންޑިއާގެ ކްރިކެޓް ތަރި، މަހިންދުރަ ސިންގް ދޯނީގެ ކްރިކެޓް ހަޔާތަށް ހެދި ފިލްމު ރިލީސްކުރުމާ އެކު، އެ ފިލްމް ބަލައި، އޭގެއިން ހިތްވަރު ހޯދި، އުސްމާން ކުރި މަސައްކަތުން އޭނާ މި ވަނީ ޕާކިސްތާންގެ ގައުމީ ކްރިކެޓް ޓީމުން ޖާގަ ހޯދައިފަ އެވެ.
އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީގެ ނަމުގައި ރިލީސްކުރި ފިލްމު، 2016 ވަަނަ އަހަރު ބަލައިގެން، އުސްމާްން އޭގެއިން ހިތްވަރު ހޯދީ، ދޯނީ އަކީ ވެސް އާއިލާ އަށް އާމްދަނީ ހޯދުމަށްޓަކައި، ރޭލްވޭ ސްޓޭޝަނެއްގައި މަސައްކަތް ކުރަމުން އައިސް ލިބުނު ފުރުސަތެއްގައި، ކްރިކެޓް ދުނިޔޭގައި ފެންވަރު ސާބިތުކޮށް ފިޔަޖެހި ކުޅުންތެރިއެކެވެ.
"އަހަރެން މަތީ ފަންތީގައި ކްރިކެޓް ކުޅުމުގެ ހާއްސަ ޝުކުރެއް ހައްގުވޭ، އެމްއެސް ދޯނީ ފިލްމަށް. އެ ފިލްމް ބަލާފައި އަހަންނަށް ސިފަވީ އަހަރެމެން ދެމީހުންގެ ދިިރިއުޅުމުގެ ވާހަކައިގައި އެއްގޮތް ކަންތައްތަކެއް ހުރިކަން. އަހަރެމެން ދެމީހުން ވެސް ކްރިކެޓާ މެދު ސީރިއަސްވުމުގެ ކުރިން ދިޔައީ އާއިލާ އަށްޓަކައި މަސައްކަތްކުރަމުން،" އުސްމާން ބުންޏެވެ.
"ބުރަ މަސައްކަތުން ކޮންމެ ކަމެއް ވެސް ކުރެވޭނެކަން ދޯނީ ސާބިތުކޮށްދިން، އަހަރެން ވެސް އެ މަސައްކަތް ކުރަން ތައްޔާރު، އަހަރެން ކްރިކެޓަށް އެނބުރި އައި ސަބަބަކީ އެމްއެސް ދޯނީ،"
އެކިއެކި ފްރެންޗަައިސް ކްރިކެޓް ލީގުތަކުގައި ކުޅެމުން އައި ކުޅަދާނަ ބޯލަރު، އުސްމާނަށް ފުރަތަމަ ފަަހަރަށް ޕާކިސްތާން ގައުމީ ކްރިކެޓް ޓީމުން ޖާގަ ލިބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅުނު ޓީ20 ސީރީސްގަ އެވެ. މެޗަކުން މެޗަކުން ހޯދަމުން އައި ކުރިއެރުމާ އެކު، އުސްމާން ވަނީ ޓީ20 ވޯލްޑް ކަޕްގައި ކުޅޭ ޕާކިސްތާން ސްކޮޑުން ޖާގަ ހޯދައިފަ އެވެ. އަދި، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނަމީބިއާ އަތުން ޕާކިސްތާން މޮޅުވި މެޗުގައި، އުސްމާން ވަނީ ހަތަރު ވިކެޓް ނަގައިފަ އެވެ.
ގަދަ 8ގެ ބުރުގައި ޕާކިސްތާނުން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ބައްދަލުކުރާނީ ނިއު ޒީލެންޑާ އެވެ. ދެ ވަަނަ މެޗުގައި، އިންްގްލެންޑާ ކުޅުމަށް ފަހު، އެ ބުރު ނިންމާ މެޗުގައި، ލަންކާއާ ބައްދަލުކުރާނެ އެވެ.
Comment