20 ފެބުރުވަރީ 2026 - 11:21 0
20 ފެބުރުވަރީ 2026 - 11:21 0
ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާާރާތުގެ ސެމީ ފައިނަލުގައި މިރޭ، އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި 12 ފަހަރު މި މުބާރާތް ކާމިޔާބުކުރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ބައްދަލުކުރާއިރު، މިއީ، މިިދިޔަ 10 އަހަރު ތެރޭ މި ދެ ޓީމުން މި މުބާރާތުގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.
އެންމެ ފަހުން، މި ދެ ޓީމުން ޕްރެޒިޑެންޓްސް ކަޕްގައި ބައްދަލުކޮށްފައިވަނީ، މީގެ 10 އަހަރާއި ހަތަރު މަސް އަދި 16 ދުވަސް ކުރިން، 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގަ އެވެ. އެ ދުވަހު، އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމްގައި، ކުޅުނު ފައިނަލުގައި މާޒިޔާ އިން 3-1 އިން ނިއު ބަލިކޮށް ތަށި ހޯދިއިރު، އެ ދުވަހު މާޒިޔާ އަށް ގައުމީ ތަށި ފުރަތަމަ ފަހަރަށް ހޯދައިދިން ކޯޗު، އަލީ ސުޒޭން މިރޭ ހުންނާނީ ނިއުގެ ކޯޗަކަށެވެ.
ނިއު އިން 2019 އިން ފެށިގެން އެފްއޭއެމް/ފީފާގެ ސަސްޕެންޝަނެއްގައި އޮތުމަށް ފަހު، އެ އިން ސަލާމަތްވެ، އަލުން ފުޓްބޯޅަ އަށް ނުކުތީ 2022 ގަ އެވެ. ދެ ސީޒަނެއްގައި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅުނު ނިއު އަށް ފުރަތަމަ ޑިވިޝަނަށް އެނބުރި އަންނަން ފުރުސަތު ލިބުނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މާލީ ސަބަބުތަކާ ހުރެ، ފުރަތަމަ ޑިވިޝަނުން ވަކިވުމުން، އެ ޖާގަ އަށެވެ. ނިއު އިން ޕްރެޒިޑެންޓްސް ކަޕްގައި މި ކުޅެނީ، 2017 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް މުބާރާތް ކާމިޔާބުކުރި ފަހުން ފުރަތަމަ ފަހަރެވެ.
މި ފަަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ނިއު އިން ކުޅުނު ފުރަތަމަ މެޗުން އޮޑި ސްޕޯޓްސް ކްލަބާ 1-1 އިން އެއްވަރުވެ، ދެ ވަނަ މެޗުގައި ކްލަބް އީގަލްސް އަތުން 2-1 އިން މޮޅުވި އެވެ. ނިއު އިން ބޭނުންވީ ވާދަކުރި ގްރޫޕްގެ އެއް ވަނައިގައި ސެމީ އަށް އައުމަށް ކަމުގައި، ވިޔަސް، އޮޑިން ވަނީ އެ ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. މާނަ އަކީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް އައުމުން، އަނެއް ގްރޫޕްގެ ދެ މެޗުން، ބުރު ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން މޮޅުވި މާޒިޔާއާ ދެކޮޅަށް ފައިނަލުގެ ޖާގަ އަކަށް ވާދަކުރަން ޖެހުމެވެ.
އީގަލްސް މެޗަށް ފަހު ސުޒޭން، މީޑިއާ އަށް އިންޓަވިއު ދިނުމުގެ ކުރިން ސެމީ ފައިނަލުގައި، ނިއު އިން ކުޅެން ޖެހޭ ޓީމެއް ކަށަވަރެއްނުވެ އެވެ. އެކަމަކު، އެ ދުވަހުގައި ވެސް އޭނާ ބުނެފައިވަނީ، މާޒިޔާ އަތުން މޮޅެއްނުވެ، ނޫނީ ނިއު ހިމެނޭ ގްރޫޕްގައި އޮތް ޓީމުތައް އަތުން އެކަނި މޮޅުވެގެން މި މުބާރާތް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
"މީގެ އަޅުގަނޑުމެންނަށް ގައުމީ މުބާރާތް ހޯދާ ކަމަށްވަންޏާ މާޒިޔާ ބަލިނުކޮށް، ނޫނިއްޔާ، ބުރު ބަލިނުކޮށް، ހަަމައެކަނި މި ގްރޫޕްގައި ހުރި ޓީމުތަކާ ކުޅެގެނެއް ނުވާނެ މިކަމެއް. އެހެންވީމަ، މާޒިޔާއާ ވެސް ކޮންމެވެސް ހިސާބެއްގައި ބަލިކޮށްގެން ކުރިއަށްދެވޭނީ، އެ އަދި އިރާދަކުރެއްވިއްޔާ ނިއު ރޭޑިއަންޓަށް އެކެއް ލިބިއްޖިއްޔާ ރަނގަަޅީ، އަބަދުވެސް ބަލަންޖެހޭނެ މާޒިޔާއާ ތަންކޮޅެއް ދުރުން އުޅެވޭތޯ. އަޅުގަނޑު އަނެއްހެން ދަންނަވަންޏާ މީގެ އަނެއް ގޮތަކަށް ނެތް ޕްރެޝަރެއް ހަމަ، ކޮންމެ ބަޔަކާ ދިމާވިޔަސް،" ސުޒޭން ބުންޏެވެ.
ސްޕެއިނުގެ މަތީ ފަންތީގެ ކޯޗު، ލުއިސްމާ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން މާޒިޔާ އިން ވަނީ، މެއި މަހު ބޭއްވި އެފްއޭއެމް ލީގު ކަޕާއި ޗެރިޓީ ޝީލްޑްގެ އިތުރުން ދިވެހި ޕްރިިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. މެއި މަހު، ލީގު ކަޕްގައި މާޒިޔާ އިން 5-1 އިން ނިއު ބަލިކުރި އެވެ. އަދި، ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި، 2-1 އިން ނިއު އަތުން ފަހަތުން އަރައި މާޒިޔާ އިން މޮޅުވި އެވެ. އެކަމަކު، ލީގުގެ ދެ ވަނަ ބުރުގައި މާޒިޔާ މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ތެރޭގައި އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ޕެނަލްޓީން ނިއު އިން 2-2 އިން މާޒިޔާއާ އެއްވަރުކުރި އެވެ.
ނިއު އާއި މާޒިޔާ ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލް މެޗު ފަށާނީ މިރޭ 22:00 ގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment