19 ފެބުރުވަރީ 2026 - 10:21 0
ލީވާން އަލީ ނާސިރު
19 ފެބުރުވަރީ 2026 - 10:21 0
ހުސްވެފައިވާ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ މިއަދު އައްޔަނުކޮށްފި އެވެ.
މިޝަނާ އޮފް ޕޮލިސްގެ މަގާމު ހުސްވުމުން، ގާނޫނުގައި ބުނެފައިވާ ގޮތަށް އެ މަގާމަށް ފަރުހާދު އައްޔަންކުރެއްވީ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން އިއްޔެ ރިޓަޔާކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރައްވަން ނިންމެވީ ސީދާ ކީއްވެގެންކަން ހާމައެއް ނުކުރެ އެވެ.
ފުލުހުންގެ ހިންގެވުން ވަގުތީ ގޮތުން ފަރުހާދުއާ ހަވާލުކުރިއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) އަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ހުށަހަޅާފަ އެވެ.
ފަރުހާދުގެ ދަރިފުޅު މަސްތުވެގެން ހުރެ ފުލުހަކަށް ހަމަލާދިން މައްސަލައަކުން އޭނާ ސަލާމަތް ކުރަން ފަރުހާދު ނުފޫޒު ބޭނުން ކުރިކަމުގެ ތުހުމަތުތަކެއް މީގެ ކުރިން ވެސް ފެންމަތިވި އެވެ.
ފަރުހާދަށް ތުހުމަތު ކުރެވެނީ އޭނާގެ ދަރިފުޅު، މުހައްމަދު ފައުޒާން ފަރުހާދު ފެބްރުއަރީ 27، 2025، ގައި ހައްޔަރު ކުރުމުން، ނުފޫޒު ބޭނުންކޮށްގެން ދަރިފުޅު ސަލާމަތް ކުރަން އުޅުނު މައްސަލައެކެވެ.
މީގެ ކުރިން 2014 ވަނަ އަހަރު، އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕުކޮށް އޭނާގެ ބަރަހަނާ މަންޒަރު ނެގި މައްސަލައެއްގައި ވެސް ފައުޒާން ހައްޔަރު ކުރި އެވެ. އެފަހަރު، ފައުޒާންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވާ އެއިން ހެކި ނައްތާލި މައްސަލައެއްގައި ވެސް ފަރުހާދަށް ތުހުމުތަކެއް ކުރެވުނެވެ. ހެކި ނައްތާލީ ސީދާ ފަރުހާދު ކަމަށް ތަހުގީގުތަކުން ސާބިތުވި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރައްވަން ނަވީން ހުށަހެޅުއްވީ މުހައްމަދު މުއިއްޒުގެ އެންގެވުމާއެކުގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment