ކަދުރަކީ އޭގެ ފައިދާ ބޮޑުކަމުން "ސުޕަ ފުޑް" އެއްގެ ގޮތުގައި ބެލެވޭ ބަރަކާތްތެރި މޭވާއެކެވެ. ރޯދަ މަހު ކަދުރުން ރޯދަ ވީއްލުމަކީ ހަމައެކަނި ސިއްހީ ގޮތުން ފައިދާހުރި ކަމެއް ނޫނެވެ.
ކަދުރަކީ ކީރިތި ގުރުއާނުގެ އެތައް އާޔަތެއްގައި ބަޔާންވެގެންވާ މޭވާއެކެވެ. އަދި ރަސޫލާ ރޯދަ ވީއްލެވުމަށް އެންމެ އިސްކަންދެއްވީ ކަދުރެވެ. އެކަލޭގެފާނު ހަދީސް ކުރައްވާފައި ވަނީ؛
"ތިޔަބައި މީހުންގެ ތެރެއިން މީހަކު ރޯދަ ވީއްލާނަމަ ކަދުރުން ރޯދަ ވީއްލާށެވެ. އެހެނީ އޭގައި ބަރަކާތްވެއެވެ."
ދުވާލު ހަތަރުދަމު ރޯދައަށް ހުރުމުން، ހަށިގަނޑުގައި ހަކުރުގެ މިންވަރު ހުންނާނީ ދަށްވެފަ އެވެ. ކަދުރުގައި ގުދުރަތީ ހަކުރު ގިނަ އަދަދަކަށް ހުރުމުން، ކަދުރުން ރޯދަ ވީއްލުމާއެކު ވަރަށް އަވަހަށް ހަށިގަނޑަށް ހަކަތަ ލިއްބައިދެއެވެ. މިއީ ރޯދަ ވީއްލާ ގަޑީގައި ކުރިމަތިވާ ވަރުބަލިކަން ފިލުވައިދޭ އެންމެ އަވަސް ވަސީލަތެވެ.
ކަދުރަކީ ފޮނި އެއްޗަކަށް ވިޔަސް، އޭގައި ގިނަ އަދަދަކަށް ފައިބަރު ހުރުމުގެ ސަބަބުން ކެއުމަށްފަހު ލޭގެ ހަކުރު ކުއްލިއަކަށް މައްޗަށް ދިޔުން މައިތިރިކޮށްދެ އެވެ.
ކަދުރަކީ ފައިބަރުން މުއްސަނދި މޭވާ އެކެވެ. މީގެ ސަބަބުން ރޯދަ މަހު ކެއުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ބަނޑުހަރުވުމުގެ މައްސަލައަށް ކަދުރަކީ އެއްވަނައިގެ ފަރުވާއެކެވެ. އަދި މިއީ ގޮހޮރުގެ ހަރަކާތްތައް ރަނގަޅުކޮށްދީ، ހަޖަމުކުރުމަށް އެހީތެރިވެދޭ މޭވާއެކެވެ.
ކަދުރުގައި ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ޕޮޓޭސިއަމް އަދި މެގްނީޒިއަމް ހިމެނެއެވެ. ޕޮޓޭސިއަމްގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރަން އެހީވެ ދޭއިރު، މެގްނީޒިއަމްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދެ އެވެ. މީގެ އިތުރުން ކަދުރުގައި ހިމެނޭ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން އެކި ބަލިތަކުން ރައްކާތެރިކޮށްދެއެވެ.
މައުލޫމާތު:https://www.healthline.com/ އަދި https://alqulubtrust.org/
Comment