Advertisement

އަވަސްއަވަހަށް ކޮމިޝަނަރުން ބަދަލުވުމަކީ އާންމުންގެ އިތުބާރު ފުލުހުންނަށް ގެއްލޭނެ ކަމެއް: ހަމީދު

18 ފެބުރުވަރީ 2026 - 16:50 6

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކުރީގެ ޕޮލިސް ކޮމިޝަނަރު ހަމީދު. ފުލުހުންގެ ގާނޫނަށް ގެންނަން އުޅޭ ބައެއް ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރެއްވި --- ފޮޓޯ: އަަދަދު ފައިލް


އަވަސްއަވަހަށް ކޮމިޝަނަރުން ބަދަލުވުމަކީ އާންމުންގެ އިތުބާރު ފުލުހުންނަށް ގެއްލޭނެ ކަމެއް: ހަމީދު

18 ފެބުރުވަރީ 2026 - 16:50 6

އަވަސްއަވަހަށް ޕޮލިސް ކޮމިޝަނަރުން ބަދަލުވަމުންދިޔުމަކީ ފުލުހުންގެ އިދާރާއަށް އާންމުންގެ މެދުގައި އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ) ވިދާޅުވެއްޖެ އެވެ.

މާޗު 2021 ގައި އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހިދުމަތް ކުރަމުން އަންނަ ތިންވަނަ ކޮމިޝަނަރު އިސްމާއިލް ނަވީން ވަނި ރިޓަޔާ ކުރައްވަން ހުށަހަޅުއްވާފަ އެވެ. މި ސަރުކާރުގެ ފުރަތަމަ ކޮމިޝަނަރު އިސްމާއިލް ޝުޖާއު ވެސް އިސްތިއުފާ ދެއްވީ މަގާމާ ހަވާލުވިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

ނަވީނަށް ފަހު އެ މަގާމަށް އައްޔަން ކުރާނީ މަދަނީ ހިދުމަތެއްގެ ގޮތުގައި ފުލުހުން ހަމަޖެއްސިފަހުން އެ އިދާރާއާ ހަވާލުވާ 10 ވަނަ ކޮމިޝަނަރެވެ.

ހަމީދު އާންމުކުރެއްވި ލިޔުމެއްގައި ވަނީ އެއްވެސް ޕްރޮފެޝަނަލް ހިދުމަތެއްގެ އެންމެ މަތީ މަގާމުގައި ތިބޭ މީހުން އެހާ އަވަހަށް ބަދަލުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ލިޔުއްވާފަ އެވެ.

"ލީޑާޝިޕް ތަކުރާރުކޮށް ބަދަލުވަމުންދާނަމަ، ދިގު މުއްދަތުގެ އިސްލާހީ މަސައްކަތްތައް ހުއްޓުމަކަށް އާދޭ. ސިޔާސަތުތަކުގެ އިސްކަންދޭ ތަރުތީބު ބަދަލުވޭ، ވަގުތު ފާއިތުވަމުންދާ ވަރަކަށް، މީގެ ސަބަބުން އާންމުންގެ އިތުބާރު ގެއްލިގެންދޭ،" ހަމީދު ލިޔުއްވި އެވެ.

ފުލުހުންގެ މުއައްސަސާ ހިނގަމުންދަނީ ގައުމީ މަސްލަހަތުގައިތޯ ނުވަތަ ސިޔާސީ މަންފާއަކަށްތޯ އާންމުންގެ މެދުގައި އެ ހިސާބުން ސުވާލު އުފެދޭ ކަމަށް އޭނާ ލިޔުއްވި އެވެ.

ޑިމޮކްރަޓިކް އުސޫލުތަކާއި ހަމަތަކާ ދުރުވަމުންދާ ސަރުކާރަކުން އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނީ ސިޔާސީ ވިސްނުން އެއްގޮތް ކޮންޓްރޯލް ކުރެވޭނެ ފަދަ ކޮމިޝަނަރެއް ކަމަށް ހަމީދު ލިޔުއްވި އެވެ. ނަމަވެސް ޑިމޮކްރަޓިކް ފުލުހުންގެ ހިދުމަތަކަށް ބޭނުންވަނީ އެފަދަ ކޮމިޝަނަރެއް ނޫން ކަމަށް ހަމީދު ފާހަގަކުރެއްވި އެވެ.

"ކޮމިޝަނަރަކީ ޕްރޮފެޝަނަލް ގޮތުން ގާބިލު، ސިޔާސީ ގޮތުން ވަކިފަރާތަކަށް ނުޖެހޭ، އަދި ސިޔާސީ ނުފޫޒުތަކަށް ނޫނެކޭ ބުނުމުގެ ގާބިލުކަން ހުރި މީހަކަށް ވާން ޖެހޭ. އެއީ އޭރަކު އޮންނަ ސިޔާސީ ބާރުތަކުގެ ބަދަލުގައި، ގާނޫނުއަސާސީއާއި ގާނޫނަށް ވަފާތެރިވުން ލާޒިމު މަގާމެއް،" ހަމީދު ލިޔުުއްވި އެވެ.

ޕޮލިސް ކޮމިޝަނަރު އައްޔަނުކުރުމުގެ ބާރު އޮންނަނީ ޕޮލިސް ބޯޑަށެވެ. އެ ބޯޑުން އެ ބާރުތައް އަތުލައި ޕޮލިސް ބޯޑު ބަލިކަށި ކުރުމުގެ ވިސްނުމެއް މި ސަރުކާރުން ގެންގުޅެމުންދާ ކަމަށް ވެސް ހަމީދު ލިޔުއްވި އެވެ.