18 ފެބުރުވަރީ 2026 - 10:58 0
18 ފެބުރުވަރީ 2026 - 10:58 0
ކޮލަމްބޯ، ސްރީ ލަންކާ (ފެބްރުއަރީ 18) - މީގެ ކުރިން ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އޮސްޓްރޭލިއާ މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިފި އެވެ.
މީގެ ކުރިން ދެ ފަަހަރު ފައިނަލުގައި ކުޅެ، 2021 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޮސްޓްރޭލިއާ މުބާރާތުގެ ގްރޫޕް ސްޓޭޖުން މި ކެޓީ 2009 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ. އޮސްޓްރޭލިއާ ގްރޫޕް ސްޓޭޖުން ކެޓިކަން ޔަގީންވީ، އިއްޔެ ކުޅެން އޮތް އަޔަލެންޑާއި ޒިމްބާބްވޭ ބައްދަލުކުރާ މެޗު ވިއްސާރައިގެ ސަބަބުން ކުރިއަށްނުގެންދެވިގެން، ދެ ޓީމަށް ޕޮއިންޓެއް ދިނުމަށް ފަހު ނިންމާލުމާ ގުޅިގެންނެވެ. އޮސްޓްރޭލިއާ އަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ އެ މެޗުން އަޔަލެންޑް މޮޅުވެގެންނެވެ.
އޮސްޓްރޭލިއާ ކެޓިއިރު އެ ޓީމަށް ބާކީ މެޗެއް ވެސް އެބައޮތެވެ. އެކަމަކު، އެ ޓީމަށް މި ގްރޫޕްގެ ގަދަ ދޭއްގައި އޮތް ދެ ޓީމު ކަމަށްވާ ލަންކާ އާއި ޒިމްބާބްވޭ ފަހަނައަޅައި ދެވޭނެ ގޮތެއް ދެން ނެެތެވެ.
މި ފަހަރުގެ މުބާރާތުގައި އޮސްޓްރޭލިއާ އިން ކުޅުނު ފުރަތަމަ މެޗުގައި، 67 ލަނޑުން އަޔަލެންޑް ބަލިކުރި އެވެ. އެކަމަކު، އާދަޔާހިލާފު ގޮތަަކަށް ދެ ވަނަ މެޗުގައި 23 ލަނޑުން ޒިމްބާބްވޭގެ އަތްދަށުވެ، އޮސްޓްރޭލިއާ ޕްރެޝަރަށް ވެއްޓުނީ އެވެ. އަދި، ކުޅުނު ތިން ވަަނަ މެޗުގައި، މުބާރާތް ހޯސްޓްކުރާ އެއް ގައުމު ކަމަށްވާ ސްރީ ލަންކާ އަތުން އަށް ވިކެޓުން ބަލިވެ، އޮސްޓްރޭލިއާ އަށް އަމިއްލަ ބާރު ގެއްލުނެވެ. އަދި، އެހެން މެޗުތަކުގެ ނަތީޖާ ނުކުތްގޮތުން، އޮސްޓްރޭލިއާ އިން ފަހު މެޗުގައި އަންނަ ހުކުރު ދުވަހު އޮމާނާ ކުޅެން ނުކުންނައިރު ވެސް މިހާރު މި އޮތީ އެއީ އޮސްޓްރޭލިއާގެ ފަހު މެޗުކަން ޔަގީންވެފަ އެވެ.
ގަދަ އަށް ޓީމު ދެ ގްރޫޕަށް ބަހާލައިގެން ކުޅޭ "ސުޕަ 8" ބުރުގެ އެއް ވަނަ ގްރޫޕްގައި އޮތީ، އިންޑިއާ، ޒިމްބާބްވޭ، ވެސްޓް އިންޑީސް އަދި ދެކުނު އެފްރިކާ އެވެ. ގްރޫޕް ދޭއްގެ އެއް ޖާގަ ޔަގީންނުވެ އޮތްއިރު، މި ވަގުތު އެ ގްރޫޕްގައި އޮތް ތިން ޓީމަކީ، ސްރީ ލަންކާ، އިންގްލެންޑް އަދި ނިއު ޒީލެންޑް އެވެ.
Comment