17 ފެބުރުވަރީ 2026 - 13:01 2
ލީވާން އަލީ ނާސިރު
ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް: ސްކޫލް ނިންމާފައި މިލިޓަރީ ޓްރެއިނިން ނަހަދާނަމަ ސަރުކާރުން ވަޒީފާ ނުދޭން އޭނާ ވިދާޅުވި -- ފޮޓޯ: މަޖިލިސް
17 ފެބުރުވަރީ 2026 - 13:01 2
ސްކޫލް ނިންމާފައި މިލިޓަރީ ޓްރެއިނިން ނަހަދާނަމަ ސަރުކާރުން ވަޒީފާ ނުދިނުމަށް ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، ހުސައިން ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ހުސައިން ވިދާޅުވީ އޭލެވެލް/އޯލެވެލް ހަދާ ހުރިހާ ދަރިވަރުން ސަރުކާރުގެ ވަޒީފާއެއް ދޭނަމަ ފުރަތަމަ ތަރުބަވީ ތަމްރީން ދިނުމަށް މިލިޓަރީ ޓްރެއިނިންއަށް ފޮނުވަން ޖެހޭ ކަމަށެވެ.
"ދިވެހިރާއްޖޭގައި އޭލެވެލް އޯލެވެލް ހަދާ ހުރިހާ ކުދިން ސަރުކާރުން ވަޒީފާއެއް ދެންޏާ ފުރަތަމަ ތަރުބަވީ ޓްރެއިނިންގައި ހަމަ މިލިޓަރީ ޓްރެއިނިންއަށް ފޮނުވަންވީ. ރަނގަޅަށް މިލިޓަރީ ޓްރެއިނިންއަށް ފޮނުވާފައި މިލިޓަރީ ޓްރެއިނިން ނަހަދާ ކުއްޖަކަށް ސަރުކާރުގެ އެއްވެސް ވަޒީފާއެއް ނުދޭންވީ އިއްޒަތްތެރި ރައީސް،" އޭނާ ވިދާޅުވި އެވެ.
ކިޔަވައި ނިންމައި ވަޒީފާގެ މާހައުލަށް ނިކުންނަ ޒުވާނުންގެ ރިވެތި އަހުލާގއި ކިޔަމަންތެރިކަން ހުރިތޯ ސުވާލު އުފައްދަވައި ހުސައިން ވިދާޅުވީ ކިތަންމެ މަތިން ފާސްވެގެން މޮޅު ސެޓްފިކެޓެއް އޮތަސް، ތަރުބަވީ ހަޔާތުގައި ލިބެންޖެހޭ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދެވިފައިވޭތޯ ވެސް ބަލަން ޖެހޭ ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ދަސްކުރަންވީ ފިލާވަޅަކީ އަޅުގަނޑުމެންގެ ގައުމުގައި މިއަދު ވަޒީފާ އަދާކުރަން ނިކުންނަ ކުދިންގެ ރިވެތި އަހުލާގާއި އެ ކިޔަމަންތެރިކަން އެބަހުރިތޯ. ސެޓްފިކެޓް ކިތަންމެހާވެސް ރަނގަޅު. ނަތީޖާ ކިތަންމެހާވެސް ރަނގަޅު. ހައި ޑިސްޓިންޝަންގައި އަޅުގަނޑުމެންގެ ކުދިން ސެޓްފިކެޓް ހޯދައިގެން އައިސްފައި ވަޒީފާގެ މާހައުލަށް ނިކުންނައިރުގައި އެކުދިންނަށް ވަޒީފާގެ މާހައުލުގައި އެ ތަރުބަވީ ހަޔާތުގައި އެގޮތަށްތޯ ކަންތައް ވަމުންދަނީ. އެ ހިދުމަތް ރަނގަޅަށް ފޯރުކޮށްދޭތޯ ބަލަން އެބަޖެހޭ" އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން ވަނީ ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށް ވަތަނީ ހިދުމަތް (ނެޝަނަލް ސާވިސް) ގެ ޕްރޮގްރާމެއް ފަށާފަ އެވެ. އެއް އަހަރަށް ހިންގާ އެ ޕްރޮގްރާމުގެ ބައިވެރިންނަށް ހުރުމާއި، ކެއުމާއި، ބޭސްފަރުވާ އާއި ދަތުރުފަތުރު ސަރުކާރުން ހަމަޖައްސައިދެ އެވެ.
އެ ޕްރޮގްރާމްގައި 16 އަހަރާއި 28 އަހަރާ ދެމެދުގެ ކޮންމެ ދިވެއްސަކަށް ބައިވެރިވެވޭނެ އެވެ. 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ބައިވެރިވެވޭނީ ބެލެނިވެރިންގެ ހުއްދައާއެކު އެވެ.
މިކަމާ ގުޅޭ ހާއްސަ ބިލެއް ވެސް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު ވަނީ ހުށަހަޅުއްވާފަ އެވެ.
ނޭޝަނަލް ސާވިސް ޕްރޮގާމުގެ ތެރެއިން އަހަރަކު 1،000 ކުދިން ތަމްރީނު ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެ ޕްރޮގްރާމް ތައާރަފްކުރި ފަހުން މިދިޔަ އަހަރު ތަމްރީންތަކަށް ދިޔައީ 343 މީހުންނެވެ.
Comment