Advertisement

އިންތިހާބާ ދިމާކޮށް ފައިސާ ބެހުން: ފްލެޓުތަކުގެ ވެރިންނަށް ދެނީ 16 މިލިއަން ރުފިޔާ

17 ފެބުރުވަރީ 2026 - 11:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސިނަމާލެ ފުލެޓުތައް ހުންނަ އިމާރާތް: އެތަނުގެ ވެރިންނަށް ވެސް އެއް ލައްކަ ރުފިޔާ ދިނުމަށް ވަނީ ނިންމާފައި -- ފޮޓޯ: އަދަދު


އިންތިހާބާ ދިމާކޮށް ފައިސާ ބެހުން: ފްލެޓުތަކުގެ ވެރިންނަށް ދެނީ 16 މިލިއަން ރުފިޔާ

17 ފެބުރުވަރީ 2026 - 11:15 0

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއް ލައްކަ ރުފިޔާ ދޭން ނިންމުމުން އެކަމަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 16.1 މިލިއަން ރުފިޔާ ހަރަދުވާނެކަން އެނގިއްޖެ އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ސިނަމާލޭގެ ހަތަރު ފްލެޓާއި މާލޭ ހިޔާގެ ދެ ފްލެޓުގައި ޖުމްލަ 161 އެޕާޓްމަންޓު ހުންނައިރު، އޭގެއިން ކޮންމެ އެޕާޓްމަންޓެއްގެ ވެރިޔަކަށް އެއް ލައްކަ ރުފިޔާ ދޭން ޖުމްލަ 16.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

މާލެހިޔާގެ ޖުމްލަ 60 އެޕާޓްމަންޓް ހުރެ އެވެ. އެއީ މާލެހިޔާ 1 ގެ 36 އެޕާޓްމަންޓާއި މާލެހިޔާ 2 ގެ 24 އެޕާޓްމަންޓެވެ. ސިނަމާލޭގައި ޖުމްލަ 101 އެޕާޓްމަންޓް ހުރެ އެވެ. އެއީ ސިނަމާލެ 1 އަދި 2 ގެ 24 އެޕާޓްމަންޓާއި ސިނަމާލެ 3 ގެ 20 އެޕާޓްމަންޓް އަދި ސިނަމާލެ 4 ގެ 33 އެޕާޓްމަންޓެވެ.

އެ ނިންމެވުން މުއިއްޒު ނިންމެވީ މުލީއާގޭގައި މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓުތަކުގެ ބައެއް ވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުގެ މަގާމަށް ވާދަ ކުރައްވާ މޫސާ އަލީ ޖަލީލު އާއި މާލޭގެ ޑަބްލިއުޑީސީގެ ރައީސަކަށް ވާދަކުރައްވާ އައިޝަތު އަލައިކާ އަދުނާނުގެ އިތުރުން އިންތިހާބުގައި ވާދަކުރައްވާ މިހާރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަރީޝް އަދި ގަލޮޅު ދެކުނަށް ވާދަކުރައްވާ މިހާރުގެ ކައުންސިލަރު އިބްރާހިމް މުހައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.

މުއިއްޒު ނިންމެވި "ހާއްސަ އިނާޔަތް" ބެހިގެންވާ ގޮތުގެ ހުލާސާ:

  • ފައިސާ ނުދެއްކިގެން މިހާތަނަށް އަރާފައިވާ ހުރިހާ ޖޫރިމަނާއެއް އެއްކޮށް މައާފުކުރުން.
  • ފްލެޓް ބައުވެފައިވާތީ ބަދަލެއްގެ ގޮތުގައި ކޮންމެ ފްލެޓަކަށް 100,000 ރުފިޔާ ދިނުން.
  • ފްލެޓަށް ދައްކަންޖެހޭ ބާކީ ފައިސާއިން އެއްލައްކަ ރުފިޔާ އުނިކުރުމަށްފަހު، ބާކީވާ މިންވަރެއް އޮތްނަމަ އެ ފައިސާ ސީދާ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދިނުން.
  • ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ދިނުން.

އިންތިހާބާ ދިމާކޮށް މުއިއްޒު ދެއްވަން ނިންމެވި މި ފައިސާއާ ގުޅޭގޮތުން އަދަދު އިން އޭސީސީއަށް ތަކުރާރުކޮށް ގުޅައި މެސެޖު ކުރުމުން ވެސް އެއްވެސް އެއްޗެއް މިހާތަނަށް ވެސް ބުނެފައެއް ނުވެ އެވެ.

މި ނިންމެވުން މުއިއްޒު ނިންމެވީ ސިނަމާލެ އާއި މާލޭހިޔާ ތަޅާލައި އާ ފްލެޓް އަޅައިދޭނެ ކަމަށްވީ ވައުދަށް އަމަލީ ސިފައެއް ނައިސް، ފްލެޓްތަކުގެ ސްޓްރަކްޗާ އިންތިހާއަށް ބާވެފައިވާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އޭޕްރީލް 4, ގައި ބާއްވަ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ދައުލަތުގެ ބަޖެޓުން މިފަދަ ބޮޑު ހޭދައެއް "އިނާޔަތުގެ" ނަމުގައި އިއުލާނު ކުރުމަކީ ވޯޓަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށް، އެއީ ރިޝްވަތު ދިނުން ކަމަށް ބުނަމުންނެވެ.