14 ފެބުރުވަރީ 2026 - 06:34 0
200 މީޓަރު ރޭސް ނިންމުމަށް ފަހު ސާއިދު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
14 ފެބުރުވަރީ 2026 - 06:34 0
މިހާރު ކުރިއަށްދާ 12 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 200 މީޓަރު ރޭސް، ދާދި ފަހުން، އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލްކުރި ދެ އެތުލީޓުން ކަމަށްވާ ހަސަން ސާއިދު އާއި އަހްނާ ނިޒާރު ހޯދައިފި އެވެ.
އެ ގޮތުން، ކުޅިވަރު އެކުވެނީ ޓްރެކުގައި ކުރިއަށްދާ މި މުބާރާތުގެ 200 މީޓަރު އިވެންޓުގެ ރަން މެޑަލް، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު އަށް ލިބިފައިވަނީ މީޓް ރެކޯޑަކާ އެކު އެވެ. ދިވެހި ސިފައިންގެ ކްލަބްގެ ސާއިދު، އިވެންޓް ނިންމީ 21.48 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ ސާއިދު ސްޕޯޓްސްގެ އާދަމް ރިއްފަތު ރޭސް ނިންމީ، 21.86 ސިކުންތުންނެވެ. އަދި، ތިން ވަނަ އަށް ދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ހުސެއިން ޒީކް ސުއާދު ރޭސް ނިންމީ، 22.25 ސިކުންތުންނެވެ.
200 މީޓަރު ރޭހުގެ އެއް ވަނަ ހޯދި އަހްނާ، ރަން މެޑަލް ދައްކާލަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އަންހެން އެތުލީޓު، ޝަރީފް ސްޕޯޓްސްގެ އަހްނާ، 200 މީޓަރު އިވެންޓުގެ އެއް ވަނަ ހޯދީ 25.19 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނައިގައި ނިންމީ 25.54 ސިކުންތުން އިވެންޓް ފުރިހަަމަކުރި، އައްޑޫ އެތުލެޓިކްސްގެ ޒިވާ މޫސާ ޝަފީއު އެވެ. އަދި، ތިން ވަނަ ހޯދި އައްޑޫ އެތުލެޓިކްސްގެ ހައްވާ މުޒްނާ ފާއިޒުގެ ޓައިމިން އަކީ، 26.06 ސިކުންތެވެ.
ފަނަރަ ސަތޭކަ މީޓަރުގެ އިވެންޓަށް ބަލާއިރު، އަންހެން ކެޓަގަރީން އެއް ވަަނަ އަކީ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒީކް އަޝްރަފް ރަޝީދު އެވެ. ޓައިމިން އަކީ، 5 މިނިޓް 15.53 ސިކުންތެވެ. ދެ ވަނަ އަށް ދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ބިންތި އަހުމަދު ވަނީ 5 މިނިޓް 22.48 ސިކުންތުގެ ޓައިމިން އަކުން އިވެންޓް ނިންމައިފަ އެވެ. އަދި، ތިން ވަނަ ދިޔަ ރަންއިންމޯޑް އެެތުލެޓިކްސްގެ އައިމިނަތު ޖާއިޝާ ޖުނީޒް ވަނީ 5 މިނިޓް 38.95 ސިކުންތުން ރޭސް ނިންމައިފަ އެވެ.
މި އިވެންޓްގެ ފިރިހެން ކެޓަގަރީގެ އެއް ވަަނަ އަކީ ހުސެއިން ރިޒާ (ކުޑަ ރިޒާ) އެވެ. ދިވެހި ސިފައިންގެ ކްލަބްގެ ރިޒާގެ ޓައިމިން އަކީ، 4 މިނިޓް 16.96 ސިކުންތެވެ. ދެ ވަނަ ދިޔަ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިދު އަބްދުﷲ ރިފާއުގެ ޓައިމިން އަކީ، 4 މިނިޓް 18.26 ސިކުންތެެވެ. އަދި، ތިން ވަނަ ދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ މުހައްމަދު އަޔާން ޝަފީއުގެ ޓައިމިން އަކީ 4 މިނިޓް 23.84 ސިކުންތެވެ.
ރިޒާ ރޭސް ނިންމަމުން އުފާފާޅުކުރަނީ: މި އަހަރުގެ މުބާރާތުގައި ރަނގަޅު ފޯމެއްގައި އަންނަނީ ވާދަކުރަމުން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ރިޒާ ވަނީ 800 މީޓަރު އިވެންޓުން ވެސް އެއް ވަނަ ހޯދައިފަ އެވެ. އެއީ، 1 މިނިޓް 57.05 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ، ސިފައިންގެ ކްލަބްގެ ހުސެއިން ފަޒީލް ހާރޫން (ފްލެޝް)ގެ ޓައިމިން އަކީ، 1 މިނިޓް 58.78 ސިކުންތެވެ. އަދި، ތިން ވަނަ ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އަހުމަދު އިޔާން އިގްބާލް މުހައްމަދުގެ ޓައިިމިން އަކީ، 1 މިނިޓް 58.94 ސިކުންތެވެ.
އަދި، މި އިވެންޓްގެ އަންހެން ކެޓަގަރީގެ އެއް ވަނަ ދިވެހި ސިފައިންގެ ކްލަބްގެ ފަސޫހާ އަހުމަދަށް ލިބުނީ 2 މިނިޓް 22.73 ސިކުންތުން ދުވެގެންނެވެ. ދެ ވަނަ އަށް ދިޔަ ޓްރެކް އެންޑް ފީލްޑްގެ ޒީކް ވަނީ 2 މިނިޓް 31.74 ސިކުންތުން ރޭސް ނިންމައިފަ އެވެ. އަދި، ތިން ވަނަ ހޯދި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިމިނަތު ލުމާ އަސްލަމް ވަނީ 2 މިނިޓް 42.82 ސިކުންތުން ރޭސް ނިންމައިފަ އެވެ.
ފަސޫހާ (ކ) އާއި ޒީކް (ވ) ރޭހެއްގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް އެމްވީ
އޯޕަން ކެޓަގަރީގެ ލޯންގް ޖަމްޕް އެއް ވަނަ ހޯދީ 6.34 މީޓަރު ދުރަށް ފުންމި ޝަރީފް ސްޕޯޓްސްގެ ސިޒާން އަލީ ރިޒާ އެވެ.
ލޯންގް ޖަމްޕްގެ ތިން ވަނަ އަށް ދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޔޫސުފް ނާއިކް ވަޖީހު ވަނީ ހައި ޖަމްޕުން އެއް ވަނަ ހޯދައިފަ އެވެ. އެއީ، 1.80 މީޓަރު މަތިން ފުއްމައިގެންނެވެ.
ބުރާސްފަތި ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި މިއަދު ހެނދުނު 13 އިވެންޓެއް ކުރިއަށްދާނެ އެވެ. އަދި، ހަވީރު އަށް އިވެންޓެއް އޮންނާނެ އެވެ.
Comment