16 ފެބުރުވަރީ 2026 - 18:09 3
ލީވާން އަލީ ނާސިރު
16 ފެބުރުވަރީ 2026 - 18:09 3
ފާއިތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައި އެމަޖެންސީގައި ދަތުރުކުރި އެމްބިއުލާންސް އެކްސިޑެންޓުވި ދެ ހާދިސާއެއް ހިނގުމުން ރައްޔިތުން އަހުލުވެރިކުރުވަން ކެމްޕެއިނެއް ހިންގަން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ނިންމައިފި އެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އެ ކެމްޕެއިން ހިންގަނީ ނުރައްކާތެރި ހާދިސާތައް މަދުކުރުމުގެ ގޮތުން، ރައްޔިތުން ހޭލުންތެރިކުރުވަން މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރި ކުރުވަން ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކަމަށެވެ.
"މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި އެންމެންގެ އެއްބާރުލުން ފޯރުކޮށްދިނުމަކީ ނުހަނު މުހިއްމު ކަމެއް ކަމުގައި މި ހޮސްޕިޓަލުން ދެކެން. މިފަދަ ނުރައްކާތެރި ހާދިސާތައް މަދުކުރުމުގެ ގޮތުން، ރައްޔިތުން ހޭލުންތެރި ކުރުވުމަށާއި، މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރި ކުރުވުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން ހާއްސަ ކެމްޕެއިނެއް ހިންގުމަށް މި ހޮސްޕިޓަލުން މި އަންނަނީ މަސައްކަތް ކުރަމުން،" އެ ހޮސްޕިޓަލުން ބުންޏެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އެމްބިއުލާންސަކީ ފުރާނައަށް ނުރައްކާވާފަދަ ހާލަތްތަކުގައި ތިބޭ ބަލިމީހުންނަށް އަވަސް ފަރުވާ ފޯރުކޮށްދިނުމަށް ދަތުރުކުރާ އުޅަނދަކަށްވީ ހިނދު ދުއްވާފައިދާ އެމްބިއުލާންސަށް ޖާގަ ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނީ އެމްބިއުލާންސަށް ތަންދިނުމަކީ ގާނޫނީ ވާޖިބެއްގެ އިތުރުން އެކަކު އަނެކަކަށް އެހީތެރިވުމުގެ ގޮތުން އަދާކުރަންޖެހޭ ފަރުދީ ޒިންމާއެއް ކަމަށާއި އެމްބިއުލާންސްގެ ސައިރަންގެ އަޑުއިވުމާއެކު ވަގުތުން މަގުދައްކައި އެމްބިއުލާންސަށް ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ދުއްވާފައިދާ ހުރިހާ އުޅަނދުތަކެއްގެ ޒިންމާއެއް ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި މިފަދަ ނުރައްކާތެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން އެ ހޮސްޕިޓަލުން ދިނެވެ.
އައްޑޫ ސިޓީ ހިތަދޫގައި ރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ބަޔަކު ގޮވައިގެންދިޔަ އެމްބިއުލާންސް ކާރެއްގައި ޖެހި އެކްސިޑެންޓުވި އެވެ. އެ އެކްސިޑެންޓުގައި ހިމެނޭ ކާރު ޓޯކޮށް މައްސަލަ ތަހުގީގު ކުރަން ފުލުހުން ވަނީ ފަށާފަ އެވެ.
ފުލުހުން ބުނީ ހިތަދޫ ބޮޑުމަގުން ދުއްވާފައި ދިޔަ އެކްސިޑެންޓު ކާރުގައި ޖެހުނު މައްސަލައިގައި ކާރު ދުއްވި މީހާގެ އިހުމާލު އޮތް ކަމަށް ބެލެވޭ ކަމަށެވެ.
Comment