Advertisement

މޮޅު އެތުލީޓުގެ މަގާމު ދީމާ، މުންސިފް، އީމާ އަދި އަޒްނީން އަށް

16 ފެބުރުވަރީ 2026 - 01:22 3


މޮޅު އެތުލީޓުގެ މަގާމު ދީމާ، މުންސިފް، އީމާ އަދި އަޒްނީން އަށް

16 ފެބުރުވަރީ 2026 - 01:22 3

އަހަރެއްގެ މެދުކެނޑުމަކަށް ފަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެންމެ މޮޅު އެތުލީޓުގެ މަގާމު، ޓީޓީ ތަރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި މޫސާ މުންސިފް އަހުމަދު އަދި ބޮޑީބިލްޑިންގެ އަޒްނީން ރަޝާދު އާއި އީމާ އަބްދުއްސައްތާރު ހޯދައިފި އެވެ.

މިއީ، ދީމާ މި އެވޯޑް ހޯދި ތިން ވަނަ ފަަހަރެވެ. އަދި، އަޒްނީން ވަނީ މި އެވޯޑް ދެ ފަހަރު ހޯދައިފަ އެވެ. ދީމާ އާއި މުންސިފް އަށް އެއް ވަނަ ލިބުނީ އޮލިމްޕިކް ސްޕޯޓްސް އިންނެވެ. އަދި، އަޒްނީން އާއި އީމާ އަށް ލިބުނީ ނޮން އޮލިމްޕިކް ސްޕޯޓްސް އިންނެވެ.

އެންމެ މޮޅު އޮލިމްޕިކް ކުޅިވަރު އަންހެން އެތުލީޓުންނަށް ބަލާއިރު، ދެ ވަނަ ހޯދީ ވޮލީ ތަރި، އާއިޝަތު މާޖިދާ އާއި ފާތިމަތު ޖޫޒާން ޒަރީރު އެވެ. އަދި، ފިރިހެން ކެޓަގަރީ އަށް ބަލާއިރު، މުންސިފްގެ ފަހަތުން ދެ ވަނަ އަށް ވޮލީބޯޅައިގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ހޮވުނުއިރު، ތިން ވަނަ އަށް ދިޔައީ، މުހައްމަދު ރިހާން ޝިހާމް އެވެ.

ނޮން އޮލިމްޕިކް ކުޅިވަރަށް ބަލާއިރު، އަޒްނީންގެ ފަހަތުން ދެ ވަނަ އާއި ތިން ވަަނަ ވެސް ހޯދީ ބޮޑީބިލްޑަރުންނެވެ. އެ ގޮތުން، ދެ ވަނަ އަކީ، ޝާހީން އިބްރާހިމް ދީދީ އެވެ. އަދި، ތިން ވަނަ އަކީ، އަހްސަން ރަޝީދު އެވެ.

އަހަރުގެ އެންމެ މޮޅު ޒުވާން އަންހެން އެތުލީޓަކީ ވެސް ދީމާ އެވެ. ދެ ވަނަ އަކީ ޓީޓީ ކުޅުންތެރިޔާ، މިޝްކާ މުހައްމަދު އިބްރާހިމް އެވެ. އަދި، ތިން ވަނަ އަކީ ފެތުންތެރިޔާ، ތަޒްކިޔާ އަމްނާ މިރުސާދު އެެވެ. އެންމެ މޮޅު ޒުވާން ފިރިހެން އެތުލީޓުންނަށް ބަލާއިރު، އެއް ވަނަ އަށް ރިހާން ހޮވުނުއިރު، ދެ ވަނަ ހޯދީ ޓީޓީ ކުޅުންތެރިޔާ، ޒީކް ހަސަން ލަތީފް އެވެ. އަދި، ތިން ވަނަ ލިބިފައިވަނީ، ޓީޓީ ކުޅުންތެރިޔާ، އުމޭރު މުހައްމަދު މުއިއްޒު އެވެ.

ވަކިވަކި ކުޅިވަރުތަކުން އެއް ވަނަ ހޯދި ކުޅުންތެރިންނަށް ބަލާއިރު، އެތުލެޓިކްސްގެ އެންމެ މޮޅު އެތުލީޓަކަށް ހަސަން ސާއިދުގެ އިތުރުން ހޮވުނީ ފަސޫހާ އަހުމަދު އެވެ. ބެޑްމިންޓަނުން ލިބުނީ ފާތިމަތު ނަބާހާ އަބްދުރައްޒާގް (ނަބާ) އާއި މުހައްމަދު ޒަޔާން ޝަހީދު ޒަކީ އެވެ.

ބޯޑީބޯޑިން އިން އަލީ ހުޝްރުވާން (ކުޑަ އައްޔަ) ހޮވުނުއިރު، ބޮޑީބިލްޑިން އިން މި ފަަަހަރު ވެސް އަޒްނީން ވަނީ އެއް ވަނަ ހޯދައިފަ އެވެ. ކެރަމް އިން އެއް ވަނަ ހޯދީ އާމިނަތު ވިދާދު، އިސްމާއީލް އަޒްމީން އެވެ. ޗެސް އިން އެއް ވަނަ އަށް ނިހާޔާ އަހުމަދުގެ އިތުރުން ހޮވުނީ މުހައްމަދު ޝުއާއު އެވެ. ކްރިކެޓުން ލިބުނީ، ޔޫސުފް އަޒްޔާން ފަރުހަތު އަށެވެ.

ހޭންޑްބޯޅައިން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ، ފާތިމަތު ޖުމާން އާއި މުހައްމަދު ފިރުނާޝް އެވެ. ނެޓްބޯޅައިން އެއް ވަނަ ހޯދީ، އީމާ އަބްދުއްސައްތާރު އެވެ. ބިލިއާޑުން ލިބުނީ އާމިނަތު އަޒުރާ އާއި ހުސައިން ފަޔާޒު އެވެ. ޝޫޓިން އިން އެވޯޑް ހާސިލްކުރީ، އާއިޝަތު ޔޫހާ އިމްތިޔާޒު އާއި އިބްރާހިމް ޝިފާން އެވެ. އަދި، ފެތުމުން، ތަޒްކީ އާއި ރިހާން އަށް ޓްރޮފީ ލިބުނުއިރު، ޓީޓީން ލިބުނީ މުންސިފް އާއި ދީމާ އަށެވެ. ޓެނިހުން ހޯދީ އާރާ އާސަލް އާއި އަބްދުﷲ ފާއިހް ފަޒީލް އެވެ. ވޮލީން ލިބިފައިވަނީ މާޖިދާ އާއި ކުޑަ ކާއްޓެ އަށެވެ.

މި ފަހަރުގެ އެވޯޑް ހަފްލާގައި، ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ލިބުނީ މޫސާ މަނިކު (ކުޑަ މޫސަ) އާއި މުހައްމަދު ނަދީމް (ނަދީމްބެ) އަށެވެ. ސްޕެޝަލް ރިކޮގޮނިޝަން ކެޓަގަރީން ސްޕެޝަލް އޮލިމްޕިކްސް އެތުލީޓްގެ އެވޯޑު ހޯދީ މުހައްމަދު އައްޝަލް އާދަމް އާއި މަރްޔަމް ޒިވާ ޒާހިރު އެވެ.

ކުޅިވަރު މިޑީއާގެ ދާއިރާއިން ސްޕޯޓްސް ވިޝްއަލް އާޓިސްޓްގެ އެވޯޑް ހޯދީ ނައުޝަމް ވަހީދު އެވެ. އަދި، އެންމެ މޮޅު ކުޅިވަރު ނޫސް ވެރިޔާގެ އެވޯޑް ހޯދީ އިސްމާއީލް ޝާހު އެވެ. އަދި، ކުޅިވަރު ނޫސްވެރިޔާ، ހަސަން ސާއިދުގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ އެވޯޑް ވަނީ ދީފަ އެވެ.

ސަރުކާރުން 2022 ވަނަ އަހަރު ބާއްވަން ފެށި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ މި އަހަރު އަހަރެއްގެ މެދުކެނޑުމަކަށް ފަހު ބޭއްވީ 2024 ވަނަ އަހަރުގެ ކާމިޔާބީތަކަށް ހާއްސަކޮށް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި، 2025 ވަނަ އަަހަރުގެ ކާމިޔާބީތަކަށް ހާއްސަ އެވޯޑް މި އަހަރު ފަހުކޮޅު ބާއްވާނެ . ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ފަަހަރުގެ މޯލްޑިވްސް އެވޯޑްސް އަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ނޮމިނޭޝަން ފޮނުވާފައެއް ނުވެ އެވެ. އެ ގޮތުން، 2024 ވަނަ އަހަރު ރާއްޖޭގައި ފުޓްބޯޅައިގެ ގައުމީ ލެވަލްގެ މުބާރާތްތަކެއް ބޭއްވިފައިނުވާއިރު، ބާސްކެޓްބޯޅަ އަށް ބޭއްވުނީ އެންމެ މުބާރާތެއް ކަމުން ނޮމިނޭޝަން ހުށަނޭޅުމަށް ނިންމި ކަމަށްވެ އެވެ. އަދި، ސާފިން އެސޯސިއޭޝަނަށް ނޮމިނޭޝަން ހުށަހެޅުނީ މުއްދަތު ހަމަވި ފަހުންނެވެ.