14 ފެބުރުވަރީ 2026 - 13:18 2
14 ފެބުރުވަރީ 2026 - 13:18 2
މި އަހަރު ތެރޭ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ދެ ހަފްލާއެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
އެ ގޮތުން، ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނެފައިވަނީ، މާދަމާރޭ ބާއްވަން ހަމަޖެހިފައިވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" އަކީ 2024 ވަނަ އަހަރު ގައުމީ ޓިމްތަކާއި، ކުޅުންތެރިން އަދި އޮފިޝަލުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ އެވޯޑު ހަފުލާ ކަމަށެވެ.
އަދި، މާދަމާރޭ އެ ބާއްވާ ހަފްލާ އަކީ ކުރިން ބާއްވަން ހަމަޖެހިފައި އޮތް އިވެންޓެއް ނަމަވެސް އެކި ސަބަބުތަކާއިހުރެ މި އަހަރަށް އޮތީ ފަސްކުރަން ޖެހުނީ ކަމަށެވެ.
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 މާދަމާރޭ ބޭއްވި ނަމަވެސް 2025ގެ ކާމިޔާބީތައް ފާހަގަކުރާ އެވޯޑު ހަފުލާ، "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2026" މިއަހަރުގެ ފަހުކޮޅު އޮންނާނެ!،" މިނިސްޓްރީން ބުނެފައިވެ އެވެ.
މި ފަހަރުގެ ސްޕޯޓްސް އެވޯޑްސްއާ ގުޅޭ ގޮތުން ގިނަ ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ. އެ ގޮތުން، ބައެއް އެެވޯޑްތަކުގެ ނޮމިނޭޝަންތައް ފަހު ވަގުތު ބަދަލުވުމާއި ނޮމިނޭޓްވި ބައެއް ފަރާތްތަކުގެ ނަން އުނިވުމުން އެވޯޑްގެ އިންސާފުވެރިކަމާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
މާދަމާރޭ ބާއްވާ އެވޯޑްސް އަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ނޮމިނޭޝަން ފޮނުވާފައެއް ނުވެ އެވެ. އެ ގޮތުން، 2024 ވަނަ އަހަރު ރާއްޖޭގައި ފުޓްބޯޅައިގެ ގައުމީ ލެވަލްގެ މުބާރާތްތަކެއް ބޭއްވިފައިނުވާއިރު، ބާސްކެޓްބޯޅަ އަށް ބޭއްވުނީ އެންމެ މުބާރާތެއް ކަމުން ނޮމިނޭޝަން ހުށަނޭޅުމަށް ނިންމި ކަމަށްވެ އެވެ. އަދި، ސާފިން އެސޯސިއޭޝަނަށް ނޮމިނޭޝަން ހުށަހެޅުނީ މުއްދަތު ހަމަވި ފަހުންނެވެ.
މިދިޔަ ސަރުކާރުގެ ކުޅިވަރު ވުޒާރާއިން ފެށި ސްޕޯޓްސް އެވޯޑްސްގެ މި ހާތަނަށް ބޭއްވުނީ ތިން ހަފްލާ އެވެ. އެއީ، މިދިޔަ ސަރުކާރުން ބޭއްވި ދެ އެވޯޑް ހަފްލާގެ އިތުރުން މި ސަރުކާރުން 2024 ވަނަ އަހަރު ބޭއްވި އެވޯޑް ހަފްލާ އެވެ.
Comment