15 ފެބުރުވަރީ 2026 - 21:02 1
ސާއިފް ޝިޔާދު
15 ފެބުރުވަރީ 2026 - 21:02 1
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުން ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓަށް ތާއިދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ޅ. ކުރެންދޫގައި އެމްޑީޕީގެ ހަރުގެ ހުޅުވުމަށްފަހު އެ ތަނުގައި ހުންނަވައި ވާހަކަ ދައްކަވަމުން ސޯލިހު ވަނީ ފެންނަ ނުފެންނަ ވޯޓާމެދު ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން އަވަސް އަރުވާލައިގެން އެފަދަ ބަދަލެއް ގެނައުމަށް މަސައްކަތް ކުރަމުންދަނީ ކީއްވެގެންތޯ ހުރިހާ ރައްޔިތުން ވެސް އަހަން ޖެހޭ ކަމަށް ސޯލިހު ވިދާޅުވި އެވެ.
"މި ފެންނަ ނުފެންނަ ވޯޓާ މެދު އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަން ޖެހޭނެ. އަޅުގަނޑަކަށް ނުފެނޭ ރައީސް މުއިއްޒު [ހުށަހަޅުއްވާ ގޮތަށް] އަޅުގަނޑުމެން ތާއިދު ކުރާކަށް މިވަގު. އެއީ ހެޔޮ ނިޔަތެއްގައި ގެންނަ ވޯޓެއް ނޫން،" ސޯލިހު ވިދާޅުވި އެވެ.
އެފަދަ ވޯޓެއް ނެގުމުގެ ކުރިން ވަރަށް ގިނަ ބަހުސްތަކެއް ކުރަން ޖެހޭ ކަމަށާއި އެ ބަހުސްތައް ނުކޮށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ ހަމައަށް ގޮސްގެން ނުވާނެ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
މިހާރު އިންތިހާބުތައް އޮންނަ ގޮތް ވެސް ކަމުނުދާ ކަމަށް ސޯލިހު ވިދާޅުވި އެވެ. ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރާ ހަމައިން ފެށިގެން އުފެެދުނު ކޮންމެ ސަރުކާރަކަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ލިބޭ ކަމަށް ސޯލިހު ފާހަގަކުރެއްވި އެވެ.
"ވެރިއަކަށް އަންނަ މީހާގެ އަތް ދަށަށް ބިރު ދައްކައިގެން ނަމަވެސް އެބަ ރައްޔިތުންގެ ނުފޫޒު ފޯރުވައިގެން ވެސް މަސައްކަތްކުރޭ. މިހާތަނަށް މަޖިލިސް އިންތިހާބުތަކުން ފެނިފައި ހުރީ އެ ގޮތް،" ސޯލިހު ވިދާޅުވި އެވެ.
އެ ކަން ހައްލު ކުރުމަށް ދެ ގޮތެއް ސޯލިހު ހުށަހެޅުއްވި އެވެ. އޭގެ ތެރެއިން އެއްގޮތަކީ ދެ އަހަރު ބަޔަށް މަޖިލީހުގެ ދައުރު ކުރު ކުރުން ކަމަށް 25 އަހަރު ގާނޫނު ހަދާ މަޖިލީހުގައި ހިދުމަތް ކުރެއްވި ސޯލިހު ވިދާޅުވި އެވެ.
"މިހާރު އެ ބުނާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބާ އެކު ވޯޓު ނެގުމަށް ފަހު ހެދި ދާނެ އެއްގޮތް، ދެ އަހަރު ބަޔަކަށް ރައްޔިތުންގެ މަޖިލިސް ކުރު ކުރުން، ކޮށްފައި ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބާ އެކު ނަގާނީ. އެއަށް ފަހު ދެ އަހަރު ބައިކޮށްފައި ވޯޓަކަށް ދާނީ،" ސޯލިހު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ފަސް އަހަރުގެ ދައުރުގައި ޖަވާބުދާރީ ކުރެވޭނެ ގޮތެއް ހަދަން ޖެހިފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.
"ފަސް އަހަރަކަށް އިންތިހާބު ކުރާ ރައީސުލްޖުމްހޫރިއްޔާ ކުރާ މަސައްކަތާ މެދު ރައްޔިތުން ދެކޭ ގޮތް ކޮންމެވެސް ހިސާބެއްގައި ބަލަން ޖެހޭ. އެއް ގޮތަކީ މިޑް ޓާމްގައި ދެ އަހަރު ބައިކޮށްފައި ރައްޔިތުންނާ ހަމައަށް އައުން މަޖިލިސް އިންތިހާބު،" ސޯލިހު ހުށަހަޅުއްވާ ދެވަނަ ގޮތް ވިދާޅުވި އެވެ.
ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ މި ބިލުގައި ބުނެފައިވަނީ މީގެ ފަހުން މަޖިލިސް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ބާއްވަން ޖެހޭނީ ރައީސުލްޖުމްހުރިއްޔާއަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާއެކު ކަމަށެވެ.
މި ގޮތަށް މަޖިލީހުގެ ދައުރު ފެއްތުމަށް މީގެ ފަހުން އަލަށް ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭ ތާރީހު ޑިސެމްބަރު 1، އަށް ބަދަލުކުރަން މި ބިލުގައި ހިމަނާފައިވެ އެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ.
20 ވަނަ މަޖިލީހުގެ އުމުރު މި ބަދަލު އައިސްފިނަމަ ދައުރު ހަމަވާނީ ޑިސެމްބަރު 1، 2028، އަށެވެ. އެ ދުވަހުގެ ކުރިން އައު މަޖިލީހުގެ އިދާރީ ކަންކަން ފުރިހަމަކުރަން ވެސް ޖެހޭނެ އެވެ.
ގާނޫނުއަސާސީ އަށް މި ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ފާސްވެގެން ކަމަށް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. މި ބިލާއި ގުޅޭގޮތުން އަދަދު އާއި ވާހަކަދައްކަވަމުން ބަންޑާރަނައިބު އަހުމަދު އުޝާމް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނީ މަޖިލީހުން ފާސްކޮށް ބިލު ތަސްދީގުކޮށް ފޮނުވުމުން ކަމަށެވެ.
އެ ހިސާބުން މުއިއްޒު އެ ބިލާއި ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގަން އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށާއި ރައްޔިތުންގެ ތާއީދު މިކަމަށް ނުލިބިއްޖެނަމަ ބިލު ބާތިލުވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ދެ އިންތިހާބު އެއްކޮށްލާ ބިލު މަޖިލީހުން ފާސްކޮށް، އަންނަ އެޕްރީލް މަހު އޮންނަ ކައުންސިލް އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް ކައުންސިލް އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނެގޭނީ މި މަހު 18، ގެ ކުރިން ގާނޫނު ބަދަލުކޮށްގެން ކަމަށެވެ.
މިހާރު އޮތް ގޮތަށް ބިލު ފާސްވެއްޖެނަމަ 2028 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އޮންނާނީ އެއްކޮށެވެ. އެ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް ކަށަވަރުވެފައިވާ ހަމައެކަނި ކެންޑިޑޭޓަކީ މުއިއްޒު އެވެ.
Comment