15 ފެބުރުވަރީ 2026 - 14:44 0
ލީވާން އަލީ ނާސިރު
36 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރުކުރި ދެ މީހުން -- ފޮޓޯ: ފުލުހުން
15 ފެބުރުވަރީ 2026 - 14:44 0
ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމަންޓެއްގައި ފޮރުވައިގެން 36 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ މ. މުލައް، މަދާރުގެ، ހަސަން މަފާޒު، 26، އާއި ހ. ފިލްމީސައިޓް، ވިޝާމް މުހައްމަދު، 35، އެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށްވެސް 15 ދުވަސް ވަނީ ޖަހާފަ އެވެ.
އަތުލައިގަތް ޑްރަގު ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ވަނީ ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފަ އެވެ. އަތުލައިގަތް މަސްތުވާތަކެތީގެ އަގު 29 މިލިއަން ރުފިޔާއަށް އަރަ އެވެ.
މިއީ މި އަހަރު ތެރޭގައި ތެރޭގައި މިހާތަނަށް އެއްފަހަރާ އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި ފޮރުވައިގެން 30 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ވެސް ކަސްޓަމުން އަތުލައިގަތެވެ. އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް ތަހުގީގު ދަނީ ކުރިއަށެވެ.
Comment