about 2 hours 0
މަހްފޫޒް ސައީދު
about 2 hours 0
މީލާދުން 1620 ވަނަ އަހަރު އުފަންވި ހެންރީ ނެވިލް އަކީ ހަމައެކަނި އަދަބީ މަސައްކަތްތަކެއް ކުރި ޝަހުސިއްޔަތެއް ނޫނެވެ. އެއީ އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހުގައި އެންމެ ހައިޖާނުބޮޑުވި ދުވަސްވަރު އެ ދާއިރާގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި މީހެކެވެ. އިނގިރޭސި ސަފީރެއްގެ ދަރިއަކަށް ވީތީ ނެވިލް އަށް ސިޔާސީ ތައުލީމު ލިބުނީ ގޭތެރެއިންނެވެ. އޭނާގެ ސިޔާސީ ކެރިއަރު ބިނާކުރުމާއި، ސިޔާސީ މައިދާނުން ފުރުސަތުތައް ލިބުމުގެ މަގުތައް ކޮށި، ފަހިވަމުން ދިޔައީ އޭނާގެ އާއިލާގެ ސަބަބުންނޭ ދެންނެވިދާނެ އެވެ. "އިނގިރޭސިވިލާތުގެ ކޮމަންވެލްތު" ޒަމާނުގައި އޭނާ ވަނީ ކްރޮމްވެލްގެ "ކައުންސިލް އޮފް ސްޓޭޓް" ގެ މެންބަރެއްގެ ގޮތުގައި ހިދުމަތް ކޮށްފަ އެވެ. އޭނާއަކީ އިނގިރޭސި ދާހީލީ ހަނގުރާމައާއި، ރަސްގެފާނު އަވަހާރަކޮށްލުމާއި، ޖުމްހޫރީ ވެރިކަމެއް ގާއިމުކުރުމަށް ކުރި މަސައްކަތްތަކުގެ އިތުރުން، އަލުން ރަސްކަން އިއާދަވި މަންޒަރު ދުށް ޖީލުގެ ފަލްސަފާވެރިއެކެވެ. ވެރިކަމުގެ ބާރުތަކާއި، ގާނޫނީ ސައްހަކަމާއި، ބައިބައިވުންތަކާ ބެހޭ ސުވާލުތަކަކީ އޭނާއަށް ހަމައެކަނި ފަލްސަފީ ހިޔާލުތަކެއް ނޫނެވެ. އެއީ އޭނާގެ އަމަލީ ތަޖުރިބާގެ ތެރެއިން ދުށް ހަގީގަތްތަކެކެވެ.
އޭނާގެ މަޝްހޫރު ފޮތް، "ދަ އައިލް އޮފް ޕައިންސް" ފުރަތަމަ ނެރުނީ 1668 ތަފާތު ދެ ކަރުދާހެއްގަ އެވެ. ނަމަވެސް އެ އަހަރުގެ ފަހުކޮޅު އެ ދެބައި އެކުލަވައިލައިގެން އެއްފޮތެއްގެ ގޮތުގައި ޝާއިއުކުރެވުނެވެ. މި ފޮތް ވަރަށް އަވަހަށް މަގުބޫލުވެ، މުޅި ޔޫރަޕުގެ އެކި ބަސްބަހަށް ތަރުޖަމާ ކުރެވުނެވެ. މި ފޮތުގައި ހިމެނޭ ޖިންސީ ކަންކަމާ ގުޅޭ ފާޅުކަން ބޮޑު ވާހަކަތަކާއި، ސިޔާސީ ރަމްޒުތަކާއި، އަދި އިސްތިއުމާރީ ހިޔާލީ ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ޝައުގުވެރިކަން ލިބުނު ފަދައިން ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ. މިއީ އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ފޮތެއްގެ ގޮތުގައި ބައެއް މީހުން ދެކުނުއިރު، އަނެއް ބަޔަކަށް ގަބޫލުކުރެވުނީ މި ލިޔުމުގެ ފަހަތުގައި މާ ފުން އަދި މާ މުހިންމު މާނަތަކެއް ފޮރުވިފައިވާ ކަމަށެވެ.
ނެވިލް މި ފޮތް ލިޔުއްވުމުގެ އަސްލު މަގުސަދަކީ ކޮބައިކަން މިއަދުވެސް އޮތީ ސުވާލެއްގެ ތެރޭގަ އެވެ. މި ފޮތަކީ ވަކި ވައްތަރެއްގެ ލިޔުމެއްގެ ގޮތުގައި ކަނޑައަޅަން ދަތި ފޮތެކެވެ. މި ފޮތުގައި ދަތުރުނާމާއެއްގެ ސިފަތަކާއި، ސިޔާސީ މަލާމާތާއި، އަދި އަހުލާގީ ފިލާވަޅުތަކެއް ހިމެނޭ ހިޔާލީ ވާހަކައެއްގެ ސިފަތައް ވެސް އެކުލެވިގެންވެ އެވެ.
މި ވާހަކަ ބިނާވެފައިވަނީ ޑަޗް ކަނޑު ދަތުރުވެރިއެއް ކަމަށްވާ ހެންރީ ކޯނީލިއަސް ވެން ސްލޮޓެންގެ ކިޔައިދިނުމެއްގެ މައްޗަށެވެ. އޭނާ ކިޔައިދެނީ ދެކުނުގެ ކަނޑުތަކުގައިވާ އެކަހެރި ރަށެއްގެ ވާހަކަ އެވެ. އެ ރަށުން އޭނާއަށް ފެނުނީ އާދަޔާ ހިލާފު, ނަމަވެސް ނިޒާމީ އުސޫލުތަކެއްގެ މަތީގައި ދިރިއުޅެމުންދިޔަ، ގާތްގަނޑަކަށް 12,000 މީހުންގެ މުޖުތަމައެކެވެ. މި އެންމެންނަކީ ވެސް މީލާދީން 1569 ވަނަ އަހަރު އެ ރަށަށް އުރުނު އުޅަނދަކުން ސަލާމަތްވި އިނގިރޭސިއެއް ކަމަށްވާ ޖޯޖް ޕައިންގެ ދަރިފަސްކޮޅެވެ.
ވެން ސްލޮޓެންއާ އެ ރަށުގެ އޭރުގެ ރަސްގެފާނު ވިލިއަމްއާ ބައްދަލުވި އެވެ. ވިލިއަމްއަކީ ޕައިންގެ ކާފަދަރިއެކެވެ. އޭނާ ވެން ސްލޮޓެންއަށް އޭނާގެ ކާފަގެ ޑައިރީގެ ކޮޕީއެއް ދިނެވެ. އެ ރަށުގެ އަސްލު ތާރީހާއި ރަށުގެ އާބާދީ އުފެދިގެން އައި ގޮތް ހާމަވެގެންދަނީ މި ޑައިރީގެ ޒަރީއާއިންނެވެ.
ޑައިރީގައި ބުނާ ގޮތުން ޖޯޖް ޕައިން އެ ރަށުގައި އެކަހެރިވީ ހަތަރު އަންހެނުންނާއެކުގަ އެވެ. އެއީ އޭނާގެ ސާހިބުމީހާގެ ފަނަރަ އަހަރުގެ އަންހެން ދަރިފުޅާއި، ދެ އަންހެން ހާދިމުންގެ އިތުރުން ބަބުރު އަންހެނެކެވެ. ސަލާމަތްވާނެ އެއްވެސް އުންމީދެއް ނެތި އަދި ކުރާނެ ވަކި މަސައްކަތެއް ވެސް ނެތި ތިބެން ޖެހި ގިނަ ދުވަސް ވުމުން، އެ ހަތަރު އަންހެނުންނާއި، ޖޯރު ހުރި ފިރިހެނަކަށް އެރަށުގައި މުނިފޫހި ފިލުވާން އޮތީ އެންމެ ކަމެކެވެ. ޖިންސީ ގުޅުން ހިންގުމެވެ. ޕައިން އޭނާގެ ޑައިރީގައި ބަޔާންކޮށްފައިވާ ގޮތުގައި، އެކަހެރިވުމުގެ ސަބަބުން އިޖުތިމާއީ އާދަކާދަތައް ނެތިގޮސް، ސުލޫކީ މިންގަނޑުތައް ހިފަހައްޓާނެ އެއްވެސް ބާރެއް ނެތުމުން، ލަދުވެތިކަމުގެ ބަދަލުގައި އެއިން ކޮންމެ މީހަކީ ވެސް 'ކެރޭ' މީހަކަށް ވި އެވެ.
އެ ހަތަރު އަންހެނުންގެ ތެރެއިން ޕައިން ފުރަތަމަ ހިޔާރުކުރީ އެންމެ އިސްކޮޅުން ދިގު އަދި ރީތި އަންހެނާ އެވެ. ހެނދުނެއް މެންދުރެއް ހަވީރަކަށް ނުބަލައި ނިވަލެއް ނެތި އެ މިނިވަން ޖަރީޒާގެ އެކި ތަންތަނުގައި އޭނާއާއެކު އުޅެންފެށިތާ މާގިނަ ދުވަހެއް ނުވެ އެ އަންހެން މީހާ ބަލިވެ އިނެވެ. އެހެންކަމުން ދެން ޕައިން ހިޔާރުކުރީ އޭނާގެ ސާހިބު މީހާގެ ފަނަރަ އަހަރުގެ އަންހެން ދަރިފުޅެވެ. އޭނާ ވެސް ދުވަސްކޮޅަކުން ބަލިވެ އިނެވެ. ދެން އަނެއް ދެ އަންހެނުންނެވެ. މި ހިސާބުން ދަރިމައިވުމުގެ ކަންކަން ނިޒާމީ އުސޫލަކަށް ބަދަލުވި އެވެ. އެކަކު އަނެކަކަށް އެހީތެރިވެވޭނެހެން ވިހެއުމުގެ ދުވަސްވަރުތައް މޫސުންތަކަށް ބަހާލެވުނެވެ. ދިރިހުރުމަށްޓަކައި ކުރަން ފެށި ކަމެއް، މަޑުމަޑުން އާބާދީ އިތުރުކުރުމުގެ މަސައްކަތަކަށް ބަދަލުވި އެވެ. އުމުރުން އަށްޑިހަ އަހަރުގައި ޕައިން މަރުވިއިރު، އޭނާގެ ސަތާރަ ސަތޭކަ އަށްޑިހަ ނުވަ ދަރިން ތިބި ކަމަށް އޭނާގެ ޑައިރީގައި ބުނެފައި ވެ އެވެ.
ޖީލުތައް އިތުރުވަމުން ދިޔަވަރަކަށް، އެރަށުގެ އާބާދީ އެކި ގަބީލާތަކަށް ބެހިގެންދިޔަ އެވެ. މި ގަބީލާތަކަށް ނަން ދެވިފައިވަނީ އެމީހުންގެ މައިންގެ ނަމުންނެވެ. ޕައިން ރަސްކަން ކުރީ މުއައްސަސާ ނިޒާމެއްގެ ބަދަލުގައި، މުޅި އާބާދީގެ ބަފައިކަލުންގެ ހައިސިއްޔަތުން ލިބިފައިވާ ބާރުގެ ދަށުންނެވެ. ފެށުމުގައި އެ ރަށަކީ އަމާން، ތަނަވަސް އަދި ބޭރުގެ ނުރައްކަލެއް ނެތް، މައްސަލަތައް މަދު ތަނެކެވެ.
ނަމަވެސް އާބާދީ ބޮޑުވަމުން ދިޔަވަރަކަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ކޮންމެ އާ ޖީލަކާއެކު ވެރިކަމުގެ ބާރުތަކާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ދުރުވަމުން ދިޔަ އެވެ. ގަބީލާތަކުގެ މެދުގައި އޮތް ތަފާތުކުރުންތައް ބޮޑުވެ، ވާދަވެރިކަން އުފެދުނެވެ. އާއިލީ އުސޫލުން ފެށުނު ވެރިކަން، ސިޔާސީ ހަމަނުޖެހުމަށް ބަދަލުވެގެން ދިޔަ އެވެ.
އެންމެ ފަހުން، ނުތަނަވަސްކަން ބޮޑުވެ ބަގާވާތަކަށް މަގުފަހިވި އެވެ. ވާރުތަވަމުން އައި ވެރިކަމާމެދު އުފެދުނު ހިތްހަމަނުޖެހުންތަކުގެ ސަބަބުން ދާހިލީ ހަނގުރާމައެއް ފެށުނެވެ. މި ދަނޑިވަޅުގައި ވެން ސްލޮޓެން އާއި އޭނާގެ ޑަޗް ފަޅުވެރިން އެކަމުގެ ތެރެއަށް ވަދެ، ވެރިކަންކުރާ ފަރާތަށް އެހީތެރިވެ ބަގާވާތް މައިތިރިކުރި އެވެ. ބަގާވާތުގެ ލީޑަރު ހިފާ މަރާލެވުނެވެ. ޕައިންގެ ޖަޒީރާގައި އަމާންކަން އަލުން ގާއިމުކުރެވުނީ ބޭރުގެ ބާރެއްގެ އެހީގަ އެވެ. އެކަހެރިކަމުގެ ތެރޭގައި އުފެދުނު މި މުޖުތަމައުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ބަރޯސާވާންޖެހުނީ ބޭރުގެ ނުފޫޒާއި އެހީތެރިކަމަށެވެ.
"ދަ އައިލް އޮފް ޕައިންސް" ނުވަތަ "ޕައިންސްގެ ޖަޒީރާ" އޭގެ ކުރިން ލިޔެވިފައިވާ ހިޔާލީ މުޖުތަމައުތަކާ ބެހޭ ވާހަކަތަކާ ތަފާތުވަނީ، އެހެން ވާހަކަތަކާ ހިލާފަށް، މި ވާހަކައިގައި ފަލްސަފާއާއި ދީނާއި ސައިންސަށްވުރެ ބޮޑަށް ޖިންސީ އެދުންވެރިކަމަށް އިސްކަންދީފައި ވާތީ އެވެ. ތޯމަސް މޯރ ފަދަ ލިޔުންތެރިންގެ ނިޒާމީ މުޖުތަމައުތަކާއި، ފްރާންސިސް ބޭކަންގެ ސައިންސުގެ މައްޗަށް ބިނާވެފައިވާ ވެރިކަމާ ހިލާފަށް ހެންރީ ނެވިލްގެ މި ވާހަކަ ބިނާވެފައިވަނީ އިންސާނީ އެދުންތަކުގެ މައްޗަށެވެ.
މި ފޮތުގައި ޖިންސީ މިނިވަންކަމަށް ދީފައިވާ އަހަންމިއްޔަތުގެ ސަބަބުން ފޮތަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ބައެއް ފާޑުކިޔުންތެރިން މިއީ ހަމައެކަނި "ޖިންސީ ދުނިޔެއެއް" ގޮތުގައި ސިފަކުރި އެވެ. އަދި 'ޕައިންސް' އަކީ ވެސް ފިރިހެނުންގެ ހަށިގަނޑުގެ ބަޔަކަށް އިނގިރޭސި ބަހުގައި ކިޔާ ނަމުގެ އަކުރުތައް އަލުން ތަރުތީބުކޮށްގެން އުފައްދާފައިވާ ނަމެއް ކަމަށް ވެސް ބައެއް މީހުން ދެކެ އެވެ. ނަމަވެސް، މިއީ ހަމައެކަނި ފާހިޝް ކަންތައްތަކެއް ގެނެސްދޭ ފޮތެއްގެ ގޮތުގައި ދެކުމަކީ މި ލިޔުމުގެ ފަހަތުގައިވާ ސިޔާސީ ބާރުވެރިކަމުގެ މުހިންމު މެސެޖުތަކަށް އިހުމާލުވުމެވެ.
ނެވިލް ހުށަހަޅައިދެނީ އިންސާނީ ޖިންސީ އެދުންވެރިކަމުގެ ތެރެއިން ގުދުރަތީ ގޮތުން އުފެދިގެން އަންނަ މުޖުތަމައެކެވެ. ތަނަވަސްކަމާއި މުއްސަނދިކަން ލިބިވުމަކީ އިންސާނާގެ ކިބައިގައިވާ ކުރިއަރައިދިއުމުގެ އެދުން ނައްތާލެވޭނެ ކަމެއް ނޫނެވެ. އަދި އެއް ނަސްލަކުން އައި ބައެއް ކަމުގައި ވިޔަސް، ބައިބައިވުން އުފެދުމަކީ ހުއްޓުވޭނެ ކަމެއް ނޫނެވެ. ކިތަންމެ އެކަހެރި ތަނެއްގައި ވިޔަސް، މުޖުތަމައުއެއްގެ މެދުގައި އެކި ގިންތިތައް އުފެދުމަކީ ނައްތާލެވޭނޭ ކަމެއް ނޫންކަން މި ލިޔުމުން ހާމަވެ އެވެ.
މި ވާހަކައިގައި ފެންނަ ބަގާވާތަކީ ވަރަށް މުހިންމު ބައެކެވެ. އެކަމުން ހާމަވަނީ ހަމަނުޖެހުން އުފެދެނީ ބޭރުގެ ނުފޫޒަކުން ނޫން ކަމާއި، އެއީ މުޖުތަމައުގެ އެތެރޭގައި އުފެދޭ ނުތަނަވަސްކަމެއްގެ ނަތީޖާ ކަމެވެ. ހަމައެއާއެކު، ހުރިހައި މޮޅެއް ލިބި، ހުރިހައި ކަމެއް ފުރިހަމަ ވެފައި އޮތް މުޖުތަމައުއެއްގައި ވެސް، ކުރާނޭ ކަމެއް ނެތް، ބޭކާރު ނުވަތަ ކަންނެތް މީހުން ގިނަވުމަކީ އެ މުޖުތަމައު ފަސާދަވުމުގެ އަސްލު ސަބަބަށް ވެގެންދާކަން މިފޮތުން ދައްކުވައި ދެ އެވެ.
މި ރަށުގައި އުފެދުނު ބަގާވާތް މައިތިރިކުރުމަށް ޑަޗުން މެދުވެރިވުމުން އެހެން ކަމެއް ވެސް ފާހަގަވެ އެވެ. އެއީ ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލަކީ ނާޒުކު އެއްޗެއްކަން ބުނެދޭން ލިޔުންތެރިޔާ ކުރި މަސައްކަތެވެ. އެތެރޭގެ ސުލްހަ ގާއިމުކުރުމަށްޓަކައި ވެސް ބައެއް ފަހަރު ބޭރުގެ ބާރުތަކަށް ބަރޯސާވާން ޖެހެ އެވެ. މި ވާހަކައިން ލިޔުންތެރިޔާ އެ ފާހަގަކުރަނީ ބިދޭސީ ބާރުތަކާ ރަނގަޅު ގުޅުމެއް އުފައްދައިފައި އޮތުމުގެ މުހިންމު ކަމެވެ.
މި ފޮތް ލިޔުމުގައި ނެވިލްގެ އަސްލު މަގުސަދަކީ ކޮބައިކަން މުޅިން ސާފެއް ނޫނެވެ. މިއީ ސިޔާސީ މަލާމާތެއް، ނުވަތަ އިސްތިއުމާރީ ހިޔާލީ ވާހަކައެއް، ނޫނީ އަހުލާގީ އިންޒާރެއް ކަމަށްވެސް ވެދާނެ އެވެ. އިނގިރޭސިވިލާތުގެ ދާހިލީ ހަނގުރާމައަށްފަހު ލިޔެފައިވާ މި ވާހަކައަކީ، ޖުމްހޫރީ ނިޒާމުތަކުގެ ނާޒުކުކަމާއި ބައިބައިވުން އުފެދުމުގެ ފުރުސަތު އޮތް މިންވަރު ސިފަކޮށްދޭ ފަލްސަފާއެއްގެ ގޮތުގައި ބެލެވިދާނެ އެވެ.
ކުރީގެ ހިޔާލީ މުޖުތަމައުތަކާ ހިލާފަށް، "ޕައިންސްގެ ޖަޒީރާ" އަކީ ހުރިހާ ގޮތަކުން ފުރިހަމަ ތަނެއްގެ ގޮތުގައި ސިފައެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ދައްކައިދެނީ އިންސާނީ ފިތުރަތުގެ ތެރެއިން ކަންކަން ހިނގާނެ ގޮތެވެ. މުޖުތަމައުއެއް ފެށެނީ އެ މުޖުތަމައުގައި ހިމެނޭ އިންސާނުންތަކެއްގެ އަމިއްލަ އެދުންތަކުންނެވެ. އިންސާނީ އެދުމަކީ ނިމުމެއް ވާ އެއްޗެެއް ނޫންކަމުން ޒަމާނާއެކު އިންސާނުން އެދޭ ކަންކަން ދާނީ ތަނަވަސްވަމުން ފުޅާވަމުންނެވެ. އެެއްވެސް މުޖުތަމައުއެއްގެ އަފުރާދުންގެ އުއްމީދާއި އެ މުޖުތަމައުގެ ހަގީގަތުގެ ތިލަފަތް ހަމަހަމަ ނުކުރެވިއްޖެނަމަ، ވަކި ހިސާބަކުން އެ މުޖުތަމައު އޭގެ އަމިއްލަ ބަރުދަނަށް ކެތްނުކުރެވި ބައިބައިވެގެންދާނެ އެވެ. މިކަހަލަ ހައިޖާނަކަށްފަހު ނިޒާމެއް އަލުން ގާއިމުވާއިރު، އެކަމަށްޓަކައި އެ މުޖުތަމައުއަކުން ބޮޑު އަގެއް ދައްކަންޖެހެ އެވެ.
އެއްވެސް މުޖުތަމައުއަކީ މި ޒަމާނުގައި ހަމައެކަނި މޮޅު ރޭވުންތެރިކަމަކުން ފަރުމާކުރެވޭނޭ އެއްޗެއް ނޫނެވެ. ރަނގަޅު މުޖުތަމައުއެއް ބިނާވުން އޮންނާނީ އެ މުޖުތަމައުގެ އިންސާނުން ތަމުރީނުވެފައިވާ ގޮތާއި، އެ މީހުންގެ ދިރިއުޅުމުގެ މަގުސަދު ކަމުގައި ދެކޭ ކަންކަމުގެ މައްޗަށެވެ. މި ފޮތުން ކިޔުންތެރިންގެ ވިސްނުން ގެންދާން މަސައްކަތްކުރަނީ މި ފިކުރުތަކާ ދިމާލަށެވެ.
Comment