about 16 hours 0
މަހްފޫޒް ސައީދު
about 16 hours 0
ފްރާންސިސް ބޭކަން އަކީ މިޒަމާނީ ތާރީހުގެ ކުރީކޮޅުގައި ދުނިޔެ ދުށް އެންމެ ނުފޫޒުގަދަ ފިކުރުވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. ވަކީލެކެވެ. އެހެންނަމަވެސް އޭނާ ބޮޑަށް މަޝްހޫރުވެފައިވަނީ ސައިންސުގެ ފަލްސަފާވެރިއެއްގެ ގޮތުގަ އެވެ. އޭނާއަކީ އޭރުގެ ބޯދާ ތައުލީމީ އުސޫލުތަކަށް ފާޑުކިޔައި، ހެކިތަކާއި ތަޖުރިބާގެ މައްޗަށް ބިނާވާ ދިރާސާތަކަށް ބާރުއެޅި އިސް މޭސްތިރިއެކެވެ. ބޭކަން އަކީ ސިޔާސީ ގޮތުން ވެސް ނުފޫޒުގަދަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އިނގިރޭސިވިލާތުގެ އެޓާނީ ޖެނެރަލްކަމާއި ލޯޑް ޗާންސެލަރކަން ފަދަ މަތީ މަގާމުތައް ފުރުއްވުމުގެ ސަބަބުން، އިލްމާއި ބާރުވެރިކަމާ ދެމެދުގައި ހުރި ގުޅުން އަމަލީ ގޮތުން ދެނެގަނެ ތަޖުރިބާކުރުމުގެ ފުރުސަތު އޭނާއަށް ލިބިގެންދިޔަ އެވެ.
ބޭކަންގެ ފިކުރުތައް މިއަދާ ހަމައަށް ވެސް ދެމިއޮތް އެންމެ ބޮޑު ސަބަބަކީ، އިލްމަކީ އިންސާނުންނަށް އޭގެ މަންފާކުރާނެ ބޭނުންތެރި އެއްޗަކަށް ވާންޖެހޭނެ ކަމަށް އޭނާ ކުރި ވަރުގަދަ ވަކާލާތެވެ. އޭނާ ވަކާލާތު ކުރެއްވި ގޮތުގައި، ސައިންސަކީ ހަމައެކަނި ހިޔާލީ ފިކުރުތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ވުމުގެ ބަދަލުގައި، އެއީ އިންސާނުންގެ ދިރިއުޅުން އާރާސްތުކޮށް ކުރިއެރުވުމަށްޓަކައި ހިންގޭ ނިޒާމީ މަސައްކަތަކަށް ވާން ޖެހެ އެވެ. ބޭކަން އަވަހާރަވި ފަހުން، 1627 ވަނަ އަހަރު ޝާއިއުކުރެވުނު "ނިއު އެޓްލާންޓިސް" އަކީ އޭނާގެ މި ދެންނެވި ފިކުރުތައް ވާހަކައެއްގެ ސިފައިގައި ވަރަށް ފުރިހަމައަށް ބަޔާންކޮށްދީފައިވާ ފޮތެކެވެ.
"ނިއު އެޓްލާންޓިސް" ބިނާވެފައިވަނީ ކުރު ދަތުރުނާމާއެއްގެ މައްޗަށެވެ. މި ވާހަކައިގައި ސިފަކޮށްދެނީ، ކަނޑުމަތީގައި މަގުއޮޅުނު ޔޫރަޕުގެ ފަޅުވެރިންތަކަކަށް، "ބެންސަލެމް" ގެ ނަމުން ނަންދެވިފައިވާ އެކަހެރި ރަށަކަށް ދެވޭގޮތްވާ ހާދިސާ އެވެ. އެ ރަށަކީ ނިޒާމީ ގޮތުން ތަރުތީބުވެފައިވާ، ތަނަވަސް އަދި އާދަޔާ ހިލާފަށް އަމާން ރަށެކެވެ. އެ ރަށުގެ އަހުލުވެރިންނަކީ އަދަބުވެރި، ދީންވެރި އަދި އަހުލާގީ ގޮތުން ނަމޫނާ ބައެކެވެ. މުޅި މުޖުތަމައުއަކީ ތަރައްގީގެ ގޮތުން ކުރިއަރާފައިވާ، ހަމަޖެހޭ މުޖުތަމައެކެވެ.
މި ދަތުރުވެރިންނަށް އެ ރަށުގެ ކަންކަން އިތުރަށް ބަލައި ދެނެގަތުމުގެ ފުރުސަތު ލިބުމުން، އެ ރަށުގެ ކުރިއެރުމުގެ އަސްލު ބިންގަލަކީ "ސޮލޮމަންސް ހައުސް" ގެ ނަމުން ނަންދެވިފައިވާ މުއައްސަސާއެއްކަން އެނގެ އެވެ. މިއީ ގުދުރަތީ ކަންކަން އިލްމީ ގޮތެއްގައި ދިރާސާކުރުމަށް ހާއްސަކޮށްގެން ދައުލަތުގެ ފުރިހަމަ އެހީތެރިކަމާއެކު ހިންގާ ވަރަށް ފުޅާ ތަހުގީގީ މަރުކަޒެކެވެ. އެ ތަނުގެ މެންބަރުން ބޭސްވެރިކަމާއި، ފިޒިކްސް، ކެމިސްޓްރީ، ދަނޑުވެރިކަން އަދި އިންޖިނިއަރިންގ ފަދަ ދާއިރާތަކުން ތަހުލީލުތައް ކުރެ އެވެ. އެކި ދާއިރާތަކުން ހޯދާ އިލްމީ ހޯދުންތައް ފަރުވާތެރިކަމާއެކު ދިރާސާކޮށް، އޭގެ ބޭނުން ހިފަނީ މުޅި މުޖުތަމައުގެ ލާބަޔާއި މަންފާއަށެވެ.
"ބެންސަލެމް" ގެ އަހުލުވެރިން ހޯދާ މި ހުރިހައި އިލްމެއް އާންމުކޮށް ފަތުރައި ހާމައެއް ނުކުރެ އެވެ. ހާމަކުރާނީ ކޮން ހޯދުންތަކެއްކަމާއި، ސިއްރުކޮށްފައި ބަހައްޓާނީ ކޮން ކަންތައްތަކެއްކަން ނިންމަނީ "ސޮލޮމަންސް ހައުސް" އިންނެވެ. ބެންސަލެމްގައި ސައިންސަކީ ބާރުގަދަ، ތަރުތީބުވެފައިވާ، އަދި އާންމުންގެ ހިޔާލުތަކާ ވަކިން ހިންގާ ނިޒާމެކެވެ. އެ ތަނުގައި ދީނާއި ސައިންސް އެކުގައި ކުރިއަށްދަނީ އެއްވެސް ފުށުއެރުމެއް ނެތި، އިޖުތިމާއީ ބަދަހިކަމަށް ބާރުދެމުންނެވެ.
ބެންސަލަމްގެ ހަމައެކަނި ހާއްސަ ސިފައަކީ އެ ރަށުގެ ސައިންޓިފިކް ކުރިއެރުމާއި ތަހުޒީބީ މިންގަނޑެއް ނޫނެވެ. އެ ރަށުގައި އޮތް އާދަކާދައިގެ އޮބެހެއްޓުމަކީ ވެސް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. ފަހުގެ ޒަމާންތަކުގައި ތަސައްވުރުކުރެވުނު 'ފުރިހަމަ މުޖުތަމައު'ތަކާ ހިލާފަށް، ބޭކަންގެ މި ރަށަކީ އާއިލީ އޮނިގަނޑާއި ޖިންސީ މިނިވަންކަމުގެ ތަޖުރިބާތަކާ ދުރު، ހަރުދަނާ އުސޫލުތަކެއްގެ މަތީގައި ބިނާވެފައިވާ ތަނެކެވެ. މި މުޖުތަމައުގެ އަސާސީ ފަލްސަފާއަކީ އަމިއްލަ މިނިވަންކަމަށްވުރެ ބޮޑަށް އިޖުތިމާއީ ނިޒާމާއި ތަރުތީބު ދެމެހެއްޓުމެވެ.
ބެންސަލަމްގައި ކައިވެންޏަކީ އަހުލާގީ ގޮތުން ނުހަނު މަތިވެރި، ހަރުދަނާ ގަވާއިދުތަކަކުން ހިފެހެއްޓިފައިވާ އަދި މުޖުތަމައުގައި ބޮޑު އިހުތިރާމެއް ދެވިފައިވާ ކަމެކެވެ. މި މުޖުތަމައުގައި ކައިވެނިން ބޭރު ޖިންސީ ގުޅުންތަކަށް ނުހަނު ބޮޑަށް ދެކޮޅުހަދާއިރު، އިއްފަތްތެރިކަމާއި ސާފުތާހިރުކަމަކީ އަދަބުވެރިކަމުގެ މުހިންމު ސިފައެއްގެ ގޮތުގައި ތަކުރާރުކޮށް ފާހަގަކުރެ އެވެ. ބޭކަން ސިފަކުރައްވާ ގޮތުގައި ޖިންސީ އަދަބުވެރިކަމަކީ އިންސާނާ ހިފަހައްޓައި އޮބެހެއްޓުމަށް ހެދިފައިވާ ގަވާއިދުތަކެއް ނޫނެވެ. އެއީ އިޖުތިމާއީ ހަމަޖެހުމުގެ އަސްލެވެ. ނަފްސާނީ އެދުންތަކަކީ ބުއްދީގެ ހަމަތަކުން ކޮންޓްރޯލް ކުރަންޖެހޭ ކަމެއްގެ ގޮތުގައި މި މުޖުތަމައުގައި ދެކެ އެވެ.
އެ ރަށުގެ އާދަކާދަތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ "އާއިލީ އީދު" ފާހަގަކުރުމެވެ. މިއީ ބޮޑެތި އާއިލާތައް ބިނާކޮށް، ދަރިން ބޮޑުކުރާ ފިރިހެނުންގެ ޝަރަފުގައި ބާއްވާ ރަސްމިއްޔާތެކެވެ. މިފަދަ ބަފައިންނަކީ ގައުމީ ބަތަލުންގެ ގޮތުގައި ބަލައި، ދައުލަތުން އެމީހުންނަށް އާންމު އިހުތިރާމާއި މާއްދީ އިނާޔަތްތައް ވެސް ދެ އެވެ. ދަރިމައިވުމާއި، އާއިލީ ދެމެހެއްޓެނިވިކަމާއި، އަދި ބަފައިންގެ ބާރުވެރިކަމަކީ އެ ދައުލަތުގެ އަހުލާގީ ބިންގާ ކަމުގައި "ބެންސަލެމް"ގެ އަހުލުވެރިން ދެކެ އެވެ.
ކައިވެނި ކުރުމުގެ ކުރިން އޮންނަ މަރުހަލާވެސް ވަނީ ވަކި އުސޫލުތަކަކުން ބައްޓަންކުރެވިފަ އެވެ. ކައިވެނިކުރަން ގަސްދުކުރާ ދެމީހުންނަށް، ކައިވެނީގެ ކުރިން އެކަކު އަނެކަކުގެ 'ހަށިގަނޑުގެ ހަގީގަތް' ބަލައިލުމުގެ ހުއްދަ އޮވެ އެވެ. މިކަން ބޭކަން ހުށަހަޅުއްވަނީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގަ އެވެ. މީގެ މައިގަނޑު މަގުސަދަކީ ޖިންސީ އެދުންވެރިކަން ނިއްވުމެއް ނޫނެވެ. ނަމަވެސް ދެމީހުންގެ މެދުގައި އޮންނަންޖެހޭ ތެދުވެރިކަމާއި ސާފުކަމާއި، 'ކޮންޕެޓިބިލިޓީ' ކަށަވަރުކުރުމެވެ. ބޭކަން ދެކެވަޑައިގަންނަވާ ގޮތުގައި ކައިވެންޏަކީ އޮޅުވާލުމެއް ނުވަތަ ކުށްހީތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ވެގެން ނުވާނެ އެވެ. މިފަދަ ގުޅުންތަކުގައިވެސް އިސްކަންދެނީ ޖަޒުބާތީ އޮއިވަރަކަށްވުރެ ބޮޑަށް ބުއްދިވެރި، ތަރުތީބުވެގެންވާ އުސޫލުތަކަށެވެ.
ބެންސަލަމްގެ އަންހެނުންގެ ދައުރު ވަރަށް ތަފާތެވެ. އެމީހުންނަށް އިހުތިރާމުކުރެވި، ރައްކާތެރިކަން ދެވި، އާއިލީ ދިރިއުޅުމުގެ މުހިންމު ބައެއްގެ ގޮތުގައި ބެލެވުނު ކަމުގައި ވިޔަސް، ދައުލަތުގެ ބާރުވެރި މަގާމުތަކާއި ސައިންޓިފިކް ދާއިރާތަކުން ފުރުސަތެއް ނުދެވެ އެވެ. އިލްމު އުނގެނުމުގެ މަރުކަޒު ކަމުގައިވާ "ސޮލޮމަންސް ހައުސް" ގައި މުޅިންވެސް ތިބެނީ ފިރިހެނުންނެވެ. އަންހެނުންގެ ޒިންމާއަކީ ގޭތެރޭގެ ކަންކަން ބެލެހެއްޓުމާއި ތަރުތީބުކުރުމާއި ފިރިންނަށް ހިދުމަތް ކުރުމެވެ. އިލްމީ އަދި އިދާރީ ލީޑަޝިޕް އޮންނަނީ ފިރިހެނުންގެ އަތްމަތީގަ އެވެ.
ދީނަކީ މި ހުރިހާ އުސޫލުތަކެއް ވަރުގަދަކޮށްދޭ ބާރެކެވެ. ބެންސަލަމަކީ ނަސާރާ ދީނުގެ އަސާސްތަކާއި ބުއްދީގެ ހަމަތައް އެއްކޮށްލާފައިވާ މުޖުތަމައުއެކެވެ. ޖިންސީ އަހުލާގާއި އާއިލީ އޮނިގަނޑާއި އަދި ކިޔަމަންތެރިކަމަކީ އިލާހީ ނިޒާމާއި ސައިންޓިފިކް ތަރުތީބުގެ ބައެއްގެ ގޮތުގައި އެ މީހުން ދެކެ އެވެ. އެ ރަށުގެ މީހުންގެ މެދުގައި އަހުލާގީ ގޮތުން އެއްވެސް ފުށުއެރުމެއް ނެތް އިރު، އެ ނިޒާމަށް ތަބާވުމަކީ އެރަށުގެ ކޮންމެ ރައްޔިތެއްގެ ކިބައިގައި ހުރި ތަބީއީ ސިފައެއް ފަދަ ކަމެކެވެ.
"ނިއު އެޓްލާންޓިސް" އަކީ 'ފުރިހަމަ މުޖުތަމައެއް'ގެ ތަސައްވުރު ބަދަލުވެގެން ދިޔަ ގޮތް ދައްކުވައިދޭ ވަރަށް މުހިންމު ލިޔުމެކެވެ. މީގެ ކުރީގެ މިފަދަ ލިޔުންތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ މުދަލާއި، ގާނޫނާއި، އަދި އިޖުތިމާއީ އިންތިޒާމުތަކުގެ މައްޗަށެވެ. ނަމަވެސް ފްރާންސިސް ބޭކަންގެ މި ތަސައްވުރު ބިނާވެފައިވަނީ ސައިންޓިފިކް އިލްމާއި ހޯދުންތަކުގެ މައްޗަށެވެ. މި ނިޒާމުގައި ބާރުތައް އޮންނަނީ ފަލްސަފާވެރި ރަސްކަލުން ނުވަތަ ދީނީ އިސްވެރިންގެ އަތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، ބާރުތައް ހިންގަނީ ދިރާސާވެރިންނާއި، ތަޖުރިބާކާރުންނާއި، އަދި މައުލޫމާތު ބަލަހައްޓާ މާހިރުންނެވެ.
މި ފޮތަކީ ޒަމާނީ ދިރާސާވެރި ދައުލަތްތަކުގެ ސިފަތައް ކުރިއާލާ ބަޔާންކޮށްދިން ފޮތެކެވެ. މިއަދުގެ ޔުނިވަރސިޓީތަކާއި، ލެބޯޓްރީތަކާއި، ސިޔާސަތުތައް ދިރާސާކުރާ އިދާރާތަކާއި، އަދި ސަރުކާރުގެ އެހީގައި ހިންގާ ސައިންޓިފިކް މަސައްކަތްތަކަކީ، ނަމުގެ ގޮތުން ތަފާތުވި ނަމަވެސް، މި ފޮތުގައި ބަޔާންކުރާ "ސޮލޮމަންސް ހައުސް" ގެ މަފްހޫމް އާ ވަރަށް އެއްގޮތް ތަންތަނެވެ. ބޭކަން ސިފަކުރައްވަނީ މެދުކެނޑުމެއް ނެތި ކުރިއެރުންތައް ލިބޭ، އަދި މާހިރުންގެ ބެލުމުގެ ދަށުން ހިންގޭ ދުނިޔެއެކެވެ.
ހަމައެއާއެކު، "ނިއު އެޓްލާންޓިސް" އިން ކަންބޮޑުވާންޖެހޭ ފަދަ ސުވާލުތަކެއް ވެސް އުފައްދަ އެވެ. އެއީ އިލްމާއި މައުލޫމާތު ވަކި ބައެއްގެ މުށުތެރޭގައި މަރުކަޒުވެފައި އޮތުމެވެ. ހަގީގަތަކީ ކޮބައިކަމާއި، ހާމަކުރާނީ ކޮން މައުލޫމާތެއްކަން ނިންމަނީ މަދު ބައެއްގެ މައްޗަށް އެކުލެވޭ ނުފޫޒުގަދަ ޖަމާއަތަކުންނެވެ. އާންމުންނަށް ސައިންސްގެ ފައިދާ ލިބުނު ކަމުގައިވިޔަސް، އެކަންކަން މިސްރާބުކުރުމުގައި އެމީހުންގެ އެއްވެސް ދައުރެއް ނޯވެ އެވެ.
މި ފޮތް މުހިންމުވާ އަނެއް ސަބަބަކީ، ސައިންޓިފިކް ކުރިއެރުމަކީ ސިޔާސީ އަދި އިޖުތިމާއީ އިސްލާހުގެ ބިންގާ ކަމަށް ދެކޭ ޒަމާނީ ފިކުރު އުފަންވި ގޮތް މި ފޮތުން ހާމަވާތީ އެވެ. މި ގަބޫލުކުރުމުގެ ސަބަބުން ނުކުންނާނީ މިނިވަންކަންތޯ ނުވަތަ އަޅުވެތިކަންތޯ، މިއީ އޭގެ ފަހުން އައި "ޑިސްޓޯޕިއަން" (ބިރުވެރި މުޖުތަމައުތައް ސިފަކުރާ) ލިޔުންތެރިން ފުންކޮށް ދިރާސާކުރި ސުވާލެކެވެ.
'ނިއު އެޓްލާންޓިސް' އަކީ މިހާ ޒަމާނީ، އަދި ހަމައެހެންމެ ނުތަނަވަސްކަން ވެރިކުރުވާ ފަދަ ފޮތަކަށްވާ ސަބަބަކީ މިއެވެ. މި ފޮތުން ތަސައްވުރު ކޮށްދެނީ، ކަންކަމުގެ މާހިރުންގެ ބާރު ހިނގާ، އިޖާދީ ހޯދުންތައް ހަލުވި މިނެއްގައި ކުރިއަރާ، އަދި މުޅި މުޖުތަމައުގެ ލާބައަށްޓަކައި މީހުންގެ އަމިއްލަ ދިރިއުޅުން ހަރުދަނާ އުސޫލުތަކަކުން ބައްޓަންކުރެވިފައިވާ ދުނިޔެއެކެވެ. މި ދުނިޔޭގައި އުފާ ފާޅުކުރުމުގެ ހުއްދަ އޮތް ނަމަވެސް، އެކަން ހުއްދަވެގެންވަނީ ވަރަށް ބޮޑަށް ބަލައި، ކަނޑައެޅިފައިވާ ވަކި ހުދޫދުތަކެއްގެ ތެރޭގަ އެވެ.
'ބެންސަލެމް' އިން ފެނިގެންދަނީ، ސައިންސުގެ ސަބަބުން ގަދީމީ އާދަކާދަތައް އުވިގެންދިއުމުގެ ބަދަލުގައި، އެ އާދަކާދަތައް ސައިންސުގެ ތެރެއަށް ލާމެހި، މުޖުތަމައުގެ ދަރަޖަތައް އިތުރަށް ވަރުގަދަވެގެންދާ މަންޒަރެވެ. އެ ރަށުގައި އޮތް ހަމަހިމޭން ފުރިހަމަކަން ބިނާވެފައިވަނީ ހަމައެކަނި އާ ހޯދުންތަކުގެ މައްޗަކަށް ނޫނެވެ. އެއީ ރައްޔިތުންގެ ކިޔަމަންތެރިކަމުގެ މައްޗަށްވެސް ބިނާވެފައިވާ ކަމެކެވެ.
Comment